މަގޫދޫ އެލް4 ކަޕް: ރޭ އެންމެ ބޮޑު މޮޅު ބިލެއްދޫގެ ޒަލްޒަލާ އަށް

ފ. މަގޫދޫ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެލް4 ކަޕް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން އެންމެ ބޮޑު މޮޅު އެފްސީ ޒަލްޒަލާ ހޯދައިފި އެވެ.
ރޭ ޒަލްޒަލާ އިން ވަނީ 10-2 އިން ބީސީ 2030 ބަލިކޮށްފަ އެވެ. ޒަލްޒަލާ އަކީ އެ އަތޮޅު ބިލެއްދޫ އަށް ނިސްބަތްވާ ޓީމެކެވެ. އެ ޓީމުގައި ހިމެނެނީ މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރި ޓީމުގެ ކުޅުންތެރިންނެވެ. ރަށުން ބޭރު އެއްވެސް ކުޅުންތެރިއަކު އެޓީމަކު ނުހިމެނެ އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޒަލްޒަލާ ޓީމުގެ ނަދީފް އެވެ.
އެންމެ ފަހުގެ ޗެމްޕިއަންސް ބީސީ ސްޕޯޓްސް ކްލަބް ރޭ ވަނީ ގަޓް ސިޓީ 2-5 އިން ބަލިކޮށްފަ އެވެ. މަޝްހޫރު ފުޓްސަލް ކުޅުންތެރިން ހިމެނޭ ބީސީ އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ވެސް ކާމިޔާބުކުރި އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހީމް އައިސަމް އެވެ.

މުބާރާތުގައި ވާދަކުރާ ބިލެއްދޫގެ ޒަލްޒަލާ ޓީމް. ފޮޓޯ: މަގޫދޫ އެލް4 ކަޕް
ޕަވަރ އެޓޭކް ވަނީ އެޓީމުގެ ފުރަތަމަ މެޗުގައި ފަވްޒް ނިއު ޖެނެރޭޝަން 1-5 އިން ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕަވަރ އެޓޭކްގެ ޒައިދާން އެވެ.
ސީއެސް ސްޕޯޓްސް – ސްކޯޕިއަން ރޭ ވަނީ ފަވްޒް ސްޕޯޓްސް ކްލަބް އަތުން 1-3 އިން މޮޅުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސީއެސްގެ އަހުމަދު މުއާޒް އެވެ.
މުބާރާތުގައި މިރޭ ވެސް ހަތަރު މެޗު ކުޅޭނެ އެވެ. މިރޭ 8 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފަވްޒް ނިއު ޖެނެރޭޝަން އާއި އޭއެމްޑީ އެވެ. އޭގެފަހުން ކުޅޭ މެޗުގައި އެފްސީ ޒަލްޒަލާ ނުކުންނާނީ އެޒް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މިރޭ 10 ޖަހާއިރު ވާދަކުރާނީ ގަޓް ސިޓީ އާއި ޕަވަރ އެޓޭކް އެވެ. ފަހު މެޗުގައި 11 ޖަހާއިރު ކުޅޭނީ ސީއެސް ސްޕޯޓްސް އާއި ބީސީ 2030 އެވެ.
މަގޫދޫ އެލް4 ކަޕްގެ ޗެމްޕިއަންކަން މިދިޔަ ދެ އަހަރު ވެސް ހޯދީ ދަރަނބޫދޫގެ ބީސީ ސްޕޯޓްސް ކްލަބުންނެވެ. މިއަހަރު މުބާރާތް މިލްކުކުރަން އެޓީމު ނުކުތީ ވަރުގަދަ ޓީމަކާ އެކު އެވެ.
މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.
Advertisement


Leave a Reply