ސްޕެއިންގެ ގައުމީ ޓީމުން ރާމޯސް ބާކީކޮށްފި
2010 އަދި 2012 ވަނަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިން އިން ކާމިޔާބުކުރި އިރު އެ ޓީމްގެ ޑިފެންސް ލައިންގައި މުހިއްމު ދައުރެއް އަދާކުރި ރެޢަލް މެޑްރިޑްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ބާކީ ކުރުމަށްފަހު މިފަހަރުގެ ޔޫރޯ މުބާރާތަށްދާ ސްޕެއިންގެ ސްކޮޑް ފައިނަލްކޮށްފި އެވެ.
އަންނަ މަހުގެ 11 ވަނަ ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްޕެއިންގެ ޓީމުން އުމުރުން 35 އަހަރުގެ ރާމޯސް އަށް ކޯޗް ލުއިސް އެންރީކޭ ފުރުސަތު ނުދިން އިރު މި ސީޒަންގައި ރާމޯސްގެ ފަރާތުން ފެނިފައިވަނީ އެހެން ގިނަ އަހަރު ތަކުގައި ދެއްކި ކުޅުމާ އަޅާ ބަލާއިރު ދަށް ކުޅުމެކެވެ.
ރާމޯސް އަޅަމުން އައި ކެޕްޓަން ބޭންޑް މިފަހަރު އަޅާނީ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ބާސެލޯނާގެ ސާޖިއޯ ބުސްކެޓްސް އެވެ. ސްޕެއިންގެ ސްކޮޑުން ރާމޯސްގެ ބަދަލުގައި ފުރުސަތު ދީފައިވަނީ ސިޓީއަށް ކުޅެމުން އަންނަ ފްރާންސަށް އުފަން 26 އަހަރުގެ އެމެރިކް ލަޕޯޓޭ އަށެވެ. ސްޕެއިން ޓީމަށް ކުޅެން ޔޫއެފާގައި ލަޕޯޓޭ އެދުނު އެދުން އެފަރާތުން ވަނީ މި މަހުގެ ކުރީކޮޅު ގަބޫލުކޮށްފަ އެވެ.
ގައުމީ ޓީމްގެ ސްކޮޑް އިއުލާންކުރުމަށްފަހު މީޑިއާ އާ ވާހަކަދައްކަމުން ސްޕެއިންގެ ކޯޗް އެންރީކޭ ބުނީ ރާމޯސްއަށް މި ސީޒަންގައި އެންމެ ރަގަޅަށް ކުޅެވޭ ގޮތް ނުވީ ކަމަށާއި، ޓީމުގެ ކުޅުންތެރިންނާއެކު އެކަށީގެންވާ ވަރަށް ފަރިތަކުރެވޭ ގޮތް ވެސް ނުވި ކަމަށެވެ.
“ރާމޯސްއަށް އަހަރެން ރޭގަ ގުޅިން. ރާމޯސް ބާކީ ކުރުމަކީ ވަރަށް އުނދަގޫ ނިންމުމެއް.” މީޑިއާ އާ ވާހަކަދައްކަމުން އެންރީކޭ މިއަދު ބުނެފައިވެ އެވެ.
“އަހަރެންނަށް ވަރަށް ސާފުކޮށް އެނގޭ މިއީ ވަރަށް ގިނަ އޮޅުންތައް ކުރިމަތިވާނެ ނިންމުމެއްކަންވެސް. އަހަރެން ބުނިން ރާމޯސްގެ ހުރި ހިތްވަރު ދައްކާލުމަށްފަހު އަނެއްކާވެސް ގައުމީ ޓީމުން ޖާގަ ހޯދަން.” އެންރީކޭ ބުނެފައިވެ އެވެ.
މިފަހަރުގެ ޔޫރޯ މުބާރާތަކީ 2004 ވަނަ އަހަރަށްފަހު ރާމޯސް އަށް ސްޕެއިންގެ ޖޯޒީ ލުމުގެ ފުރުސަތު ގެއްލޭ ފުރަތަމަ ބޮޑު މުބާރާތެވެ. ކޮވިޑްަގެ ސަބަބުންނާއި އަދި ލިބުނު އަނިޔާތަކުގެ ސަބަބުން މި ސީޒަންގައި ރެއާލް އިން ކުޅުނު 35 މެޗެއް ރާމޯސް އަށް ގެއްލުނެވެ. މި ސީޒަންގައި ރާމޯސްގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ސާޖަރީއެއްވެސް ހަދައިފަ އެވެ. އެންމެ ފަހުންއ ރެއާލުން ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު ލީގު މެޗްގައިވެސް ރާމޯސް އިނީ ބެންޗުގަ އެވެ.
Advertisement
Leave a Reply