ފްރާންސްގެ ގައުމީ ޓީމާ އެކު އިއްޔެ ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ޕައުލް ޕޮގްބާގެ ފަލަމަސްގަނޑަށް އަނިޔާވެ މި އަހަރުގެ ބާކީ ބައިގައި އޭނާ އަށް ކުޅެވޭނެކަމުގެ އުއްމީދު ކުޑަވެއްޖެ އެވެ.
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ އުމުރުން 28 އަހަރުގެ މިޑްފީލްޑަރު އަނިޔާއިން އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ހައެއް ނޫނީ އަށް ހަފްތާ ނަގާނެކަމަށް ބެލެވެ އެވެ. އަށް ހަފްތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ ނަމަ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބާކީ އޮތް ދެ މެޗާއި އިނގިރޭސި ޕްރިމިއާ ލީގުގެ 10 ވަރަކަށް މެޗު ގެއްލޭނެ އެވެ.
ޔުނައިޓެޑާ އެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން އަންނަ ޖޫން މަހު ހަމަވާއިރު އަނިޔާ އަށް ފަހު ޖެނުއަރީ މަހު އެނބުރި ކުޅުމުގެ ތެރެއަށް އަންނައިރު އެހެން ކްލަބަކާ އެކު ޕްރީ ކޮންޓްރެކްޓެއް ހެދުމުގެ ފުރުސަތު ޕޮގްބާ އަށް ލިބޭނެ އެވެ. ޔުނައިޓެޑުން ޕޮގްބާގެ އެއްބަސްވުން އާކޮށްފައި ނުވާއިރު އޭނާ ގެންދަން ޔޫރަޕްގެ މަޝްހޫރު ކްލަބްތަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އޭގެތެރޭގައި ކުރީގެ ކްލަބް ޔުވެންޓަސް އާއި ރެއާލް މެޑްރިޑް ހިމެނެ އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ޕޮގްބާ ހުރީ ސަސްޕެންޝަނުގަ އެވެ. ލިވަޕޫލް އަތުން ބަލިވި މެޗުގައި ދެއްކި ސީދާ ރަތްކާޑާ ގުޅިގެން ޕޮގްބާ އަށް ދީފައިފާ ތިން މެޗުގެ ސަސްޕެންޝަން ނިމޭނީ ނޮވެމްބަރު 20 ވަނަ ދުވަހު ރަށުން ބޭރުގައި ވެޓްފޯޑާ ކުޅޭ މެޗަށް ފަހު އެވެ.
އަނިޔާގެ ސަބަބުން ޕޮގްބާއާ އެކު ޔުނައިޓެޑްގެ މުހިއްމު ކުޅުންތެރިންތަކެއް މިވަގުތު ތިބީ ކުޅުމާ ދުރުގަ އެވެ. ޑިފެންޑަރު ރަފައެލް ވަރާން އާއި އެޑިންސަން ކަވާނީ މިވަގުތު އަނިޔާގައި ހުރިއިރު މިދިޔަ ހޮނިހިރު ދުވަހު މެންޗެސްޓަރ ސިޓީ އަތުން ޔުނައިޓެޑް ބަލިވި މެޗުގައި ބޮލަށް ލިބުނު ގެއްލުމަކާ ގުޅިގެން ލޫކް ޝޯ ވަނީ ބަދަލުކޮށްފަ އެވެ. އަދި ބޮލަށް ލިބޭ އަނިޔާގެ ޕްރޮޓޮކޯލްގެ ދަށުން އިންގްލެންޑް ޓީމާ ގުޅުމުގެ ފުރުސަތު ޝޯ އަށް އަދި ނުލިބެ އެވެ.