ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިޓަލީ އަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފެންނާނީ އަދި މާ ވަރުގަދަކޮށް ކަމަށް އިޓަލީގެ ގައުމީ ޓީމްގެ ކުރީގެ ފޯވާޑް ޖިއަން ފްރެންޗެސްކޯ ޒޯލާ ބުނެފި އެވެ.
2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕަށް ކޮލިފައި ވުމުގެ ނަސީބު ނުލިބުނު އިޓަލީން ވަނީ އޭގެ ފަހުން މިހާރުގެ ކޯޗް ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން ބޮޑު ކުރިއެރުމެއް ހޯދައި ބަލި ނުވެ ޖެހިޖެހިގެން 33 މެޗް ހަމަކޮށްފަ އެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި އިޓަލީން އުފުލާލީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުގެ ރޭ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި އިންގްލެންޑާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. އެ މެޗްގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 1-1 އިން އެއްވަރުވި އިރު އިޓަލީން ނަތީޖާ ހަމަހަމަކުރީ މެޗްގެ ވަރަށް ކުރީކޮޅު އިންގްލެންޑުން ލަނޑެއް ޖަހައިފައިވަނިކޮށެވެ.
“މިފަހަރުގެ ޔޫރޯގައި ބައިވެރިވި ޓީމްގެ ފަރާތުން ވޯލްޑްކަޕްގައި ފެންނާނީ އަދި މާ ވާދަވެރިކޮށް. އެމީހުންނަށް އޮތް އިތުބާރު އޭރަށް އަދި މާ ބޮޑުވެ ކުޅުން ވަރަށް ބޮޑުތަން ރަގަޅުވާނެ. ޓީމްގަ ތިބި ގިނަ ކުޅުންތެރިންނަކީ ޒުވާން ކުޅުންތެރިން. އެހެންވީމާ އަހަރެންނަށް ގަބޫލުކުރެވޭ ގޮތުގައި އެ ކުޅުންތެރިން ވޯލްޑް ކަޕް އަންނަންވާއިރު ތިބޭނީ އެހެން ލެވެލްއަކަށް ކުރިއަށް ޖެހިލައިފަ.” އިޓަލީގެ ގައުމީ ޓީމަށް 35 މެޗް ކުޅެ 10 ގޯލް ކާމިޔާބުކޮށްދީފައިވާ ޒޯލާ ބުނެފައިވެ އެވެ.
މިފަހަރުގެ ޔޫރޯގައި އިޓަލީ ޓީމުގެ މެދުތެރެއިން މޮޅު ކުޅުމެއް ފެނުނުއިރު އެ ޓީމް ޔޫރޯއަށް ނުކުތީ އޓާލިއަން ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އައި ރޯމާގެ އުމުރުން 22 އަހަރުގެ މިޑްފީލްޑަރު ނިކޮލޯ ޒަނިއޯލޯ ނުހިމަނަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނެދަލޭންޑްސްއާ ދެކޮޅަށް އިޓަކލީން ކުޅުނު މެޗެއްގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ދާންޖެހުނު ޒަނިއޯލޯ އިޓަލީ ޓީމާ އަލުން ގުޅުމުން ޓީމްގެ މެދުތެރެ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެ އެވެ. މިހާތަނަށް އިޓަލީގެ ގައުމީ ޓީމަށް ހަތް މެޗް ކުޅެ ދެ ގޯލް ކާމިޔާބުކޮށްދީފައިވާ ޒަނިއޯލޯ ވަނީ ރޯމާއަށް މިހާތަނަށް ކުޅެދިން 60 މެޗްގައި 14 ގޯލް ކާމިޔާބުކޮށްދީފަ އެވެ.
“ޒަނިއޯލޯ އަނިޔާއިން ރަގަޅުވެ އިޓަލީ ޓީމާ ގުޅިއްޖެ ނަމަ އޭނާ ވެގެންދާނީ ޓީމްގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރާނެ ކުޅުންތެރިއަކަށް. އޭގެ އިތުރުން އަހަރެން ގަބޫލުކުރާ ގޮތުގައި ޔޫރޯ މުބާރާތުގެ ތަށި އިޓަލީން ހޯދުމުން ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބި އިތުރަށް ކުރިއަރަން މަސައްކަތްކުރާނެ.” ޒޯލާ އިތުރަށް ބުނެފައިވެ އެވެ.