ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް މިރޭ ފަށާނެ އެވެ.
32 ޓީމު ބައިވެރިވި ފިރިހެން ޑިވިޝަނުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދާފައިވަނީ ޕްރިޒަން ކްލަބް، އެމްއޭސީއެލް، އެޗްޑީސީ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)، އެމްޕީއެލް، އާރްއާރްސީ، އެސްޓީއޯ އަދި ޓީމު ފެނަކަ އެވެ. ކުއާޓާގެ މެޗުތައް އެންމެ ފުރަތަމަ ކުޅެން ތާވަލްކުރީ ރެ އެވެ. އެކަމަކު މޫސުން ގޯސްވުމުގެ ސަބަބުން މެޗުތައް މިއަދަށް ފަސްކުރީ އެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ޕްރިޒަން ކްލަބާއި އެމްއޭސީއެލް ވާދަކުރާ މެޗު ފަށާނީ މިރޭ 8:15 ގަ އެވެ. މިރޭ ކުޅޭ ދެ ވަނަ މެޗުގައި ކްލަބް އެޗްޑީސީ އާއި ޓީމް އެފްއެސްއެމް ބައްދަލުކުރާނީ 10:15 ގަ އެވެ. ކުއާޓާގެ ފަހު ދެ މެޗު މާދަމާ ރޭ ކުޅޭއިރު ފުރަތަމަ މެޗުގައި ރޭގަނޑު 8:15 ގައި ވާދަކުރާނީ އެމްޕީއެލް އާއި އާރްއާރްސީ އެވެ. ކުއާޓާގެ ފަހު މެޗުގައި އެސްޓީއޯ އާއި ޓީމު ފެނަކަ ވާދަކުރާ މެޗު ފަށާނީ 10:15 ގަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލް އާއި ރަނަރަޕް ވެމްކޯ ވަނީ މިފަހަރުގެ މުބާރާތުން ކަޓައިފަ އެވެ. ބީއެމްއެލް ކެޓީ ގްރޫޕް ސްޓޭޖުގައި އެޗްޑީސީ އާއި އާރްއާރްސީގެ ފަހަތުން ތިން ވަނަ ލިބިގެންނެވެ. މަޝްހޫރު އެތައް ކުޅުންތެރިންތަކަކާ އެކު މުބާރާތަށް ނުކުތް ވެމްކޯ ކެޓީ ދެ ވަނަ ބުރުގައި އެފްއެސްއެމް އަތުން ހައިރާންކުރުވަނިވި ގޮތަކަށެވެ. ވެމްކޯ ކަޓުވާލުމަށް އެފްއެސްއެމް މިރޭ ނުކުންނަ އެޗްޑީސީ އަކީ މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ޓީމެވެ. އެޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގެ ތިން މެޗުން މޮޅުވެ ދެ ވަނަ ބުރުގައި ދިވެހި ސިފައިންގެ ކްލަބް ބަލިކޮށްގެންނެވެ.
އެމްއޭސީއެލް ކުއާޓާ އަށް ދަތުރުކުރީ ދެ ވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން އެމްޓީސީސީ ބަލިކޮށްގެންނެވެ. ޕްރިޒަން ކްލަބް ވަނީ ދެ ވަނަ ބުރުގެ މެޗުގައި ޕޮލިސް ކްލަބް ބަލިކޮށްފަ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ 30/18 ވިމެން ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ އަންގާރަ ދުވަހުގެ ރެ އެވެ. ފުރަތަމަ ސެމީގައި ދިވެހި ސިފައިންގެ ކްލަބާއި ވެމްކޯ ވާދަކުރާއިރު ދެ ވަނަ މެޗުގައި ޗެމްޕިއަން އެމްޕީއެލް ކުޅޭނީ ޕޮލިހާ އެވެ.