ފުރަތަމަ ސަފްޙާ / ޚަބަރު / ކޯމާގައި 39 އަހަރު ހޭދަކުރި ފްރާންސްގެ ކުރީގެ ކުޅުންތެރިޔާ މަރުވެއްޖެ

ކޯމާގައި 39 އަހަރު ހޭދަކުރި ފްރާންސްގެ ކުރީގެ ކުޅުންތެރިޔާ މަރުވެއްޖެ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 7 ސެޕްޓެމްބަރު 2021

39 އަހަރު ވަންދެން ކޯމާގައި އޮތް ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، ޖީން-ޕިއޭ އެޑަމްސް އުމުރުން 73 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.

އެޑަމްސް ކޯމާ އަށް ދާންޖެހުނީ 1982 ވަނަ އަހަރު ކުރި ކަކުލުގެ އޮޕަރޭޝަނެއްގައި ކުރިމަތިވި ކަންތައްތަކަކާއި ގުޅިގެންނެވެ. އުމުރުން 34 އަހަރުގައި އެޑަމްސްގެ ކަކޫ އޮޕަރޭޝަން ކުރަން އުޅުނު ޑޮކްޓަރުންގެ ޓީމަށް އެކި ގޯސްތައް ހެދުމުން އެޑަމްސްގެ ހިތް ވެސް ހުއްޓުނެވެ. އޭގެފަހުން އުމުރު ދުވަހު އޭނާ އަށް ޖެހުނީ ކޯމާގައި ދުވަސްތައް ހޭދަކުރާށެވެ.

ސެނެގޯލަށް އުފަން ފްރާންސް ޑިފެންޑަރުގެ ކުޅުން އެންމެ ބޮޑަށް ފާހަގަކުރެވުނީ ފްރާންސްގެ ނީސްގަ ހޭދަކުރި މުއްދަތުގަ އެވެ. އެޓީމަށް 140 މެޗު ކުޅެދިންއިރު އޭގެފަހުން އޭނާ ވަނީ މިހާރުގެ ގަދަބާރު ޕީއެސްޖީގެ އިތުރުން ނައިމްސް އަށް ވެސް ކުޅެފަ އެވެ. ފްރާންސްގެ ގައުމީ ޓީމަށް އެޑަމްސް ވަނީ 22 މެޗު ކުޅެފަ އެވެ. ފްރާންސް ޓީމަށް އެޑަމްސް ކުޅުނީ 1972 އާއި 1976 ވަނަ އަހަރާއި ދެމެދު އެވެ.

އެޑަމްސް މަރުވުމުން ނީސް އާއި ޕީއެސްޖީ އަދި ނައިމްސް އިން ވަނީ އެކަމުގެ ހިތާމައިގައި ބައިވެރިވެ ބަޔާން ނެރެފަ އެވެ. ނީސް އިން އާއްމުކުރި ބަޔާނުގައި ބުނީ މި މަހުގެ 19 ވަނަ ދުވަހު އަމިއްލަ ދަނޑުގައި މޮނާކޯއާ ދެކޮޅަށް އެޓީމު ކުޅޭ މެޗު ހާއްސަކުރާނީ އެޑަމްސް އަށް ކަމަށެވެ.

އެޑަމްސް ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހުނީ ކޯޗިން ޓްރެއިނިން ކޭމްޕެއްގައި އުޅެނިކޮށް ކަކުލަށް ލިބުނު އަނިޔާއަކުންނެވެ. އެޑަމްސްގެ އޮޕަރޭޝަން ކުރަން އޮތް ދުވަސް ވެގެންދިޔައީ ހިދުމަތް ދިނުމުގައި ހޮސްޕިޓަލަށް އުނދަގޫތަކެއް ކުރިމަތިވި ދުވަހަކަށެވެ. އެއީ ފްރާންސްގެ ލިޔޯންގައި ހުރި އެ ހޮސްޕިޓަލުގެ މުވައްޒަފުން އެދުވަހު ހަޅުތާލު ކުރުމުންނެވެ. އެދުވަހު އެޑަމްސްގެ އޮޕަރޭޝަން ކުރިއަށް ގެންދިޔައިރު ޑޮކްޓަރު ދިޔައީ އިތުރު އަށް މީހަކަށް ފަރުވާދެމުންނެވެ. އެ ޑޮކްޓަރަށް ހުރިހާ އެންމެންނަށް އެއްފަހަރާ ފަރުވާ ނުދެވޭނެތީ އެޑަމްސްގެ ފަރުވާގައި ޓްރެއިނަރެއް ވަނީ ބޭނުންކޮށްފަ އެވެ. ޓްރެއިނަރާއި ޑޮކްޓަރު އެޑަމްސްގެ އޮޕަރޭޝަން ކުރިއަށް ގެންދިޔައިރު ބޮޑެތި ގޯސްތަކެއް ހެދި އެޑަމްސްގެ ހިތް ހުއްޓުމުގެ އިތުރުން ސިކުނޑި އަށް ވެސް ގެއްލުންވި އެވެ.

މި މައްސަލަ ބެލުމަށް ފަހު އެޑަމްސް އަށް ފަރުވާދިނުމުގައި އިހުމާލުވި ޑޮކްޓަރާއި ޓްރެއިނީ އަށް އަދަބު ލިބުނީ ނުވަދިހައިގެ މެދުތެރޭގަ އެވެ. އެގޮތަށް އެ ދެމީހުން އެއް މަސް ދުވަހަށް ސަސްޕެންޑްކޮށް 750 ޔޫރޯ އިން ޖޫރިމަނާކުރި އެވެ.

އެޑަމްސް 15 މަސް ފަހުން ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ބަދަލުވެ މިދިޔަ 39 އަހަރު އެޑަމްސްގެ ހުރިހާ ކަމެއް ބެލެހެއްޓީ އޭނާގެ އަނބިމީހާ އެވެ. މިދިޔަ ދިގު މުއްދަތުގައި އެޑަމްސްގެ އަނބިމީހާ ބާނަޑެޓާ އެޑަމްސް ކުރި ހިތްވަރަށް ގިނަ ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ. 2016 ވަނަ އަހަރު އެޑަމްސްގެ އަނބިމީހާ ބުނެފައިވަނީ ކޮންމެ ދުވަހަކު އެޑަމްސް އަށް ދިމާވި ހާދިސާއާ ގުޅޭގޮތުން އޭނާ އަށް ވިސްނޭ ކަމަށާއި، އެކަމަކު އެ ހާދިސާއާ ގުޅިގެން އޮޕަރޭޝަން ކުރި ހޮސްޕިޓަލުން މާފަށް ނޭދޭ ކަމަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!