ރާމޯސް އަށް އަނިޔާވެ ލިވަޕޫލާ ދެކޮޅަށް ނުކުޅެވޭނެ

Advertisement

ރާމޯސް އަށް އަނިޔާވެ ލިވަޕޫލާ ދެކޮޅަށް ނުކުޅެވޭނެ

ޢަލީ ޝަހީމް

ބައިނަލްއަގްވާމީ މެޗުތައް ކުޅުމަށް ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމާއެކު އުޅެނިކޮށް ސާޖިއޯ ރާމޯސް އަށް އަނިޔާވެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑުން ލިވަޕޫލާ ދެކޮޅަށް ކުޅޭ ދެ މެޗުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.

ޔޫރަޕްގެ ފުޓްބޯޅަ ލީގުތައް މެދުކަނޑާލުމަށް ފަހު މިދިޔަ ދެ ހަފްތާ ކުޅުނީ ބައިނަލްއަގްވާމީ މެޗުތަކެވެ. ރާމޯސް އަށް އަނިޔާވީ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ބުދަ ދުވަހު ކޮސޯވޯއާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގަ އެވެ. މެޗަށްފަހު ޖެހިގެން އަދި ދުވަހު ހެދި ސްކޭންތަކުން ރާމޯސްގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާކަން ވަނީ ކަށަވަރުވެފަ އެވެ. ކޮސޯވޯ އަތުން 3-1 އިން ސްޕެއިން މޮޅުވި މެޗުގެ ކުރިން ވެސް ފަރިތަކުރުންތަކުގައި އަނިޔާގެ އިހުސާސް ކުރެވުނު ކަމަށް ރާމޯސް ބުންޏެވެ.

“ކުރިއަށްހުރި ވަރުގަދަ މެޗުތަކުގައި ޓީމާއެކު ނުހުރެވުމަކީ އަހަރެންނަށް ވަރަށް އަސަރުކުރާކަމެއް” މިހާރު އުމުރުން 35 އަހަރުގެ ރެއާލްގެ ކެޕްޓަން ބުންޏެވެ.

ލިވަޕޫލާ ދެކޮޅަށް ފުރަތަމަ ލެގްގައި ރެއާލް ނުކުންނާނީ މި މަހުގެ 6 ވަނަ ދުވަހު އެވެ. މި ދެޓީމުގެ ދެވަނަ މެޗު އޮންނާނީ 14 އޭޕްރީލްގަ އެވެ. މި ދެމެޗުގައި ވެސް ރާމޯސް އަށް ނުކުޅެވުމަކީ ރެއާލަށް ކުރިމަތިވާނެ ބޮޑު މައްސަލައެކެވެ.

ރެއާލް މެޑްރިޑާ ލިވަޕޫލް މެޗަކީ 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގެ ރިޕީޓެކެވެ. އެ މެޗުގައި ރާމޯސް އަތުން ވީ އަނިޔާއަކާ ގުޅިގެން ލިވަޕޫލްގެ އެންމެ މުހިއްމު ކުޅުންތެރިޔާ މުހައްމަދު ސަލާހް ފުރަތަމަ ހާފުގައި ދަނޑުން ބާލަން ޖެހުނެވެ. އެއަށްފަހު ރާމޯސް އަށް ސޯޝަލް މީޑިއާއިން ޕްރެޝަރު ވެސް ބޮޑުވި އެވެ. އެ ސީޒަނުގެ ފައިނަލުގައި ރެއާލުން ވަނީ 3-1 އިން ލިވަޕޫލް ބަލިކޮށްފަ އެވެ. މިއީ އޭގެފަހުން ޗެމްޕިއަންސް ލީގުގައި މި ދެޓީމުގެ މެޗެއް ކުޅޭ ފުރަތަމަ ފަހަރެވެ.

ރާމޯސް އާއި ސަލާހްއާ ދެމެދު ހިނގި ކަންތަކާ ގުޅޭގޮތުން ސަލާހް ބުނީ އޭނާގެ އަމާޒަކީ ކުއާޓާ ފައިނަލުގައި ރެއާލް ބަލިކޮށް ސެމީ ފައިނަލުން ފުރުސަތު ހޯދުންކަމަށާއި، ކުރިން ހިނގި އެއްވެސް ކަމަކާމެދު ވިސްނުމުގެ ބޭނުމެއް މިހާރު ނެތްކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *