މަލްޓި ޔޫތް އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން މިއަހަރު ކުރިއަށްގެންދިޔަ ފެމިނާ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން މާފުށި ކައުންސިލް ޓީމުން ހޯދައިފި އެވެ.
މިޔަޓް ސްޕޯޓްސް ފިއެސްޓާގެ ތެރޭގައި ހިމެނޭ ފެމިނާ ފުޓްސަލްގެ ޗެމްޕިއަންކަން މާފުށިން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗުގައި 1-0 އިން ދިއްފުށި ބަލިކޮށްގެންނެވެ.
ވާދަވެރި ކުޅުމެއް ފެނުނު މެޗުގައި މާފުށީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މަރިޔަމް ނޫރާ އެވެ.
ހަތަރު ޓީމާ އެކު އަންހެން ފުޓްސަލް ޗެލެންޖު ކުރިއަށްގެންދިޔައީ އެއް ދުވަހުން ނިންމާގޮތަށް ރާވާލައިގެންނެވެ. ހާފަކު ދިހަ މިނެޓް ކުޅޭގޮތަށް މެޗުތައް އަތުރާލިއިރު، ޗެމްޕިއަން މާފުއްޓާއި ރަނަރަޕް ދިއްފުށީގެ އިތުރުން މުބާރާތުގައި ވާދަކުރީ ހިންމަފުށީ އަންހެން ޓީމާއި ތުލުސްދޫގެ ކަންމަތި ލޭޑީސް އެވެ.
މުބާރާތުގެ ޗެމްޕިއަންކަން މާފުށިން ހޯދިއިރު އެޓީމު ވަނީ ލީގު ބުރުގެ ވެސް އެއް ވަނަ ހޯދައިފަ އެވެ. ލީގު ބުރުގައި ކުޅުނު ތިން މެޗުން ވެސް މާފުށި މޮޅުވި އެވެ.

މާފުށީގެ ފުރަތަމަ މެޗުގައި ހިންމަފުއްޓާ ވާދަކޮށް މޮޅުވީ 0-2 އިންނެވެ. ދެ ވަނަ މެޗުގައި ތުލުސްދޫގެ ކަންމަތި ލޭޑީސް 4-0 އިން ބަލިކުރި އެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދިއްފުށި ޓީމާ ވާދަކޮށް މޮޅުވީ 3-0 އިންނެވެ.
ފުޓްސަލްގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ވެސް ފެނުނު މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ހަތަރު ގޯލާ އެކު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމްގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާފުށީގެ މަރިޔަމް ނޫރާ އެވެ.

އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ނޫރާގެ އިތުރުން ހިމެނުނީ، ދިއްފުށީގެ މަރިޔަމް ނިޒްލީ އާއި ދިއްފުށީގެ އާމިނަތު ރިސާލާގެ އިތުރުން ދިއްފުށީގެ އައިޝަތު ލައިބާ ޒާހިރު އަދި މާފުށީގެ ޝިޔާނާ އަހުމަދު ޒުހައިރު އެވެ.
އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް ލިބުނީ ހިންމަފުށީ ޓީމުގެ އައިޝަތު ވިޝާޔާ އިލްހާމަށެވެ.
https://fahuminet.com/tournaments/myat-femina-futsal
އަންހެން ފުޓްސަލް މުބާރާތް ނިމުނުއިރު، ފިރިހެން ފުޓްސަލް ޗެލެންޖުގައި ދެން އޮންނާނީ ސެމީ ފައިނަލް މެޗުތަކެވެ. މި މެޗުތައް ކުޅޭނީ އާދީއްތަ ދުވަހުގެ ރެ އެވެ.
މިޔަޓް ސްޕޯޓްސް ފިއެސްޓާ އަކީ ކ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ސްޕޯޓްސް ފިއެސްޓާ އެވެ. މިފަހަރުގެ ސްޕޯޓްސް ފިއެސްޓާގެ ޕީއާރު ޕާޓްނާއަކީ ފަހުމިނެޓެވެ.