މިއެޓް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ކަންމަތި އެފްސީ ދިފާއުކޮށްފި

ކ. ތުލުސްދޫ މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިއެޓް) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ތުލުސްދޫގައި ބޭއްވި މިއެޓް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ކަންމަތި ފުޓްބޯލް ކްލަބުން ދިފާއުކޮށްފި އެވެ. ކަންމަތި ޓީމުން ޗެމްޕިއަންކަން ހޯދީ ރޭ އެރަށު ޓާފް ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި އެޕޮކަލިޕްސްއާ ވާދަކޮށް 5-5 އިން މެޗު އެއްވަރުވުމުން ޕެނަލްޓީގައި 2-1 އިން ކުރި ހޯދައިގެންނެވެ.
މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ވެސް ކަންމަތި ޓީމުން ހޯދީ ޕެނަލްޓީގައި މޮޅުވެގެންނެވެ. އެ ފައިނަލުގައި ހިންމަފުށީ ފުޓްބޯޅަ ޓީމާ ވާދަކޮށް އެއްވަރުވީ 2-2 އިންނެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 4-4 އިން ދެޓީމު އެއްވަރުވެގެންނެވެ. އެއްވަރުވުމުން އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ފަސް މިނެޓުގެ ދެ ހާފު ނިމުނީ 5-5 އިން ނަތީޖާ ހަމަހަމަ ވެގެންނެވެ. މެޗުގައި ކަންމަތި ޓީމުގެ ފަސް ގޯލުގެ ތެރެއިން އިބްރާހީމް އަސްވަދު (ގަބޭ) އާއި އަލީ ހާފިޒް (ހާއްޕެ)، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ގޯލު ޖަހައިދިނީ އާދަމް އަޒްމީން އެވެ. މެޗުގައި އެޕޮކަލިޕްސްގެ ގޯލުތައް ޖަހައިދިނީ އަބްދުﷲ މުއާޒް، އަހުމަދު ނަސީމް، އަލީ ޝިޔާހް، މުހައްމަދު މިދުހަތު އަދި މުހައްމަދު ނައުފަލް އަލީ އެވެ.
އެއްވަރުވެގެން ޖެހި ޕެނަލްޓީގައި އެޕޮކަލިޕްސް އަށް އެއް ޕެނަލްޓީ ވައްދާނުލެވުނު އިރު ކަންމަތި އެފްސީ އިން ވަނީ ތިން ޕެނަލްޓީ ވެސް ވައްދާލައިފަ އެވެ. މެޗުގެ ފުރަތަމަ ޕެނަލްޓީ ކަންމަތި އެފްސީގެ އިބްރާހީމް ސިނާހް (ސިނާ) ވައްދާލިއިރު އެޕޮކަލިޕްސްގެ ފުރަތަމަ ޕެނަލްޓީ އިބްރާހީމް މުބީން (މުއްކި) ޖެހުމުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ކަންމަތި އެފްސީގެ ދެ ވަނަ ޕެނަލްޓީ އިބްރާހީމް އަސްވަދު (ގަބޭ) ވައްދާލިއިރު އެޕޮކަލިޕްސްގެ ދެ ވަނަ ޕެނަލްޓީ މިދުހަތު ވަނީ ވައްދާލައިފަ އެވެ. ކަންމަތި އެފްސީއަށް ޗެމްޕިއަންކަން ކަށަވަރުވީ އެޓީމުގެ ތިން ވަނަ ޕެނަލްޓީ ހާއްޕެ ވައްދާލުމުންނެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ހަތަރު ކުޅުންތެރިން. ދެން ހިމެނުނީ ހުރާ ޓީމުގެ ހަމްދާން. – ފޮޓޯ: މިއެޓް ޖަމިއްޔާ
ފުޓްސަލްގެ މަޝްހޫރު ކުޅުންތެރިން ތިބި ކަންމަތި އެފްސީއާ ދެކޮޅަށް އެޕޮކަލިޕްސް އިން ރޭ މޮޅު ކުޅުމެއް ދެއްކިއިރު އެޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މެޗުގެ ފަހު ހާފުގައި މުހިއްމު ކުޅުންތެރިޔާ ޝިޔާހް އަށް އަނިޔާވެ ބާކީ ބައި ނުކުޅެވުމެވެ. ޝިޔާހް އަށް އަނިޔާވުމުން އޭނާ ވަގުތުން އެރަށުގެ ހެލްތު ސެންޓަރަށް ގެންގޮސް ވަނީ ފަރުވާދީފަ އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ނުވަ ގޯލާއެކު ހޯދީ ހާއްޕެ އެވެ. މީގެ އިތުރުން މުޅި މުބާރާތުގެ ފުޓްސަލް ކިންގަކަށް ވެސް ހޮވުނީ ހާއްޕެ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އެޕޮކަލިޕްސްގެ މުއްކި އާއި ޝިޔާހް އަދި ގޯލްކީޕަރު ނަސްރުﷲ މުހައްމަދުގެ އިތުރުން ކަންމަތި އެފްސީގެ ގަބޭ އަދި ހުރާ ފުޓްބޯލް ކްލަބުގެ އަލީ ހަމްދާން އެވެ.
މިއެޓް ޖަމިއްޔާއިން ބޭއްވި ދެ ވަނަ ފުޓްސަލް ފިއެސްޓާގައި 10 ޓީމަކުން ވަނީ ވާދަކޮށްފަ އެވެ. ޓީމުތައް ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔައިރު ސެމީ ފައިނަލުގެ ސީދާ ޖާގައެއް ލިބުނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދި ޓީމުތަކަށެވެ. ސެމީގެ ފަހު ޖާގަ ހުރާއަށް ލިބުނީ ދެ ވަނަ ހޯދި އެންމެ މޮޅު ދެޓީމުގެ މެދުގައި ކުޅުނު ޕްލޭ އޮފް މެޗު ކާމިޔާބުކޮށްގެންނެވެ.
މިއެޓް ޖަމިއްޔާއިން މުބާރާތް ކުރިއަށްގެންދަނީ ތުލުސްދޫ ދާއިރާގެ ރަށްތަކާއި އަތޮޅުގެ ބައެއް ރިސޯޓުތަކަށް ހުޅުވާލައިގެންނެވެ. މިއީ މާލެ ސަރަހައްދުގައި ބާއްވާ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތެވެ. މިފަހަރުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ ދިންއިރު ރަނަރަޕް ޓީމަށް ދިނީ 10،000 ރުފިޔާ އެވެ.
Advertisement


Leave a Reply