އުނދަގޫ މެޗުން މޮޅުވެ ސިޓީ ގާތްގަނޑަކަށް ލީގު ކަށަވަރުކޮށްފި

Advertisement

އުނދަގޫ މެޗުން މޮޅުވެ ސިޓީ ގާތްގަނޑަކަށް ލީގު ކަށަވަރުކޮށްފި

ފަހުމިނެޓް

އިނގިރޭސި ޕްރިމިއާ ލީގު ހޯދުމުގެ ރޭހުގައި މެންޗެސްޓާ ސިޓީ ކުޅެން ޖެހުނު އެންމެ އުނދަގޫ މެޗުގައި ރޭ ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާ 2-0 އިން ބަލިކޮށްފި އެވެ.

މޮޅާ އެކު ލީގު ޗެމްޕިއަންކަން ހޯދަން ސިޓީ އަށް ދެން ބޭނުންވަނީ ފަހު މެޗުން މޮޅެކެވެ. ލީގުގެ އެއް ވަނައިގައި އެޓީމު އޮތީ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 86 ޕޮއިންޓް ލިބިފައިވާ އާސެނަލް އެވެ.

ލީގު ފަހު މެޗުގައި ސިޓީ އިން އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު އާސެނަލް އަމިއްލަ ދަނޑުގައި ވާދަކުރާނީ އެވަޓަންއާ އެވެ.

ސިޓީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފި ނަމަ އެޓީމު ވާނީ ޕްރިމިއާ ލީގުގެ ހަޔާތުގައި ޖެހިޖެހިގެން ހަތަރު ފަހަރު ލީގު ތަށި ކާމިޔާބުކުރާ ފުރަތަމަ ޓީމަށެވެ. މީގެކުރިން ޖެހިޖެހިގެން ތިން ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދުމުގެ ރެކޯޑް އޮތީ މެންޗެސްޓާ ޔުނައިޓެޑް އަތުގަ އެވެ. އެ ރެކޯޑާ ސިޓީ އަރާ ހަމަކުރީ މިދިޔަ ސީޒަނުގަ އެވެ.

ރޭގެ މެޗުގައި ސިޓީގެ ދެ ގޯލު ވެސް އާލިން ހާލަންޑް އެވެ. ފުރަތަމަ ގޯލު ހާލަންޑް ޖެހީ ދެ ވަނަ ހާފުގެ ކުރީކޮޅު އެވެ. ފަހު ގޯލު ލިބުނު ޕެނަލްޓީއަކުން ޖެހީ މެޗު ނިމެން ދަނިކޮށެވެ.

މެޗުގައި ޓޮޓެންހަމް އިން ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި އެވެ. ރޭގެ މެޗުގައި އެންމެ އާދަޔާހިލާފު ކުޅުމެއް ދެއްކީ ބެންޗުން ކުޅެން އެރި ސިޓީގެ ބަދަލު ގޯލްކީޕަރު ސްޓެފަން އޯޓޭގާ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ކުޅެން އަރައި އޯޓޭގާ ވަނީ ޓޮޓެންހަމް އިން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް މަތަކޮށްފަ އެވެ.

ކީޕަރު އެޑަސަން ދެ ވަނަ ހާފުގައި ބަދަލުކުރީ ލޮލަށް ލިބުނު ގެއްލުމަކާއި ގުޅިގެން މެޑިކަލް ޓީމުން ޕެޕް ގާޑިއޯލާ އަށް ލަފާދިނުމުންނެވެ. ބަދަލުކުރުމުން އެޑަސަން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ލީގު ރޭހުގައި ސިޓީ އާސެނަލްގެ މައްޗަށް ކުރި ހޯދީ ފަހުން ކުޅުނު މެޗުތަކުން މޮޅުވެގެންނެވެ. އޭގެތެރެއިން ސިޓީ އަށް ލައްވާލި އެންމެ އުނދަގޫ މެޗަކީ ކުރިން ވެސް ހީކުރެވުނު ގޮތަށް ރޭގެ މެޗެވެ.

ލީގު ކަނޑައެޅުން ފަހު މެޗާ ހަމައަށް ދާއިރު ޕްރިމިއާ ލީގުގެ ތާރީހުގައި މިހާތަނަށް ނުވަ ފަހަރު އެ ހާލަތު ވަނީ އައިސްފަ އެވެ. އެ ހުރިހާ ފަހަރަކުވެސް ލީގު ޗެމްޕިއަންކަން ހޯދީ ފަހު މެޗަށް ދާއިރު އެއް ވަނައިގައި އޮތް ޓީމެވެ. ސިޓީ ވަނީ އެ ހާލަތުގައި އޮވެ ފަހު މެޗުގައި ހަތަރު ފަހަރު ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ.

ސިޓީ އިން ފަހު މެޗުގައި މޮޅުވެ ލީގު ޗެމްޕިއަންކަން ހޯދީ 2012، 2014، 2019 އަދި މިދިޔަ ސީޒަނުގަ އެވެ. އޭގެތެރެއިން 2012 އަދި މިދިޔަ ސީޒަނުގައި ސިޓީ އިން ޗެމްޕިއަންކަން ކަށަވަރުކުރީ ފަހު ވަގުތު ޖެހި ގޯލުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *