ފުރަތަމަ ސަފްޙާ / ޚަބަރު / މާޅޮހު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޕިޕޯން އެފްސީ ހޯދައިފި

މާޅޮހު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޕިޕޯން އެފްސީ ހޯދައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 5 އޮގަސްޓް 2020

ބ.މާޅޮހުގައި ކުރިއަށްދިޔަ ބެސްޓްބަޑީޒް ބޮޑު ޢީދު ފުޓްސަލް ކަޕް 2020ގެ ފައިނަލްގައި އެފްސީ ބަޑީޒް 1 -0 ން ބަލިކޮށް ޕިޕޯން އެފްސީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މާޅޮހު ފުޓްސަލް ދަނޑުގައި ރޭ ކުޅެނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައި އެއްވެސް ޓީމަކަށް ލަނޑެއްނުޖެހިއެވެ. އެކަމަކު ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނިޓްގައި ޕިޕޯން އެފްސީ ގެ މަމްދޫހު މުޅިން ހުސްކޮށްލާފައި ގޯލްކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޝާފިޢު މަޑުމަޑުން ގޯލުގެ ތެރެއަށް ފޮނުވާލައިގެ ޕިޕޯން އެފްސީ ލީޑު ނެގިއެވެ.  އޭގެފަހުންވެސް ދެޓީމަށް ލަނޑުޖަހާނެ ރަގަޅު ފުރުޞަތުތައް ލިބިގެން ދިޔައެވެ. އެހެން ނަމަވެސް މެޗު ނިމިގެން ދިޔައީ އިތުރު ގޯލެއް ނުފެނިއެވެ. މެޗު ނިމުމާއެކު މުބާރާތުގެ އެކި މަޤާމުތަކަށް ހޮވުނު ފަރާތްތަކަށް ޓްރޮފީ އާއި މެޑެލް އަލި ފައިސާ ގެ އިނާމު ޙަވާލުކޮށްފައިވެއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޕިޕޯން އެފްސީގެ ހަމައެކަނި ގޯލް ރޭ ކާމިޔާބުކޮށްދިނުމަށް އެހީވި މަމްދޫޙު އަބުދުލްޤާދިރު ހޯދިއިރު އޭނާ ވަނީ މުބާރާތުން ހޮވި އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފަ އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް އެމް.އެސް.ޑީ ގެމުޙައްމަދު އިފްހާމް ހޯދިއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ސެމީ ފައިނަލްގައި ޗެމްޕިއަން ޕިޕޯން އެފްސީ އަތުން ބަލިވި ލޮސް އަމީގޯސްގެ މުޙައްމަދު އަމީމް އަށެވެ.  މަމްދޫހް އާއި އަމީމްގެ އިތުރުން މުބާރާތުން ހޮވި އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ޕިޕޯން އެފްސީގެ އަޙުމަދު ޢާލިމް އާއި އެ ޓީމްގެ ގޯލް ކީޕަރު ހަސަން ނަޒީހްގެ އިތުރުން އެފްސީ ބަޑީޒްގެ އަޙުމަދު ޙުމައިދު އާއި ލޮސް އަމީގޯސްގެ މުޙައްމަދު ރީޙާން އެވެ.

މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމާއި، މެޑަލް އަދި ޓްރޮފީ ހަވާލުކުރުމުގެ އިތުރުން މުބާރާތުގެ އޮފިޝަލުންނަށް ހަނދާނީ ލިޔުން ވެސް ރޭ ދީފައިވެއެވެ. މިމުބާރާތުގައި ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އޭދަފުށްޓަށް ނިސްބަތް ވާ ތިން ރެފްރީން ކަމަށްވާ އަލީ ޝަފީޤް، ސައިފުﷲ މޫސާ އަދި ޝައްފާން އަބޫބަކުރެވެ.

މިމުބާރާތަކީ ބ.މާޅޮހުގައި މިހާތަނަށް ބޭއްވުނު އެންމެ ފެންވަރު ރަނގަޅު ފުޓްސަލް މުބާރާތް ކަމަށް އެނގިފައިވެއެވެ. ފެންވަރު ރަނގަޅު ފުޓްސެލް ދަނޑެއް މާޅޮހަށް ލިބުމާއެކެ އެދަނޑުގައި އިންތިޒާމްތަކާއި ކުޅުމުގެ ފެންވަރު ރަނގަޅު މުބާރާތެއް ބޭއްވުނުކަމީ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށްވެސް ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށް މުބާރާތް އިންތިޒާމްކުރި ފަރާތުން މައުލޫމާތުދީފައިވެއެވެ. މުބާރާތް އިންތިޒާމްކުރި ބެސްޓް ބަޑީޒް ގުރޫޕުން އަންނަ އަހަރުވެސް މި މުބާރާތް ބާއްވާނެކަމަށް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އިޢުލާން  ކޮށްފައިވެއެވެ.

ޗެމްޕިއަންކަން ހޯދި ޓީމަށް ޓްރޮފީއާއި މެޑެއްޔާއެކު ދިހަހާސް ރުފިޔާ (ނަގުދު ފައިސާއިން) އަދި ރަނަރއަޕް ޓީމަށް މެޑެއްޔާއެކު ދެހާސް ރުފިޔާ (ނަގުދު ފައިސާއިން) ހަވާލުކުރެވިގެން ދިޔަ މި މުބާރާތުގެ ސްޕޮންސަރަކީ ޖޭއެސްޒެޑް އިންވެސްޓްމެންޓް ލިމިޓެޑެވެ. މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ ނުވަ ޓީމަކުން ވާދަކޮށްފައިވެއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!