ފުރަތަމަ ސަފްޙާ / ޚަބަރު / އިބްރަހިމޮވިޗް އެނބުރި އައި މެޗުން މިލާނަށް ޕޮއިންޓެއް

އިބްރަހިމޮވިޗް އެނބުރި އައި މެޗުން މިލާނަށް ޕޮއިންޓެއް

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 7 ޖެނުއަރީ 2020

މި މަހު ހިލޭ ޓްރާންސްފާއެއްގައި ހަ މަސް ދުވަހުގެ މުއްދަތަށް އިޓަލީގެ އޭސީ މިލާނަށް އެނބުރި އައި އުމުރުން 38 އަހަރުގެ ޒަލަޓަން އިބްރަހިމޮވިޗް މިލާނަށް ކުޅުނު ފުރަތަމަ މެޗު ސަމްޕްޑޯރިއާއާ ވާދަކޮށް އެއްވަރުވެއްޖެ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 0-0 އިންނެވެ.

ރޭގެ މެޗުގައި އިބްރަހިމޮވިޗް ކުޅެން އެރީ 55 ވަނަ މިނެޓުގައި ކްރިޒްޓޯފް ޕިއަޓެކްގެ ބަދަލުގަ އެވެ. މެޗުގައި އިބްރަހިމޮވިޗް ބޮލުން ފޮނުވާލި ދެ ބޯޅައިގެ ތެރެއިން އެއް ބޯޅަ ގޯލު ރޮނގުމަތިން ސަމްޕްޑޯރިއާގެ ކުޅުންތެރިއަކު ސާފުކޮށްލިއިރު އަނެއް ބޯޅަ އެޓީމުގެ ގޯލްކީޕަރު އެމިލް އައުޑޭރޯ ވަނީ ހިފަހައްޓައިފަ އެވެ.

މިލާނަށް މީގެ ކުރިން އިބްރަހިމޮވިޗް ކުޅުނީ 2010 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. ފުރަތަމަ އަހަރު ލޯނު އުސޫލުން އެ ކްލަބަށް ބަދަލުވުމަށް ފަހު އޭނާ ވަނީ ފަހުން ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިލާނުގައި ހޭދަކުރި ދެ އަހަރުގެ ތެރޭގައި އިބްރާހިމޮވިޗް ވަނީ 85 މެޗުގައި 56 ގޯލު ޖަހައި 11-2010 ވަނަ ސީޒަނުގައި އިޓަލީ ލީގު ކާމިޔާބުކޮށްފަ އެވެ. އެއަށްފަހު އޭނާ ވަނީ ފްރާންސްގެ ޕީއެސްޖީ އާއި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެފަ އެވެ. މިލާނަށް އިބްރަހިމޮވިޗް ބަދަލުވީ އެމެރިކާ ލީގުގައި އެލްއޭ ގެލަކްސީއަށް ކުޅުމަށް ފަހު އެވެ.

މިލާންގެ އިތުރުން އިންޓަ މިލާނާއި ޔުވެންޓަސް އަށް ވެސް ކުރިން ކުޅެފައިވާ އިބްރަހިމޮވިޗް ވަނީ އިޓަލީ ލީގުގައި 122 ގޯލު ޖަހައިފަ އެވެ. އެމެރިކާގެ އެލްއޭ ގެލަކްސީ އިބްރަހިމޮވިޗް ދޫކޮށްލީ މިދިޔަ އަހަރު އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުންނެވެ. އެލްއޭ ގެލެކްސީގައި ހޭދަކުރި މުއްދަތުގައި އިބްރަހިމޮވިޗް ވަނީ 53 ގޯލު ޖަހައިފަ އެވެ.

ރޭގެ ނަތީޖާއާ އެކު މިލާން އޮތީ އިޓަލީ ލީގުގެ 12 ވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!