މިއަހަރުގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ ފައިނަލުގައި ނިއު ރޭޑިއަންޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މިރޭ ވާދަކުރާނެ އެވެ.
މިއަހަރުގެ ކަޕް ވިނާސް ކަޕަކީ 18 އަހަރަށް ފަހު ބާއްވާ ފުރަތަމަ ކަޕް ވިނާސް ކަޕެވެ. މީގެކުރިން މި މުބާރާތް ބޭވީ 2008 ވަނަ އަހަރު އެވެ. ކަޕް ވިނާސް ކަޕަކީ 1995 އަހަރު ރާއްޖޭގައި ބާއްވަން ފެށި މުބާރާތެކެވެ. މި މުބާރާތް ވެގެންގޮސްފައިވަނީ ވާދަވެރިކަން ބޮޑުވި ސަޕޯޓަރުންގެ މެދުގައި މަގުބޫލު މުބާރާތަކަށެވެ.
ކަޕް ވިނާސް ކަޕްގައި މިއަހަރު ވާދަކުރީ ނިއު އާއި މާޒިޔާގެ އިތުރުން އޮޑި ސްޕޯޓްސް ކްލަބް އަދި ބުރު ސްޕޯޓްސް ކްލަބެވެ.
ލީގު ބުރުގެ ކުޅުން ނިމުނުއިރު ނިއު އާއި މާޒިޔާ އިން ވަނީ ހަތް ޕޮއިންޓް ހޯދައިފަ އެވެ. އެކަމަކު ގޯލުގެ ތަފާތުން ނިއު އަށް އެއް ވަނަ ލިބުނުއިރު މާޒިޔާ އަށް ލިބުނީ ދެ ވަނަ އެވެ. ތިން ވަނަ ހޯދީ ތިން ޕޮއިންޓާ އެކު އޮޑި އެވެ. ހަތަރު ވަނަ އަށް ދިޔައީ ތިން މެޗުން ވެސް ބަލިވި ބުރު ސްޕޯޓްސް ކްލަބެވެ.
ވަރުގަދަ ވާދަވެރި ފައިނަލަކަށް ނިއު އާއި މާޒިޔާ ނުކުންނައިރު، މިއީ މި ދެޓީމު މި ސީޒަނުގައި ވާދަކުރާ ތިން ވަނަ މެޗެވެ. ފުރަތަމަ މެޗަކީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗެވެ. އެ މެޗު 3-3 އިން އެއްވަރުވެ ޕެނަލްޓީގައި ކުރި ހޯދީ މާޒިޔާ އެވެ.

ދެ ވަނަ މެޗަކީ ކަޕް ވިނާސް ކަޕްގެ ލީގު ބުރުގައި ވާދަކުރި މެޗެވެ. މުހިއްމުކަން ކުޑަވެފައި އޮތް އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މި ސީޒަނުގައި މާޒިޔާގެ ކޯޗުކަން ކުރާނީ ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާ އެވެ. ތްރުޗާ ބުނީ، މާޒިޔާގެ ކޯޗުކަމުގައި ލިބޭ ކޮންމެ ފުރުސަތެއްގައި ކަންކަން ދަސްކޮށް ރަނގަޅު ސިސްޓަމެއް އެކުލަވާލަން މަސައްކަތްކުރާނެ ކަމަށެވެ.
ނިއުގެ ކޯޗުކަން ކުރަނީ މިދިޔަ ސީޒަނުގެ ފަހުކޮޅު އެޓީމުގެ ކޯޗުކަމާ ހަވާލުވީ ސްޕެއިންގެ ފްރެންސިސްކޯ މެނުއަލް ކައިޒޯސް (އަންދްރޭ) އެވެ. މިދިޔަ ސީޒަނުގައި ނިއު އަށް އޭނާ ވަނީ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ.
https://www.fahuminet.com/tournaments/cup-winners-cup-2026
މީގެ 18 އަހަރު ކުރިން ކުޅުނު ކަޕް ވިނާސް ކަޕްގެ ފައިނަލުގައި ނިއު އިން ވަނީ 0-1 އިން ވިކްޓްރީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
ނިއު ރޭޑިއަންޓާއި މާޒިޔާ ވާދަކުރާ ކަޕް ވިނާސް ކަޕްގެ ވާދަވެރި ފައިނަލް މެޗު ގަލޮޅު ދަނޑުގައި ފަށާނީ މިރޭ 9 ޖަހާއިރު އެވެ.