ފުރަތަމަ ސަފްޙާ / ޚަބަރު / ޕޮގްބާ ހުރީ އުފަލަކު ނޫން، ޔުނައިޓެޑް ދޫކޮށްލަން ޖެހޭ: އޭޖެންޓް

ޕޮގްބާ ހުރީ އުފަލަކު ނޫން، ޔުނައިޓެޑް ދޫކޮށްލަން ޖެހޭ: އޭޖެންޓް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 8 ޑިސެމްބަރު 2020

ައުލް ޕޮގްބާ މެންޗެސްޓަރ ޔުނައިޓެޑްގައި ހުރީ އުފަލުން ނޫން ކަމަށާއި، ދެން އަންނަ ޓްރާންސްފާ ބާޒާރުގައި ޕޮގްބާ ކްލަބް ބަދަލުކުރަން ޖެހޭކަމަށް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ފްރާންސް މިޑްފީލްޑަރު ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޕޮގްބާ ޔުނައިޓެޑަށް ކުޅެފައިވަނީ އަށް މެޗުގަ އެވެ. އޭގެތެރެއިން ފަސް މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނުނު އިރު އޭނާގެ ކުޅުމަށް ގިނަ ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ. އެކަމަކު ލީގުގައި ޔުނައިޓެޑުން މިދިޔަ ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި ފަހަތުން އަރައި 3-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރި މެޗުގައި ޕޮގްބާ ވަނީ މޮޅު ކުޅުމެއް ދައްކައި ސީޒަނުގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ.

“ޕައުލް ހުރީ އުފަލަކު ނޫން. ޕޮގްބާ ޓީމު ބަދަލުކުރަން ޖެހޭ. އެހެން މާހައުލަކަށް ބަދަލުވާން ޖެހޭ. ޕޮގްބާގެ އެއްބަސްވުމުގައި ބާކީ ދޮޅު އަހަރު އެބައޮތް. އެކަމަކު އަހަރެންނަށް ވިސްނޭ ގޮތުގައި އެންމެ ރަނގަޅުވާނީ ދެން އަންނަ ޓްރާންސްފާ ބާޒާރުގައި ޔުނައިޓެޑުން ޕޮގްބާ ވިއްކާލުން” މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ އޭޖެންޓްކަން ކުރަމުން އަންނަ ރައިއޯލާ ބުންޏެވެ.

ޕޮގްބާއާ އެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން ކޮންޓްރެކްޓްގެ ބާކި އަހަރު ޔުނައިޓެޑުން ބޭނުންނަމަ “އެކްޓިވް” ކުރެވޭނެ އެވެ. އެ ފުރުސަތުގެ ބޭނުންހިފައި ޔުނައިޓެޑުން ދާދިފަހުން ވަނީ ޕޮގްބާގެ އެއްބަސްވުމުގައި ހިމަނާފައިވާ އެއް އަހަރު އިތުރުކޮށްފަ އެވެ. ރައިއޯލާ ބުނީ އެއީ ޕޮގްބާ ބޭނުންވެގެން ކުރިކަމެއް ނޫން ކަމަށެވެ.

ޔުނައިޓެޑްގެ ޔޫތު ސިސްޓަމުން ފުޓްބޯޅަ ކެރިއަރު ފަށައި ސީނިއާ ޓީމުން ފުރުސަތު ނުލިބޭތީ ޕޮގްބާ ބަދަލުވީ ޔުވެންޓަސް އަށެވެ. އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަން ފެށުމުން ޔުނައިޓެޑުން ދުނިޔޭގެ ރެކޯޑް އަގެއްކަމަށްވާ 89 މިލިއަން ޕައުންޑަށް ޕޮގްބާ އަލުން އެ ކްލަބަށް ގެނައީ 2016 ވަނަ އަހަރު އެވެ. އެކަމަކު ޔުނައިޓެޑަށް ބޮޑު އަގުގައި ބަދަލުވުމަށް ފަހު ވެސް ޕޮގްބާ ބުނަމުން އަންނަނީ ރެއާލް މެޑްރިޑަށް ކުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ.

ޕޮގްބާ ޔުނައިޓެޑްގައި ދައްކާ ކުޅުމަށް ފާޑުކިޔުން އަމާޒުވާ ނަމަވެސް ފްރާންސްގެ ގައުމީ ޓީމުގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ މަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ ޔުނައިޓެޑްގައި ޕޮގްބާ ހުރީ އުފަލުން ނޫން ކަމަށާއި އެ ހާލަތު ބަދަލުކުރުން ޕޮގްބާ އަށް މުހިއްމު ކަމަށެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި ޕޮގްބާ މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް ކުޅުނީ އެންމެ 22 މެޗުގަ އެވެ. ޔުނައިޓެޑުން ޕޮގްބާ ބަހައްޓަން ބޭނުންވާކަން ހާމަކުރުމާ އެކު ރައިއޯލާ މިދިޔަ އޮގަސްޓް މަހު ބުނީ ޔުނައިޓެޑާ އެކު ޕޮގްބާ އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް ފަށާނެ ކަމަށެވެ. އެކަމަކު އިއްޔެ ރައިއޯލާގެ ރާގު އަނެއްކާވެސް މިވަނީ ބަދަލުވެފަ އެވެ.

“އެއްބަސްވުމުގެ ވާހަކަ އަލުން ދެއްކުމުގެ ބޭނުމެއް ނެތް. ސާފުކޮށް ބުނާނަމަ އަހަރެން އެދެނީ ކުރިއަށް ބެލުމަށް. ވަގުތު ގެއްލުވާ ނުލުމަށް” ޕޮގްބާ ޔުނައިޓެޑް ދޫކޮށްލަން ޖެހޭކަން ހާމަކުރަމުން ރައިއޯލާ ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!