ފުރަތަމަ ސަފްޙާ / ޚަބަރު / ސަޕޯޓަރުންގެ އިތުބާރު އަލުން ހޯދަން ނިއު އިން މާޒިޔާއާ ދެކޮޅަށް
ސަޕޯޓަރުންގެ އިތުބާރު އަލުން ހޯދަން ނިއު އިން މާޒިޔާއާ ދެކޮޅަށް
އީގަލްސް އަތުން ނިއު މޮޅުވި މެޗުގައި އެޓީމު ކުރިން އުފާފާޅުކުރަނީ. މިރޭ ނިއު ނުކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށް. ފޮޓޯ: ފަހުމިނެޓް

ސަޕޯޓަރުންގެ އިތުބާރު އަލުން ހޯދަން ނިއު އިން މާޒިޔާއާ ދެކޮޅަށް

އެޑްމިން
އެޑްމިން
1 ދުވަސް ކުރިން 20 ފެބްރުއަރީ 2026

ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލްގައި މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ކްލަބް ވާދަކުރާއިރު މިއީ މިފަހަރުގެ ފުޓްބޯޅަ ސީޒަންގައި ކުޅޭ އެންމެ ފޯރިގަދަ މެޗަށް ވާނެ ކަމަށް ބެލެވެ އެވެ. 

ނިއު ރޭޑިއަންޓް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަދި އަނެއް މެޗް އެއްވަރުކޮށްގެން ޖުމްލަ ހަތަރު ޕޮއިންޓާއެކު އެޓީމު ހިމެނުނު ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ނިއު އިން އެއްވަރުކުރީ އޮޑި ސްޕޯޓްސް ކްލަބާ ވާދަކޮށް ކުޅުނު މެޗެވެ. ގްރޫޕްގައި ދެން ހިމެނުނު ކްލަބް އީގަލްސްއާ ވާދަކޮށް ނިއު އިން ކުޅުނު ކެޗު އެޓީމު ކާމިޔާބުކުރީ 1-2 އިންނެވެ. 

މާޒިޔާއިން މުބާރާތުގެ ސެމީ ފައިނަލަށް އައީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި މާޒިޔާއިން ފުރަތަމަ ކުޅުނު މެޗު ބުރު ސްޕޯޓްސް ކްލަބާ ވާދަކޮށް ކާމިޔާބުކުރީ 0-1 އިންނެވެ. ދެވަނަ މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބްގެ މައްޗަށް މާޒިޔާއިން ކުރި ހޯދީ 0-2 އިންވެ.

މިއީ 2017 ވަނަ އަހަރުގެ ފަހުން ނިއު ރޭޑިއަންޓް ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ކުޅުންތެރިންނަށް މުސާރަ ނިދިނުމުގެ މައްސަލަތަކެއް ފެންމަތިވެ އޭގެ ފަހުން ނިއު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ފަހުން އަލުން ފުރަތަމަ ޑިވިޝަން ގައި އެޓީމު ކުޅެން ފެށީ މިއަހަރު އެވެ. 

ނިއުރޭށިއަންޓް އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނު އަހަރުވެސް ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ އެ މުބާރާތުގެ ތަށި ނިއުއިން ހޯދި 12 ވަނަ ފަހަރެވެ. އަނެއްކޮޅުން މާޒިޔާ ވަނީ މި މުބާރާތުގެ ތަށި ދެ ފަހަރު އުފުލާލައިފަ އެވެ. 

ކުރިން ގައުމީ ފުޓްބޯޅަ މުބާރާތުގެ ގޮތުގައި ކުރިއަށްދިޔަ މި މުބާރާތުގެ ނަން ޕްރެޒިޑެންޓްސް ކަޕަށް ބަދަލުވީ 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން ފޯމެޓަށް ގެނައި ބަދަލާއެކު މުބާރާތުން ފުރުސަތު ލިބެނީ ދިވެހި ޕްރިމިއާ ލީގުގެ އެންމެ ކުރީގައި އުޅޭ ޓީމުތަކަށެވެ. 

މިފަހަރުގެ ސީޒަންގައި ނިއު ރޭޑިއަންޓާއި މާޒިޔާ ވަނީ ދިވެހި ޕްރިމިއާ ލީގުގައި ދެފަހަރު ވާދަކޮށްފަ އެވެ. އެ ދެމެޗުވެސް ނިމިފައިވަނީ ވަރަށް ވާދަވެރިކޮށެވެ. ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާއިން ނިއު 1-2 އިން ބަލިކުރީ ނިއުއިން ލީޑް ނަގައިފައި އޮއްވަ އެވެ. ދެވަނަ ބުރުގައި ކުޅުނު މެޗު 2-2 އިން ވީ އެއްވަރެވެ. 

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ނިއު އިން އެއްވަނަ ޑިވިޝަންގައި ވާދަކުރުމުގެ ފުރުސަތު ލިބުމާއެކު ނިއު އިން އަންނަނީ ސަޕޯޓަރުންގެ އިތުބާރު އަލުން ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ނިއުރޭޑިއަންޓް ކުޅެމުން އަންނަ އިރު އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން އަދި ރާއްޖެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދައިފައިވާ އަލީ ފާސިރު (ސެންޓޭ) ވެސް އަންނަނީ މި ސީޒަންގައި ނިއު އަށް ކުޅެމުންނެވެ. 

ނިއު އާއި މާޒިޔާ ބައްދަލުކުރާ ސެމީ ފައިނަލް މެޗު ފަށާނީ މިރޭ 10 ޖަހާއިރު އެވެ. 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!