ކުރީގެ މަޝްހޫރު މިޑްފީލްޑަރު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ކޮވެންޓްރީ ސިޓީ 25 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުން ޖާގަ ހޯދައިފި އެވެ.
ކޮވެންޓްރީ ޕްރިމިއާ ލީގުން ޖާގަ ކަށަވަރުކުރީ އިނގިރޭސި ޗެމްޕިއަންޝިޕްގައި ރޭ ބްލެކްބާން ރޯވާސްއާ 1-1 އިން އެއްވަރުކޮށްގެންނެވެ. މި ނަތީޖާއާ އެކު އެ ލީގުގެ ގަދަ ދެ ޓީމުގައި ހިމެނޭނެކަން ޔަގީންކޮށް ކޮވެންޓްރީން އަންނަ ސީޒަނުގެ ޕްރިމިއާ ލީގު ޔަގީންކުރި އެވެ.
ކޮވެންޓްރީ ޕްރިމިއާ ލީގުން ރެލިގޭޓްވީ 2001 ވަނަ އަހަރު އެވެ. އެ އަހަރު ރެލިގޭޓްވީ ފަހުން މިހާތަނަށް 9،113 ދުވަސް ފާއިތުވިއިރު، މިދިޔަ ދުވަސްތަކުގައި އެކްލަބުން ގުނީ އުނދަގޫ ދުވަސްތަކެކެވެ. އިނގިރޭސި ޗެމްޕިއަންޝިޕްގައި 11 އަހަރު ހޭދަކުރުމަށްފަހު އެޓީމުގެ އެލީގުން ވެސް ރެލިގޭޓްވި އެވެ. އަ، 2013 ވަނަ އަހަރު ކްލަބްގެ މާލީ ހާލަތު ގޯސްވެ އިދާރީ ހިންގުން ވެސް ބޮއްސުންލި އެވެ.
ކޮވެންޓްރީގެ ކޯޗުކަމާ އުމުރުން 47 އަހަރުގެ ލަމްޕާޑް ހަވާލުވީ، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ލަމްޕާޑް ވަނީ މީގެކުރިން ޗެލްސީ އަދި ޑާބީ ކައުންޓީގެ ކޯޗުކަން ވެސް ކޮށްފަ އެވެ. އެކަމަކު އެ ޓީމުތަކުގައި ލަމްޕާޑަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބުނެވެ.
އިތުރު މާލީ އެހީތެރިކަމެއް ނުލިބޭ ޓީމެއްގެ ގޮތުގައި އޮވެ، ލީގުގައި އަދި ތިން މެޗު ބާކީ އޮއްވާ ސީދާ ޕްރޮމޯޝަން ކަށަވަރުކުރުމަކީ މި ކުޅުންތެރިން ހާސިލުކުރި ވަރަށް ހާއްސަ އަދި ތަފާތު ކާމިޔާބީއެއް،
މެޗަށް ފަހު ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ލަމްޕާޑް ބުންޏެވެ.
ލަމްޕާޑް ބުނީ 25 އަހަރުގެ މެދުކެނޑުމަކަށް ފަހު މިފަދަ ކާމިޔާބީއެއް ލިބުމަކީ އާދަޔާހިލާފު އުފަލެއް ކަމަށެވެ.
ޗެމްޕިއަންޝިގެ އެއް ވަނައިގައި ކޮވެންޓްރީ އޮތީ ކުޅުނު 43 މެޗުން 86 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އިޕްސްވިޗް ޓައުނަށް ލިބިފައިވަނީ 75 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ 73 ޕޮއިންޓް ލިބިފައިވާ މިލްވޯލް އެވެ.
ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގުގެ ސީދާ ޖާގަ ލިބޭނީ އެންމެ ކުރި ހޯދާ ދެ ޓީމަށެވެ. ފަހު ޖާގަ ލިބޭނީ އޭގެ ފަހަތުން ނިންމާ ހަތަރު ޓީމުގެ މެދުގައި ކުޅޭ ކޮލިފިކޭޝަން ބުރަކަށް ފަހު އެވެ.
