އިންޑިއާ ފުޓްބޯޅައިގެ ރަސްގެފާނު ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ

އިންޑިއާގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ސުނިލް ޗެތުރީ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލާކަން އިއުލާންކޮށްފި އެވެ.
ޗެތުރީ، 39، އިންޑިއާ ޓީމަށް ކުޅުން ހުއްޓާލާނީ ޖޫން ހަ ވަނަ ދުވަހު ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ކުވެއިތާ ދެކޮޅަށް ކުޅޭ މެޗަށް ފަހު އެވެ.
އިންޑިއާގެ ގައުމީ ޓީމަށް ޗެތުރީ ކުޅެން ފެށީ 2005 ވަނަ އަހަރު އެވެ. ގައުމީ ޖާޒީގައި އެންމެ ފުރަތަމަ ޕާކިސްތާނާ ދެކޮޅަށް ކުޅުނު ޗެތުރީ ވަނީ އޭގެފަހުން ގައުމީ ޓީމަށް 150 މެޗު ކުޅެފަ އެވެ.
“މިއީ އަހަރެން ވަރުބަލިވެގެން ނިންމި ނިންމުމެއް ނޫން. އަހަރެންނަށް ގަބޫލުކުރެވުނީ ދެން އޮތީ ފަހު މެޗޭ. އަހަރެން އެކަމާ ވަރަށް ބޮޑަށް ވިސްނާފަ މިގޮތަށް މި ނިންމީ” ގައުމީ ޓީމަށް ކުޅުން ހުއްޓާލާކަން ހާމަކުރަމުން ބެންގަލޫރުގެ ފޯވާޑް ބުނެފައިވެ އެވެ.
ޗެތުރީ ވަނީ އިންޑިއާ ޓީމަށް 94 ގޯލު ޖަހައިދީފަ އެވެ. ޗެތުރީ އަކީ ގައުމީ ޓީމުން ރިޓަޔާ ނުކުރާ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ޗެތުރީގެ ކުރީގައި އޮތީ، ދެ ވަނައިގައި އޮތް ލިއޮނެލް މެސީ އާއި އެއް ވަނައިގައި އޮތް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
“ޔަގީނުންވެސް މި ނިންމުމާއެކު އަހަރެން ވަރަށް ދެރަވާނެ. ގައުމީ ޓީމުން ލިބޭ އެއްވެސް ފުރުސަތަކަށް އަހަރެން މީ ނޫނެކޭ ބުނަން ބޭނުންވާ މީހެއް ނޫން” ދެކުނު އޭޝިއާ ސަރަހައްދުގައި އުފެދުނު އެންމެ އެއް ކުޅުންތެރިޔާ ބުންޏެވެ.
ޗެތުރީ ބުނީ އިންޑިއާ އަށް ދެން އޮތީ އޭނާގެ މަގާމް ފޫބައްދާނެ ފޯވާޑެއް އުފެއްދުން ކަމަށެވެ.
އިންޑިއާ ފުޓްބޯޅައިގެ ކުރިއެރުމުގައި ގައުމީ ޓީމުގައި ޗެތުރީ ދައްކާ މޮޅު ކުޅުމުގެ ދައުރު ބޮޑެވެ. ޗެތުރީ އަކީ ދަނޑާއި ދަނޑު ބޭރުގައި އަހުލާގު ރަނގަޅު ނަމޫނާ ކުޅުންތެރިއެކެވެ.
ޗެތުރީ ވަނީ އިންޑިއާގެ ގައުމީ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އޭގެތެރޭގައި އޭއެފްސީ ޗެލެންޖް ކަޕް 2008 ވަނަ އަހަރު ކާމިޔާބު ކުރުމާއި ސާފް ޗެމްޕިއަންޝިޕްގެ ހަތަރު މުބާރާތް ކާމިޔާބުކުރުން ހިމެނެ އެވެ. ޗެތުރީ ވަނީ އޭޝިއަން ކަޕްގައި ވެސް އިންޑިއާ ޓީމު ތަމްސީލުކޮށްފަ އެވެ.
Advertisement


Leave a Reply