އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަ ގްރޫޕުގެ އެއް ވަނަ ހޯދައި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން މުބާރާތުގެ އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ. އޭޓީކޭ މޯހަން ބަގާން މި ފުރުސަތު ހޯދީ ގަލޮޅު ދަނޑުގައި މިއަދު ކުޅުނު ގްރޫޕް ޑީގެ މެޗުގައި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ 1-1 އިން އެއްވަރުކޮށްގެންނެވެ.
ގްރޫޕުގެ އެއް ވަނަ އޭޓީކާ އަށް ލިބުނީ ތިން މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު އެވެ. ފުރަތަމަ މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ވާދަކޮށް 2-0 އިން އޭޓީކޭ މޮޅުވިއިރު ދެ ވަނަ މެޗުގައި ރާއްޖޭ މާޒިޔާ އަތުން އޭޓީކޭ ވަނީ 3-1 އިން މޮޅުވެފަ އެވެ. ބަންގްލަދޭޝްގެ ފުޓްބޯޅަ އަށް ތާރީހީ ކާމިޔާބީއެއް ހޯދައިދޭން ބުރަކޮށް މަސައްކަތްކުރި ބަޝުންދަރާ އަށް ފަސް ޕޮއިންޓާ އެކު ލިބުނީ ގްރޫޕުގެ ދެ ވަނަ އެވެ. ބަޝުންދަރާ އިން ފުރަތަމަ މެޗުގައި މާޒިޔާ 2-0 އިން ބަލިކުރިއިރު ދެ ވަނަ މެޗުގައި ބެންގަލޫރާ ވާދަކޮށް ނިމުނީ ލަނޑެއް ނުޖެހި އެވެ.
ޒޯން ޕްލޭއޮފް ސެމީގައި އޭޓީކޭ ނުކުންނާނީ ސެންޓްރަލް އޭޝިއާ ޒޯން ފައިނަލުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ސެންޓްރަލް އޭޝިއާ ޒޯން ފައިނަލުގައި ވާދަކުރާނީ ތުރުކުމެނިސްތާންގެ އަހާލް އާއި އުޒްބެކިސްތާންގެ ނަސަފް އެވެ. ސެމީ ފައިނަލުގައި ވާދަކޮށްގެން އޭޓީކޭ މޮޅުވެއްޖެ ނަމަ އިންޓަ ޒޯން ޕްލޭއޮފް ފައިނަލުގައި އޭޓީކޭ ވާދަކުރަން ޖެހޭނީ ހޮން ކޮންގްގެ ލީ މޭންއާ އެވެ. އޭއެފްސީ ކަޕް ފައިނަލުގެ އަނެއް ޖާގަ ލިބޭނީ ހުޅަނގު އޭޝިއާ ސަރަހައްދުން މޮޅުވެގެން އަންނަ ޓީމަކަށެވެ.
މޮޅުވުން މަޖުބޫރު މެޗުގެ 27 ވަނަ މިނެޓުގައި ބަޝުންދަރާގެ ބްރެޒިލް މިޑްފީލްޑަރު ފެނާންޑޭސް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. ލީޑުގައި އޮއްވައި ބަޝުންދަރާ އަށް މައްސަލަތައް ކުރިމަތިވީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް އެޓީމުގެ ޑިފެންޑަރު ސުޝާންތޯ ޓްރިޕުރާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ދެ ވަނަ ހާފު ފަށައިގެން އޭޓީކޭ އިން ވަނީ ވަރަށް ބޮޑަށް ކުރިއަށްޖެހި އެޓޭކްތައް ވަރުގަދަކޮށްފަ އެވެ. ބަޝުންދަރާގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި އޭޓީކޭ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 61 ވަނަ މިނެޓުގަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ވިލިއަމްސް އެވެ.
އޭޓީކޭ އިން މެޗުގެ ނަތީޖާ ހަމަހަމަކުރުމުން ބަޝުންދަރާ އިން ވަނީ މެޗުގެ ފަހުކޮޅު މުޅި ޓީމު ކުރިއަށް ޖެހި މޮޅެއް ލިބޭތޯ މަސައްކަތްކޮށްފަ އެވެ. އެކަމަކު އޭޓީކޭ އިން ވަނީ ޑިފެންސަށް ސަމާލުވެ މެޗު އެއްވަރުކޮށް އެޓީމުގެ އަމާޒަށް ވާސިލްވެފަ އެވެ.
މިއީ އޭއެފްސީ ކަޕްގެ ތާރީހުގައި ބަޝުންދަރާ ވާދަކުރި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން 5-1 އިން މޮޅުވެފައި ވަނިކޮށް ކޮވިޑާ ގުޅިގެން މުބާރާތް ކެންސަލްކުރީ އެވެ. ޖެހިޖެހިގެން ދެ ވަނަ އަހަރު ބަންގްލަދޭޝްގެ ޗެމްޕިއަންކަން ހޯދައި މިފަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި އެޓީމުން ރަނގަޅު ވާދައެއްކުރި އެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ ފަހު މެޗުގައި މިރޭ ކުޅޭނީ މާޒިޔާ އާއި ބެންގަލޫރެވެ. ޕޮއިންޓަކާ އެކު ބެންގަލޫރު ގްރޫޕްގެ ތިން ވަނައިގައި އޮތްއިރު މާޒިޔާ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. މި ދެޓީމުގެ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.