ފުރަތަމަ ސަފްޙާ / ޚަބަރު / އޭއެފްސީ ކަޕް: ބަޝުންދަރާއާ އެއްވަރުވެ ބެންގަލޫރު ކަޓައިފި

އޭއެފްސީ ކަޕް: ބަޝުންދަރާއާ އެއްވަރުވެ ބެންގަލޫރު ކަޓައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 21 އޮގަސްޓް 2021

ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ 0-0 އިން އެއްވަރުވެ އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފި އެވެ.

މިއަދުގެ މެޗުން ލިބުނު ޕޮއިންޓާ އެކު ގްރޫޕް ޑީގެ އެއް ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ބަޝުންދަރާ އެވެ. ދެ ވަނައިގައި އޮތް އޭޓީކޭ މޯހަން ބަގާން އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ބެންގަލޫރަށް ދެ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ. ފުރަތަމަ މެޗުން ބަލިވި މާޒިޔާ މިރޭ ނުކުންނާނީ އޭޓީކޭއާ ދެކޮޅަށެވެ.

ބަޝުންދަރާ އާއި ބެންގަލޫރު މިއަދު ހަވީރު ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އޭއެފްސީ

ބެންގަލޫރު ކެޓީ ގްރޫޕުގައި ބާކީ މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތަސް އެޓީމަށް ގްރޫޕުގެ އެއް ވަނަ ލިބޭނެ ފުރުސަތެއް ނެތުމުންނެވެ. އޭއެފްސީ ކަޕްގެ އަނެއް ބުރުން ފުރުސަތު ލިބޭނީ ގްރޫޕުގެ އެއް ވަނަ ޓީމަށެވެ. މެޗުން އެއްވަރުވުމުން ބަޝުންދަރާ އަށް ވެސް އަދި އެއް ވަނަ ޔަގީނެއް ނުވެ އެވެ. އެޓީމަށް މިހާރު އޮތް ޔަގީން ފުރުސަތަކީ ފަހު މެޗުގައި އޭޓީކޭ ބަލިކުރުމެވެ. މާޒިޔާ އަށް ވެސް އަދި އެއް ވަނަ ހޯދުމުގެ ފުރުސަތެއް ނުގެއްލެ އެވެ. ގްރޫޕުގެ އެއް ވަނަ ހޯދަން މާޒިޔާ ޖެހޭނީ އޭޓީކޭ އާއި ބެންގަލޫރު އަތުން މޮޅުވާށެވެ.

މޮޅަކަށް މަސައްކަތްކުރި ބަޝުންދަރާ އިން ވަނީ މެޗުގެ ފުރަތަމަ ހާފާއި ދެ ވަނަ ހާފުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފަހު 30 ވަރަކަށް މިނެޓު ބެންގަލޫރުން ވަނީ ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. އަދި ފަހު 20 މިނެޓުގައި ބެންގަލޫރުން ވަނީ ގޯލު ޖެހުމާ ގާތަށް ވެސް ގޮސްފަ އެވެ. އެޓީމުން އުފެއްދި ބައެއް ހަމަލާތައް ބަޝުންދަރާގެ ޑިފެންޑަރުން ބްލޮކް ކުރިއިރު ކޯނަރެއްގައި ބޮލުން ފޮނުވާލި ބޯޅައެއް ހުރަސް ދަނޑިއާ ވެސް ވަނީ ދިމާވެފަ އެވެ. އެ ބޯޅަ ހުރަސް ދަނޑީގައި ޖެހިފައި ވެއްޓުނީ ގޯލުގެ ރޮނގަށެވެ. އެވަގުތު ބޯޅަ ގޯލަށް ވަން ކަމަށް ބުނެ ބެންގަލޫރުގެ ކުޅުންތެރިން ވަނީ އެޕީލްކޮށްފަ އެވެ.

އޭއެފްސީ ކަޕްގައި މިރޭ މާޒިޔާ އާއި އޭޓީކޭ ވާދަކުރާ މެޗު ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!