Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ނިއު ސެމީގެ ޖާގަ ކަށަވަރު ކުރިއިރު ވިކްޓްރީ ހާސްކޮށްލައިފި
ނިއު ސެމީގެ ޖާގަ ކަށަވަރު ކުރިއިރު ވިކްޓްރީ ހާސްކޮށްލައިފި
ނިއު ރޭޑިއަންޓުން އީގަލްސް ބަލިކުރި މެޗުގެ ތެރެއިން. ފޮޓޯ: ފަހުމިނެޓް

ނިއު ސެމީގެ ޖާގަ ކަށަވަރު ކުރިއިރު ވިކްޓްރީ ހާސްކޮށްލައިފި

ފަހުމިނެޓް
ފަހުމިނެޓް
1 މަސް ކުރިން 13 ފެބްރުއަރީ 2026

ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު އީގަލްސްގެ މައްޗަށް ކުރި ހޯދައިގެން ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކަށަވަރުކުރި އިރު މިރޭ ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބް އަތުން ވިކްޓްރީ ސްޕޯޓްސް ކްލަބް ބަލިވެއްޖެ އެވެ. 

މިއީ މި މުބާރާތުގައި ނިއުއިން ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެ ޓީމުން އޮޑި ސްޕޯޓްސް ކްލަބާ ވާދަކޮށް އޮތީ 1-1 އިން އެއްވަރުކޮށްފަ އެވެ. އެހެންވުމާއެކު މިއަދު އީގަލްސް އަތުން ނިއު ހޯދި މޮޅާއެކު އެ ޓީމަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. 

މިއަދު ހަވީރު އީގަލްސްގެ މައްޗަށް ނިއު އިން ކުރި ހޯދީ 1-2 އިންނެވެ. މެޗުގައި ލީޑް ނެގީވެސް ނިއުއިންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި ނިއުއިން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ އީގަލްސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ވަގުތުގެ ތެރޭގައި އީގަލްސްއަށް ލިބުނު ކޯނަރަކުން މެޗުގެ ނަތީޖާ އެ ޓީމުން ހަމަހަމަކުރި އެވެ. އެ ލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ ހިސާމް ސަލީމް (ކޮކީ) އެވެ. 

މެޗުގެ ނަތީޖާ ނިއުކޮޅަށް އަނބުރާލި ލަނޑަކީ މެޗުގެ 57 ވަނަ މިނެޓްގައި އަލީ އަޝްފާގް (ދަގަނޑޭ) ދިން ބޯޅައަކުން ނިއުގެ ބިދޭސީ ކުޅުންތެރިޔާ ޑި ސިލްވާ ކާމިޔާބުކުރި ލަނޑެކެވެ. 

ނިއުއާއެކު ގްރޫޕް ބީއިން ސެމީ ފައިނަލަށް ދާނެ ދެވަނަ ޓީމެއް އެނގޭނީ އަންނަ ހޯމަ ދުވަހުގެ ރޭ އީގަލްސްއާ އޮޑި ވާދަކުރާ މެޗު ނިމުމުންނެވެ. 

ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ވިކްޓްރީ އާއި ބުރު ބައްދަލުކުރި މެޗުވެސް ނިމުނީ 1-2 އިންނެވެ. މިއީ މި މުބާރާތަގައި ވިކްޓްރީ ކުޅުނު ފުރަތަމަ މެޗެވެ. ބުރުން މި މުބާރާތުގެ ފުރަތަމަ މެޗުގައި މާޒިޔާއާ ވާދަކޮށް އޮތީ 0-1 އިން ބަލިވެފަ އެވެ. 

މި މެޗުގައި ޖެހި ތިން ގޯލުވެސް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގަ އެވެ. މެޗުގައި ލީޑް ނެގީ ބުރުންނެވެ. ފަހު ހާފު ފަށައިގެން ދެވަނަ މިނެޓްގައި ބުރަށް ލީޑް ހޯދައިދިން ލަނޑު ކާމިޔާބުކުރީ ހަޑްސަން ޑި ޖިސުސް އެވެ. އޭގެ 20 މިނެޓް ފަހުން ވިކްޓްރީން މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. 

ވިކްޓްރީން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިލޯސް ލެޗްނީ އެވެ. ވިކްޓްރީން މެޗްގެ ނަތީޖާ ހަމަހަމަކުރިތާ ހަތަރު މިނެޓް ފަހުން ބުރަށް ތިން ޕޮއިންޓް ހޯދައިދިން ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަނަ ގޯލްވެސް ކާމިޔާބުކުރި ޖިސުސް އެވެ. 

ގްރޫޕްގެ އެންމެ ފަހު މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ވިކްޓްރީ އެވެ. މި މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހަވީރު އެވެ. 

ކޮމެންޓްސް

Matches
1
Ongoing
1
Upcoming
Settings