ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކިންގުގެ މަގާމަކީ އާދައިގެ މަގާމެއް ނޫނެވެ. އެ މަގާމު ލިބޭ ކުޅުންތެރިޔާ އެންމެންހެން ސިފަކުރަނީ އެވަގުތަކު ރާއްޖޭގައި ހުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ ގޮތުގަ އެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން ސަތޭކައަށްވުރެ ގިނަ ރަށުން ބައިވެރިވި މުބާރާތަކުން އެވަރުގެ މަގާމެއް ހޯދޭނީ ލައްކަ މަސައްކަތްކޮށްގެންނެވެ. މި މަހު ނިމުނު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކިންގުގެ މަގާމު ހޯދި ހދ. ނައިވާދޫ، ޔާމީން މުހައްމަދު (ޔާންޓެ) މުބާރާތުގައި ދެއްކީ އެވަރުގެ ކުޅުމެކެވެ.
#ރަށް ނޫން އެހެން ވިސްނުމެއް ނެތް
މުބާރާތް ފެށުމުގެ ކުރިން ޔާންޓެގެ އޮތީ ހަމަ އެންމެ ހުވަފެނެކެވެ. އެއީ މީގެ 8 އަހަރުކުރިން މާލެ މާފަންނު ޓީމުގައި ހުރެގެން އޭނާ އުފުލާލި ތަށި އުފަން ރަށަށް ހޯދައިދިނުމެވެ. އެކަމަކު އެ މަސައްކަތާ ޔާންޓެ ކުރިމަތިލިއިރު ޓީމު އޮތީ އެންމެ ރަގަޅު ހާލަތަކު ނޫނެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ކުޅުނު ނައިވާދޫ ޓީމުގައި ހިމެނުނު މުހިންމު ހަތަރު ކުޅުންތެރިއަކު އޭރު ޓީމަކު ނެތެވެ. އެ މުބާރާތުގައި އެންމެ ގިނަ ގޯލް ޖަހައިގެން ރަން ބޫޓް ހޯދި މުހައްމަދު ޝާއިން ހުރީ ބޮޑު އަނިޔާއެއްގަ އެވެ. ޓީމުގެ އެއް ނަންބަރު ގޯލްކީޕަރު އިބްރާހީމް ނާޖިހް (ހޭޓް) ގެ އިތުރުން ޢަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަހްމަދު ޙަމީދު (އަންމަޑޭ) ތިބީ ގައުމީ ޓީމާއެކު ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރަން ގޮހެވެ.
"މިފަހަރު މުބާރާތް ފަށައިގަތްއިރު ރަށުގެ ގިނަ ބަޔަކުވެސް އުންމީދެއް ނުކުރޭ ޒޯން ބުރާ ހަމައަށްވެސް ދެވިދާނެ ކަމަކަށް" އަތޮޅު މުބާރާތާ ކުރިމަތިލިއިރު ޓީމު އޮތް ހާލަތު ސިފަކޮށްދެމުން ޔާންޓެ ފަހުމިނެޓަށް ކިޔައިދިނެވެ.
ޔާންޓެ ފުޓްސަލްގެ ކިންގުގެ ތާޖާ އެކު އުފާފާޅުކުރަނީ. ފޮޓޯ: ޓީމް ނައިވާދޫ
"ޓީމު އޮތް ހާލަތަށް ބަލާފަ އެންމެ ފުރަތަމަ ޓާގެޓަކަށް ހެދީ އެންމެ ދަށްވެގެންވެސް އަތޮޅު ފައިނަލްގަ ކުޅެން. ޗެމްޕިއަންކަން ނުލިބުނަސް ހެޔޮ ކަމަށް ބެލީ. ފަށައިގެން މެޗަކަށްވުރެ މެޗެއް ރަގަޅުކުރަމުން އައީ. އެހާ ހިސާބުން ޓީމުގައި އެވަގުތު ތިބި ކުޅުންތެރިންނަށްވެސް އަދި ސަޕޯޓަރުންނަށްވެސް ގަބޫލުކުރެވެން ފެށި މިކަން ވެދާނެކަން." ކެޕްޓަނެއްގެ ޒިންމާ ނަގައިގެން އެންމެ އުނދަގޫ ވަގުތުގައި ޓީމުގެ ރޫހު ދިރުވައިދިން ޔާންޓެ ބުންޏެވެ.
#ރަށު މީހުން ކުރި އިތުބާރު ހަގީގަތަކަށް
އަތޮޅު މުބާރާތް ނައިވާދޫއިން ނިންމާލީ ކަނޑައެޅި އަމާޒަށްވުރެ ވެސް މަތިންނެވެ. އަތޮޅު މުބާރާތުގެ ތަށްޓާއެކު ނައިވާދޫއިން ޒޯން މުބާރާތަށް ކުރިމަތިލިއިރު ގައުމީ ޓީމާއެކު ދިޔަ ތިން ކުޅުންތެރިން ތިބީ އެނބުރި އައިހެވެ. އެއީ ގޯލްޑަންގެ ތަށްޓަށް ނައިވާދޫއިން ދަތުރު ފެށި ހިސާބެވެ. އެ ހިސާބަށް ޓީމު އައުމުގައި ޔާންޓެގެ ލީޑަޝިޕް މުހިންމު ދައުރެއް އަދާކުރި އެވެ.
