ދީމާ އަށް ރައީސްގެ މަރުހަބާ އާއި ތައުރީފް

Advertisement

ދީމާ އަށް ރައީސްގެ މަރުހަބާ އާއި ތައުރީފް

ފަހުމިނެޓް

ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ، ދެކުނު އޭޝިއާ ސަރަހައްދުގެ އޮލިމްޕިކްސް ކޮލިފައިންގެ ޗެމްޕިއަންކަން ހޯދައި، ރާއްޖޭގެ ތާރީހުގައި އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ހޯދުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދީމާ އާއި ދިމާގެ އާއިލާ އަށް މަރުހަބާ ވިދާޅުވެ ހިތްވަރު ދެއްވައިފި އެވެ.

ކާމިޔާބީއާ ގުޅިގެން ދީމާގެ އާއިލާ އަށް ފޯނުން ގުޅުއްވައި ރައީސް ވިދާޅުވީ އެވަރުގެ ޝަރަފެއް ދިމާ ހޯދިކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ. ދީމާގެ ކާމިޔާބީ ނަމޫނާއެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަޒުމު ވަރުގަދަކޮށް ދީމާ އިތުރަށް ކުރިއަށް ދިއުމަށެވެ.

Advertisement

ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖެ އަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދީމާ އަށް ލިބުނު ފުރުސަތުގައި ދިވެހި ސަރުކާރުން ދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ.

ދީމާގެ ކާމިޔާބީއާ ގުޅިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. ނައިބު ރައީސް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓުގައި ވިދާޅުވީ ދީމާ އަށް ލިބުނު ކާމިޔާބީއަކީ އާއިލާ އާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އަދި އޮލިމްޕިކްސް ކޮމިޓީ އިން ކުރެއްވި މިންނެތް މަސައްކަތުގެ ފޮނި ނަތީޖާ ކަމަށެވެ.

ދީމާ، ޖުލައި މަހު ފްރާންސްގައި އޮންނަ އޮލިމްޕިކްސް އަށް ކޮލިފައިވީ އިއްޔެ ނޭޕާލުގައި ކުޅުނު ފައިނަލުގައި ސްރީ ލަންކާގެ ބަންޑަރާ ބިމަންދީ ބަލިކޮށްގެންނެވެ. މެޗުން ދީމާ މޮޅުވީ ހަތަރު ސެޓު އެއް ސެޓުންނެވެ.

މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 11-08، 13-11، 11-07 އަދި 11-05 އިންނެވެ. ލަންކާގެ ކުޅުންތެރިޔާ އަށް ގެންދެވުނު ސެޓު ކާމިޔާބުކުރީ 11-07 އިންނެވެ.

ދީމާއާ އެކު ރާއްޖޭގެ އިތުރު ތިން ކުޅުންތެރިއަކު ކޮލިފައިން ބުރުގައި ވާދަކުރި އެވެ. އެއީ މިޝްކާ އިބްރާހީމް އާއި، މޫސާ މުންސިފް އަހުމަދު އަދި އަހްޔާރު އަހުމަދު ހާލިދު އެވެ. އޭގެތެރެއިން މިޝްކާ ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ. ފިރިހެން ދެ ކުޅުންތެރިން ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

އޮލިމްޕިކްސްގެ ދިގު ތާރީހުގައި ކޮލިފިކޭޝަން ބުރެއްގައި ކުޅެގެން ރާއްޖޭގެ އެއްވެސް އެތުލީޓެއް މީގެކުރިން ކޮލިފައިވެފައެއްނުވެ އެވެ. ރާއްޖޭގެ ތާރީހު ބަދަލުކޮށްލީ ދީމާ އަކީ މިދިޔަ އަހަރުތަކުގައި ކުޅިވަރުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ދިވެހި ކުޅުންތެރިޔާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *