ފުރަތަމަ ސަފްޙާ / ޚަބަރު / ޗެލްސީގެ ކޯޗުކަމުން ލަމްޕާޑް ވަކިކޮށްފި

ޗެލްސީގެ ކޯޗުކަމުން ލަމްޕާޑް ވަކިކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 25 ޖެނުއަރީ 2021

ނަތީޖާތައް މާބޮޑަށް ދަށްވުމުގެ ސަބަބުން 18 މަސްދުވަހަށް ފަހު ޗެލްސީގެ ކޯޗުކަމުން ފްރޭންކް ލަމްޕާޑް މިއަދު ވަކިކޮށްފި އެވެ.

ޗެލްސީ އަށް ކުރިން ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ލަމްޕާޑް މަގާމުން ވަކިކުރިއިރު ޗެލްސީ އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވިއިރު ލީގު ރޭހަށް ކުރާ އުއްމީދު އެޓީމުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އުމުރުން 42 އަހަރުގެ ލަމްޕާޑް ޗެލްސީގެ ކޯޗުކަމުގައި އެންމެ ފަހުން ހުރީ އިއްޔެ އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ލޫޓަން ޓައުން އަތުން 3-1 އިން މޮޅުވި މެޗުގަ އެވެ.

ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލަމްޕާޑް ޗެލްސީގެ ކޯޗުކަމަށް ހަމަޖެއްސީ 2019 ވަނަ އަހަރުގެ ޖުލައި މަހު އެވެ. ލަމްޕާޑް ހަވާލުވިއިރު ޔޫއެފާއިން އޮތީ ޗެލްސީ ކުޅުންތެރިން ނުގަނެވޭގޮތަށް ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު ޒުވާން ގިނަ ކުޅުންތެރިންތަކެއް ދަނޑަށް ނެރެ ލަމްޕާޑް ވަނީ މިދިޔަ ސީޒަނުގައި ޗެލްސީ އަށް ހަތަރު ވަނަ މަގާމް ހޯދައިދީ އެފްއޭ ކަޕްގެ ފައިނަލަށް ޗެލްސީ ގެންގޮސްދީފަ އެވެ.

ޔޫއެފާގެ އަދަބު އުވާލުމާ އެކު އާ ސީޒަނަށް ޗެލްސީ ނުކުތީ 200 މިލިއަނަށް ވުރެ ގިނަ ޕައުންޑް ކުޅުންތެރިންނަށް ހޭދަކޮށްގެންނެވެ. އެޓީމަށް އިތުރުކުރި ހަތް ކުޅުންތެރިންގެ ތެރޭގައި 45 މިލިއަން ޕައުންޑަށް ގެނައި ބެން ޗިލްވެލް އާއި 71 މިލިއަން ޕައުންޑަށް ގެނައި މިޑްފީލްޑަރު ކައި ހަވާޓްޒްގެ އިތުރުން ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ ހިމެނެ އެވެ.

ކާމިޔާބު ފުޓްބޯޅަ ކެރިއަރަކަށް ފަހު ކޯޗިންއަށް ލަމްޕާޑް ނުކުތީ މީގެ ތިން އަހަރެއްހާ ދުވަސްކުރިން އިނގިރޭސި ޗެމްޕިއަންޝިޕްގައި ކުޅޭ ޑާބީ ކައުންޓީއާ އެކު އެވެ. އެޓީމު ޗެމްޕިއަންޝިޕްގެ ޕްލޭ އޮފް ފައިނަލަށް ގެންގޮސްދިނުމަށް ފަހު ޗެލްސީން ފުރުސަތު ލިބުމުން ލަމްޕާޑް ޑާބީ ދޫކޮށްލި އެވެ. ކުޅުންތެރިއެއްގެ ގޮތުގައި 13 ސީޒަނުގައި ޗެލްސީ އަށް ކުޅެ ލަމްޕާޑް ވަނީ 211 ގޯލު އެ ކްލަބަށް ޖަހައިދީފަ އެވެ. ޗެލްސީގެ ލަނޑު ލިސްޓުގެ އެއް ވަނައާ އެކު ލަމްޕާޑް ވަނީ 11 ތަށި އެ ކްލަބްގައި އުފުލާލައިފަ އެވެ. އެކަމަކު ކޯޗެއްގެ ގޮތުގައި ޗެލްސީގައި ލަމްޕާޑަށް ޖެހުނީ ނާކާމިޔާބީއާ ކުރިމަތިލާށެވެ.

ލަމްޕާޑް ވެފައިވަނީ 2003 ވަނަ އަހަރު ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗް ޗެލްސީ ގަތްފަހުން ވަކިކުރި 10 ވަނަ ކޯޗަށެވެ. ލަމްޕާޑް ވަކިކުރުމަށް ފަހު ޗެލްސީގެ ކޯޗުކަމާ ހަވާލުވާނީ ޕީއެސްޖީ އަށް ކުރިން އިރުޝާދުދިން ތޯމަސް ޓުޗެލް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!