ފުރަތަމަ ސަފްޙާ / ޚަބަރު / ފުރަތަމަ ސީޒަނުގައި ވެސް ބެލިންހަމްއަށް އެއް ވަނަ

ފުރަތަމަ ސީޒަނުގައި ވެސް ބެލިންހަމްއަށް އެއް ވަނަ

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 29 މެއި 2024

ސްޕެއިންގައި ހޭދަކުރާ ފުރަތަމަ ސީޒަނުގައި ވެސް ޖޫޑް ބެލިންހަމް ސްޕެނިޝް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފި އެވެ.

ބެލިންހަމް، 20، މި ސީޒަނުގައި ރެއާލް މެޑްރިޑަށް ބަދަލުވީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ބޮޑު އަގުގަ އެވެ. ފުރަތަމަ ސީޒަނުގައި ބެލިންހަމް ވަނީ ރެއާލްއާ އެކު ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ.

ލީގު ޗެމްޕިއަންކަން ރެއާލް ހޯދިއިރު ބެލިންހަމް 19 ގޯލު ޖެހި އެވެ.

ސީޒަނުގެ ފަހު މެޗުގައި ރެއާލްއާ އެކު ބެލިންހަމް ނުކުންނާނީ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލަށެވެ. ބެލިންހަމްގެ ކުރީގެ ކްލަބް، ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރެ އެވެ.

ބެލިންހަމް އަށް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ސަޕޯޓަރުންނާއި ކްލަބްތަކުގެ ކެޕްޓަނުން އަދި އެކްސްޕާޓުންގެ ޕެނަލުން ވޯޓު ދީގެންނެވެ. ބެލިންހަމްގެ އިތުރުން އެ މަގާމަށް ވާދަކުރީ ވިނީޝިއުސް ޖޫނިއާ، އެތުލެޓިކޯ މެޑްރިޑްގެ އޮންޓުއަން ގްރީޒްމަން، ބާސެލޯނާގެ ރޮބާޓް ލެވަންޑޯސްކީ އަދި ޖިރޯނާގެ ފޯވާޑް އަރްތެމް ޑޮވްބިކް އެވެ.

މިދިޔަ ސީޒަނުގައި ޑޯޓްމަންޑުގައި ހުރެ ބެލިންހަމް ވަނީ ޖަރުމަނުގެ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ.

އެވޯޑް ދިނުމުގެ ރަސްމިއްޔާތަށް ބެލިންހަމް އަށް ނުދެވުނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ރެއާލް ތައްޔާރުވާތީ އެވެ. ބެލިންހަމް ވަނީ މެސެޖަކުން ރެއާލްގެ ޓީމާއި ސަޕޯޓަރުންނަށް ޝުކުރުއަދާކޮށްފަ އެވެ.

ބެލިންހަމް އަކީ އިންގްލެންޑް ޓީމުގައި ވެސް މުހިއްމު ކުޅުންތެރިއެކެވެ. މިހާތަނަށް އެގައުމަށް ކުޅުނު 20 މެޗުގައި ބެލިންހަމް ވަނީ ތިން ގޯލު ޖަހައިފަ އެވެ. ޖޫން މަހު ފަށާ ޔޫރޯގައި އިންގްލެންޑް ޓީމުގައި ބެލިންހަމް މުހިއްމު ދައުރެއް އަދާކުރާނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!