އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު އިޒްރޭލަށް ގެއްލުނުއިރު އެ ޓީމަށް ރޭ ދަނޑުންނާއި، ދަނޑު ބޭރުން މަލާމާތާއި، ނުރުހުން ވަރަށް ބޮޑަށް ރައްދުވެއްޖެ އެވެ.
އުތުރު އެމެރިކާ ސަރަހައްދުގައި އަންނަ ހޫނު މޫސުމުގައި ބާއްވާ ވޯލްޑް ކަޕުން އިޒްރޭލަށް ޖާގަ ނުލިބޭނެކަން ކަށަވަރުވީ ރޭ ޔޫރަޕްގެ ކޮލިފައިން ބުރުގެ ގްރޫޕް އައި ގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުން 3-0 އިން ބަލިވުމުންނެވެ. ފަސް ގައުމު ވާދަކުރާ މި ގްރޫޕްގެ ތިން ވަނައިގައި 9 ޕޮއިންޓާއެކު އިޒްރޭލް އޮތް އިރު ދެވަނައިގައި އޮތް އިޓަލީ އާދެމެދު ހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އިޒްރޭލަށް ގްރޫޕްގައި ބާކީ ދެން އޮތީއެންމެ މެޗެކެވެ. ޔޫރަޕްގެ ކޮލިފިކޭޝަން ހަމަޖެހިފައި އޮތް ގޮތުން ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އޮޓަމެޓިކްޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން ވެސް އެއްވަނައަށް ދާ ޓީމަކަށެވެ.
އިޒްރޭލާއި އިޓަލީ ހިމެނޭ ގްރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ 18 ޕޮއިންޓާއެކު ނޯވޭއެވެ. ކޮންމެ ގްރޫޕަކުންވެސް ދެވަނައަށް ދާ ޓީމުތަކަށް ޕްލޭ އޮފްގައި ވާދަކޮށްގެން ކޮލިފައިވުމުގެ އިތުރު ފުރުސަތެއް ލިބެއެވެ. އެކަމަކު އެ ފުރުސަތު އިޒްރޭލަކަށް ނެތެވެ.
ރޭ އިޒްރޭލުން އިޓަލީގައި ކުޅުނު މެޗުގައި އިޓަލީން ޖެހި ތިން ގޯލުގެ ތެރެއިން ފުރަތަމަ ދެ ގޯލު ކާމިޔާބުކޮށްދިނީ މެތިއު ރެޓެގީ އެވެ. ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީޖިއާން ލޫކާ މަންޗިނީ އެވެ. ރޭގެ މެޗުގައި އިޒްރޭލުންވެސް އިޓަލީގެ ގޯލަށް ނުރައްކާ ކުރިއިރު އެ ޓީމުގެ ގިނަ ހަމަލާތަކެއް އިޓަލީގެ ގޯލްކީޕަރު ޖިއަން ލުއިޖީ ޑޮންނަރުއްމާ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕުން އިޒްރޭލަށް ފުރުސަތު ގެއްލުމުގެ އިތުރުން ރޭގެ މެޗު ފެށުމުގެ މާ ކުރިން ފެށިގެން މެޗު ކުޅުނު ރަށުގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލައި ބޮޑު މުޒާހަރާއެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި މުޒާހަރާގައި ފަސް ހާހަށްވުރެ ގިނަ މީހުން ބައިވެރިވިކަމަށް ރިޕޯޓްތައް ބުނާއިރު މުޒާހަރާ ކޮންޓްރޯލުކުރުމަށް ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ.
މުޒާހަރާ ކުރި މީހުން ވަނީ ދިގުމިނުގައި 18 މީޓަރު ހުންނަވަރުގެ ބޮޑު ފަލަސްތީނު ދިދައެއް ހިފައިގެން ފަލަސްތީނު ރައްޔިތުންގެ ހައްގުގައިއަޑު އުފުލައިފަ އެވެ. އަދި އެމީހުން ވަނީ ބައިނަލްއަގްވާމީ ފުޓްބޯޅައިން އިޒްރޭލް ސަސްޕެންޑް ކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއަށް ވެސް ގޮވާލައިފަ އެވެ.
ރޭގެ މެޗު ފެށުމުގެ ކުރިން އިޒްރޭލްގެ ގައުމީ ސަލާމް އިއްވަމުން ދިޔަ ވަގުތު މެޗު ބަލަން ދަނޑަށް ވަދެ ތިބި ބައެއް ސަޕޯޓަރުން ވަނީ އިޒްރޭލަށް މަލާމާތް ރައްދުވާގޮތަށް އެކި ޒާތުގެ އަޑުވެސް ލައްވައިފަ އެވެ. އިޒްރޭލުން ފަލަސްތީނުގެ ރައްތިތުންނާ ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން އިޓަލީގެ ފުޓްބޯޅަ ޓީމު ކުޅޭ ކޮންމެ މެޗެއްގައި ވެސް މިޒާތުގެ ކަންކަން މިފަހަކަށް އައިސް އަންނަނީ ތަކުރާރުވަމުންނެވެ.