Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ގޯލްޑަންގައި އިއްޔެ ސަޕްރައިޒެއް ނެތް، ކަށަވަރު ނުވީ ދެ ޖާގަ

ގޯލްޑަންގައި އިއްޔެ ސަޕްރައިޒެއް ނެތް، ކަށަވަރު ނުވީ ދެ ޖާގަ

ފަހުމިނެޓް
ފަހުމިނެޓް
2 މަސް ކުރިން 6 ފެބްރުއަރީ 2026

މިހާރު ހުޅުމާލޭގައި ކުރިއަށްދާ ގޯލްޑަން ފުޓްސަލް މުބާރާތުގެ ގަދަ 16 ގައި ކުޅެން ހަމަޖެހިފައި އޮތް އަށް މެޗުގެ ތެރެއިން ހަ މެޗު ރޭ ކުޅެފައިވާއިރު ހައިރާންކުރުވަނިވި ނަތީޖާއެއް ފެނިފައެއް ނުވެ އެވެ. މުބާރާތުގެ ގަދަ 16 ގެ ހުރިހާ މެޗެއް  ރޭ ކުޅޭގޮތަށް ތާވަލު ކުރި ނަމަވެސް ވިއްސާރަވުމުގެ ސަބަބުން ދެ މެޗެއް ވަނީ ފަސްކޮށްފަ އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގަދަ 16 ގައި މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗު އޮތީ އިއްޔެ ހަވީރެވެ. ހަވީރު ހަތަރެއް ޖެހިއިރު ފެށި ފުރަތަމަ މެޗުގައި މާލޭ ޒޯންގެ ދެވަނަ ލިބުނު މައްޗަންގޮޅިއާ ވާދަކޮށް 0-1 އިން ކުރި ހޯދައިގެން ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ 2024 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި އޭދަފުށްޓެވެ. މި މެޗުގައި އޭދަފުށިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އިޝާން އިބްރާހިމް (ސައްޓު) އެވެ.

ހަވީރު ކުޅުނު ދެވަނަ މެޗުގައި ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދި އުނގޫފާރާއި، ޒޯން ހަތެއްގެ ދެވަނަ ލިބުނު އައްޑޫ ސިޓީ ހިތަދޫ އެވެ. ފޯރިގަދަވާނެ ކަމަށް ކުރިންވެސް ބެލެވުނު މި މެޗު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ހިތަދޫއިން މެޗުގެ ވަކި ހިސާބަކުން ލީޑް ނެގި ނަމަވެސް މެޗު ނިމުނީ 3-5 އިން ދުވާފަރަށް ކުރި ލިބިގެންނެވެ. މެޗުގައި ދުވާފަރަށް ގޯލްތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ނޫހް އިބްރާހިމް، މުޙައްމަދު ޖުމާން އަހްމަދު، އިބްރާހިމް އަނާން، ޢަބްދުﷲ ލޫތު އިބްރާހިމް އަދި ހަސަން އަޒޫމް އަލީ އެވެ. ހިތަދޫން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލް ޝާޝް ޝަރީފް ކާމިޔާބުކުރި އިރު އަނެއް ލަނޑު ކާމިޔާބުކުރީ މުޙައްމަދު ސޮބާހް މަންސޫރެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދުވާފަރުގެ މުޙައްމަދު އިސާމެވެ.

119 ގިނަ ޓީމު ބައިވެރިވި މި މުބާރާތުގެ ގަދަ 16 ގައި ރޭ ކުޅުނު ފުރަތަމަ ދެ މެޗުގެ ތެރެއިން އެއް މެޗުގައި ވާދަކުރީ ޒޯން ހަތެއްގެ ޗެމްޕިއަންކަން ހޯދި ދެއްވަދޫ އާޢި ޒޯން ހަތަރެއްގެ ދެވަނަ ލިބުނު ކެޔޮދޫ އެވެ. ސާފު ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރަން މެޑަލް ހޯދި ޓީމުގެ ހަތަރު ކުޅުންތެރިން ހިމަނައިގެން ނުކުތް ދެއްވަދޫ އިން މި މެޗުގައި ކެޔޮދޫގެ މައްޗަށް ކުރި ހޯދީ 2-4 އިންނެވެ.

ދެއްވަދޫއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު އަހުމަދު ރަޝީދު ކާމިޔާބުކުރި އިރު އަނެއް ދެ ގޯލް ކާމިޔާބުކޮށްފައިވަނީ އަހްމަދު ރާހިލް އިބްރާހިމާއި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ހައިޝަމް (ޗުމްޕު) އެވެ. ކެޔޮދޫގެ ގޯލްތައް ކާމިޔާބުކުރީ ނާއިލް މުޙައްމަދު ނަސީރާއި، އަޙްމަދު ރައްޔާން އާދަމެވެ.

ރޭ 9:30 ގައި ކުޅުނު ދެވަނަ މެޗުގައި މުބާރާތުގެ ގަދަ 16 އިން މުޅިން އަލަށް ޖާގަ ހޯދި މާރަންދޫއާއި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދާފައިވާ ތިމަރަފުށި ބައްދަލުކޮށްފައިވާއިރު މެޗު ނިމިފައިވަނީ 0-3 އިން މާރަންދޫގެ މައްޗަށް ތިމަރަފުށިން ކުރި ހޯދައިގެންނެވެ. މި މެޗުގައި ތިމަރަފުށިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޢަބްދުﷲ ޒިޔާނެވެ. އަނެއް ލަނޑު ކާމިޔާބުކުރީ ހުމޭދު ހުސައިން އެވެ.

ރޭ ގަދަ 16 ގައި ކުޅުނު ފަހު ދެ މެޗުގެ ތެރެއިން އެންމެ ފޯރި ގަދަވީ މާލޭ ޒޯންގެ ޗެމްޕިއަންކަން ހޯދި ވިލިމާލެ އާއި ޒޯން ތިނެއްގެ ދެވަނަ ލިބުނު ގާފަރު ވާދަކުރި މެޗެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ ހަމަހަމަވެފައި އޮތުމުން ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކުރާ ޓީމެއް ހޯދަން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޒޯން ތިނެއްގެ ފައިނަލްގައިވެސް ޕެނަލްޓީ ޖަހައިގެން ބަލިވި ގާފަރަށް ރޭ ވެސް ކުރިމަތިވީ ނާކާމިޔާބެވެ. ވިލިމާލެއިން މެޗު ކާމިޔާބުކުރީ 8-9 އިންނެވެ.

ގަދަ 16 ގައި ރޭ ދެން ކުޅުނު މެޗުގައި ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދި ކުޑަހުވަދޫ އާއި ޒޯން ދޭއްގެ ރަނަރަޕް މަގާމު ލިބުނު ކަނޑިތީމު ވާދަކޮށްފައިވާ އިރު 1-3 އިން މެޗު ކާމިޔާބުކުރީ ކުޑަހުވަދޫ އެވެ. މި މެޗުގައި ކުޑަހުވަދޫއިން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް މުޙައްމަދު އަޔާޒް ޖެހިއިރު އަނެއް ގޯލް ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޖުމައިލް ޖަމީލެވެ. ކަނޑިތީމުން މި މެޗުގައި ޖެހި ހަމައެކަނި ގޯލް ކާމިޔާބުކުރީ އިސްމާއިލް ނިހާނެވެ.

މުބާރާތުގެ ގަދަ 16 ގައި ރޭ ކުޅެން ހަމަޖެހިފައި އޮތް މެޗުތަކުގެ ތެރެއިން ވިއްސާރަވުމުގެ ސަބަބުން ފަސްކޮށްފައިވަނީ އަށެއް ޖަހާއިރު ކުޅޭ ގޮތަށް ހަމަޖެހިފައި އޮތް ދެ މެޗެވެ. އެއީ ނައިވާދޫ އާއި ދިއްގަރު ވާދަކުރަން ހަމަޖެހިފައި އޮތް މެޗާއި، މަތިވެރި އާއި އިސްދޫ ބައްދަލުކުރާ ގޮތަށް ހަމަޖެހިފައި އޮތް މެޗެވެ. މުބާރާތް އިންތިޒާމުކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަނީ މި މެޗުތައް މިރޭ އަށެއް ޖަހާއިރު ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަން ރޭ އިއުލާނުކޮށްފަ އެވެ.

ކޮމެންޓްސް

Matches
5
Ongoing
5
Upcoming
Settings