ޔާންޓެ ރަށު ޓީމާ ގުޅުނީ 2023 ވަނަ އަހަރު އެވެ. ފުރަތަމަ އަހަރުވެސް ރަށު މީހުން ނިންމީ އެއީ ކެޕްޓަން ކަމަށެވެ. ފުރަތަމަ އަހަރު މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ގޮސް ރ. އިނގުރައިދޫ އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. ދެވަނަ އަހަރު ދިޔައީ އެއަށްވުރެ ތަންކޮޅެއް ދަށްކޮށެވެ. ގަދަ ސޯޅައިގައި ވަރުގަދަ ލ. ގަން އަތުން ބަލިވީ އެވެ. އެކަން މާޒީއަށް ދޫކޮށްލުމަށްފަހު މިދިޔަ އަހަރު ނުކުމެ ފައިނަލުގައި ކ. ކާށިދޫ އަތުން ބަލިވީ ވަރަށް ހިތްވަރުކޮށްފަ އެވެ. އެ ހިތްދަތިކަން މިފަހަރު ނައިވާދޫއިން އެ ކަފުން ކުރީ ސާފު ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ފުޓްސަލް ޓީމުގައި ހިމެނުނު ހަތަރު ކުޅުންތެރިން ތިބި ވަރުގަދަ ދެއްވަދޫއާ ފައިނަލުގައި ވާދަކޮށް 3-9 އިން މޮޅުވެގެންނެވެ. އެ މެޗުގައި ޔާންޓެ ވަނީ ގޯލެއްވެސް ޖަހައިފަ އެވެ.
#ދޫނޮކޮށް ކުރި މަސައްކަތާއި އާއިލާގެ ތާއީދު
ޔާންޓެ ގަބޫލުކުރާ ގޮތުގައި ގޯލްޑަން ފުޓްސަލް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ތާޖު ލިބުމުގެ ފަހަތުގައި އޮތް އެއް ސަބަބަކީ އުންމީދު ގެއްލުވާނުލައި މޮޅުވާން އޭނަ ކުރި މަސައްކަތެވެ.
"އަސްލު މިއީ އެއްވެސް ވަރަކަށް ގިވްއަޕް ނުކޮށް ކުރި މަސައްކަތުން ލިބުނު މަގާމެއްހެން ހީވަނީ. އަބަދުވެސް މަސައްކަތްކުރަނީ މޮޅުވާން. ބަލިވެފައި އޮތަސް އަބަދުވެސް ގަބޫލުކުރަނީ އަދި ވާނެ އޭ. އެއް ފަހަރު ނުވިއްޔާ ދެން އަންނަ ފަހަރަކުން ވާނެއޭ." ފަހުމިނެޓަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޔާންޓެ ބުނެފައިވެ އެވެ.
ޔާންޓެ ކާމިޔާބީއާ އެކު އުފަން ރަށުގައި. ފޮޓޯ: ޓީމް ނައިވާދޫ
ކިންގުގެ މަގާމު ލިބުމުން ޔާންޓެ އެންމެ ބޮޑު ކްރެޑިޓެއް ދިނީ އާއިލާއަށެވެ.
"އާއިލާގެ އެންމެން ދިރިއުޅެނީ މާލޭގަ. މަންމައާއި ބައްޕަވެސް އެންމެ މެޗެއް ވައްޓާނުލާ އަންނާނެ ޔާންޓެ ކުޅޭތަން ބަލަން. އެއީ އަސްލު މޮޅު ކުޅުމެއް ދައްކަން ލިބުނު ވަރަށް ބޮޑު ހިތްވަރެއް. ކޮންމެ މެޗެއް ނިމުނީމަވެސް އާއިލާގެ އެންމެންގެ ފަރާތުން ވަރަށް ހިތްވަރުގެ ބަސްތައް ލިބޭ." ޔާންޓެ ބުންޏެވެ.
ގޯލްޑަން ފުޓްސަލްގެ ކިންގުގެ މަގާމަކީ ޔާންޓެ ސިފަކުރި ގޮތުގައި އޭނާގެ ފުޓްސަލް ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. އެކަމަކު ކެރިއަރުގައި ޔާންޓެ ހާސިލްކުރަން ބޭނުންވާ އަދި އެހެން ކާމިޔާބެއް އެބަ އޮތެވެ. އެއީ ރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި އެއް ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕް އެޗްޑީސީއަށް ކާމިޔާބުކޮށްދިނުމެވެ. ކެޕްޓަނެއްގެ ޒިންމާ ނަގައިގެން އެ އިންތިޒާރުގައި ޔާންޓެ ހުންނަތާ މިހާރު ދިހަ އަހަރު ވަނީ އެވެ. އެކަމަކު ޔާންޓެ ގަބޫލުކުރާ ގޮތުގައި އެއީވެސް ނުވާނެ ކަމެއް ނޫނެވެ.