ސިޓީގެ ކާމިޔާބީއަކީ ފައިސާއެއް ނޫން: ގާޑިއޯލާ
މެންޗެސްޓާ ސިޓީ އިން މިދިޔަ ފަސް އަހަރު ހޯދި ކާމިޔާބީއަކީ ހަމައެކަނި ފައިސާއިން ކުރިކަމެއް ނޫން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ގާޑިއޯލާ އެ މޭރުމުން ވާހަކަދެއްކީ ސިޓީ އިން ކާމިޔާބީ ހޯދުމުގައި އެ ކްލަބުން ކުރާ ބޮޑު ހަރަދުގެ ދައުރު އޮންނަކަމަށް ބުނެ ފާޑުކިޔުން އަމާޒުވާތީ އެވެ.
މި ސީޒަނުގެ ޕްރިމިއާ ލީގުގައި ސިޓީ މިރޭ ނުކުންނާނީ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށެވެ. ލީގުގެ ފަހު މެޗުގައި ކުޅޭނީ ވެސްޓް ހޭމް ޔުނައިޓެޑާ އެވެ. އެ މެޗުތައް ކާމިޔާބުކޮށްގެން ސިޓީ އަށް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގު ތާރީހުގައި އެހެން ބަޔަކަށް ނުކުރެވޭ ކަމެކެވެ.
“ފައިސާއިން ނަމަ މެންޗެސްޓާ ޔުނައިޓެޑާ ޗެލްސީ މިހާރު ލީގަށް ވާދަކުރާނެ. އާސެނަލުން ހުރިހާ ތައްޓެއް ހޯދާނެ. އެމީހުންވެސް އަހަރެމެން މިކުރާ ގޮތަށް ހަރަދުކުރި މިދިޔަ ފަސް އަހަރު. އެކަމަކު އެ ޓީމުތައް ލިސްޓުން ފެންނާކަށް ނެތް” ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާގެ ކޯޗުކަމުގައި މިދިޔަ އަހަރުތަކުގައި ސިޓީ އިން ވަނީ ހުރިހާ ކާމިޔާބީއެއް ހޯދާފަ އެވެ. އެޓީމުން މިދިޔަ ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގު ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހޯދި އެވެ. އޭގެފަހުން ޔޫއެފާ ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކުރި އެވެ.
ސިޓީގެ ކާމިޔާބީތައް އިތުރުވާން ފެށީ ގާޑިއޯލާ ކޯޗުކަމާ ހަވާލުވި ހިސާބުންނެވެ. މިދިޔަ އަހަރުތަކުގައި ސިޓީ އިން ވަނީ ބޮޑު އަގުގައި މޮޅެތި ކުޅުންތެރިން ގެނެސްފަ އެވެ. ގާޑިއޯލާ ބުނީ އެހެން ކްލަބްތައް ހަރަދުކޮށްގެން ވެސް ސިޓީގެ ކާމިޔާބީއާ ހަމައަށް މިދިޔަ އަހަރުތަކުގައި ނުދެވޭ ކަމަށެވެ.
މިރޭގެ ވަރުގަދަ މެޗަށް ނުކުންނައިރު ޓޮޓެންހަމްގެ ދަނޑުގައި ސިޓީގެ ނަތީޖާތައް ރަނގަޅެއް ނޫނެވެ. މިދިޔަ ހަތަރު ސީޒަނުގައި ވެސް ސިޓީ ވަނީ ޕްރިމިއާ ލީގުގައި ޓޮޓެންހަމްގެ ދަނޑުގައި ބަލިވެފަ އެވެ. އެއިން މެޗެއްގައި ޓޮޓެންހަމް ކޮޅަށް ސިޓީ އަށް ގޯލެއް ވެސް ނުޖެހެ އެވެ.
ލީގު ފަހު ދެ މެޗަށް ނުކުންނައިރު ސިޓީ އަކީ ފޭވަރިޓުންތޯ އެހުމުން ގާޑިއޯލާ ބުނީ އެއިން މެޗަކުން މޮޅުވުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.
ލީގުގެ އެއް ވަނައިގައި އޮތީ 86 ޕޮއިންޓާ އެކު އާސެނަލް އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް ލިބިފައިވަނީ 85 ޕޮއިންޓެވެ. ފައިދާ ގޯލުގެ ތަފާތުން އާސެނަލް ކުރީގައި އޮތުމުން މިރޭގެ މެޗުގައި ޓޮޓެހަމް ބަލިކުރަން ސިޓީ އަށް މަޖުބޫރުވާނެ އެވެ.
ޓޮޓެންހަމްގެ ދަނޑުގައި މިރޭގެ މެޗު ފަށާނީ ދަންވަރު 12 ޖަހާއިރު އެވެ.
Advertisement
Leave a Reply