ފުރަތަމަ ސަފްޙާ / ޚަބަރު / ބާސެލޯނާ ކަޓުވާލުމަށް ފަހު އެތުލެޓިކޯ މެޑްރިޑް ފައިނަލަށް

ބާސެލޯނާ ކަޓުވާލުމަށް ފަހު އެތުލެޓިކޯ މެޑްރިޑް ފައިނަލަށް

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 10 ޖެނުއަރީ 2020

ސްޕެނިޝް ސުޕަރ ކަޕްގައި ރޭ ބާސެލޯނާގެ މައްޗަށް ކުރި ހޯދައި އެތުލެޓިކޯ މެޑްރިޑުން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ. ސައޫދީ އަރަބިއްޔާގެ ކިންގް ޢަބްދުﷲ ސްޕޯޓްސް ސިޓީގައި ރޭ ކުޅުނު މެޗްގައި އެތުލެޓިކޯ މެޑްރިޑުން ބާސެލޯނާ ބަލިކުރީ ފަހަތުން އަރައި 2-3 އިންނެވެ.

ސީޒަން ހުޅުވުމުގެ ގޮތުން ސްޕެނިޝް ލީގުގެ ޗެމްޕިއަން ޓީމާއި ކޮޕަ ޑެލް ރޭގެ ޗެމްޕިއަން ޓީމް ވާދަކުރާ ގޮތަށް ކުރިން ކުޅެމުން އައި ސްޕެނިޝް ސުޕަރ ކަޕްގެ ފޯމެޓަށް ބަދަލުގެނައިފަހުން މުބާރާތް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. ފޯމެޓަށް ގެނައި ބަދަލާއެކު މުބާރާތުގައި މިހާރު ވާދަކުރަނީ ޖުމްލަ ހަތަރު ޓީމެވެ. އެއީ ސްޕެނިޝް ލީގުގެ ޗެމްޕިއަން ޓީމާއި ރަނައަޕް ޓީމްގެ އިތުރުން ކޮޕަ ޑެލް ރޭގެ ޗެމްޕިއަން ޓީމާއި ރަނަރ އަޕް ޓީމެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗްގައި ފެނުނު ފަސް ގޯލްވެސް ޖަހައިފައިވަނީ މެޗްގެ ފަހު ހާފްގައެވެ. މެޗްގައި ފުރަތަމަ ލީޑް ނެގީ އެތުލެޓިކޯ މެޑްރިޑުންނެވެ. ފަހު ހާފް ފަށައިގެން ފުރަތަމަ މިނެޓްގެ ތެރޭގައި އެތުލެޓިކޯ އަށް މެޗްގެ ލީޑް ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ފަހު ހާފަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ސްޕެއިންގެ މިޑްފީލްޑަރ ކޯކޭ އެވެ. އެކަމަކު އޭގެ ފަސް މިނެޓް ފަހުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކުރި ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަވިއެވެ. ދެން ފެނުނީ މެޗްގެ 62 ވަނަ މިނެޓްގައި މި ސީޒަނަށް އެތުލެޓިކޯ މެޑްރިޑުން ބާސެލޯނާއަށް ބަދަލުވި ފްރާންސްގެ ފޯވާޑް އަންޓުއަން ގްރީޒްމަން ލަނޑެއް ޖަހައި ބާސެލޯނާ އަށް ލީޑް ހޯދައިދިން ތަނެވެ. އެކަމަކު އެތުލެޓިކޯ އިން ހިތްވަރު އެލުވައިނުލައި ކުޅުމުގެ ނަތީޖާއަކަށްވީ މެޗްގެ 81 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީ އެއް ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ ގޯލަކަށް ބަދަލުކޮށް މެޗްގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މެޗުން މޮޅުވި ލަނޑު އެތުލެޓިކޯ މެޑްރިޑަށް ކާމިޔާބުކޮށްދީފައިވަނީ މެޗް ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އާޖެންޓީނާގެ ފޯވާޑް އެންހަލް ކޮރޭއާ އެވެ.

ބާސެލޯނާ އަށް މެޗް ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރަން ލިބުނު ރަނގަޅު ފުރުސަތުގައި ތަޖްރިބާކާރު ޑިފެންޑަރު ޖެރާޑް ޕީކޭ ބޮލުން އެތުލެޓިކޯގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. މީގެ އިތުރުން މެޗްގެ ނަތީޖާ 1-1 ގައި އޮއްވައި އެތުލެޓިކޯ މެޑްރިޑްގެ ގޯލްގެ ތެރެއަށް ބާސެލޯނާގެ މެސީ ބޯޅައެއް ވައްދާލިނަމަވެސް ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން ބޯޅައިން މެސީގެ އަތުގައި ޖެހުނު ކަމަށް ބަލައި ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ.

މުބާރާތުގެ ފައިނަލްގައި އެތުލެޓިކޯ މެޑްރިޑް ވާދަކުރަން ޖެހޭނީ ބުދަ ދުވަހުގެ ރޭ ކުޅުނު މުބާރާތުގެ ފުރަތަމަ މެޗްގައި ވެލެންސިއާގެ މައްޗަށް 1-3 އިން ކުރި ހޯދި ރެއާލް މެޑްރިޑާ އެވެ. ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!