ފުރަތަމަ ސަފްޙާ / ޚަބަރު / ޔޫރޯގައި ވިދާލި އާ ތަރިންނަށް މަޝްހޫރު ކްލަބްތަކުން ފާރަލަނީ

ޔޫރޯގައި ވިދާލި އާ ތަރިންނަށް މަޝްހޫރު ކްލަބްތަކުން ފާރަލަނީ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 17 ޖުލައި 2021

ޔޫރޯ ފުޓްބޯޅަ މުބާރާތް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ނިމުނުއިރު މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އެވެ. ރަން ބޫޓް ލިބުނީ ޕޯޗްގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. މިއީ މީގެ ކުރިންވެސް ފުޓްބޯޅައަށް ޝައުގު ހުންނަ ގިނަ ބަޔަކަށް އެނގޭ ނަންތަކެކެވެ.

އެކަމަކު މި ކުޅުންތެރިން ހޯދި ވަރުގެ އެވޯޑެއް މުބާރާތުން ނުލިބުނަސް މިފަހަރުގެ ޔޫރޯގައި އަލަށް ވިދާލި ކިތަންމެ ކުޅުންތެރިޔަކު އެބަތިއްބެވެ. އަދި އެ ކުޅުންތެރިންނަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން އަންނަނީ ފާރަވެސް ލަމުންނެވެ. މި އާޓިކަލްގައި މި ބަލާލަނީ އޭގެ ތެރެއިން ފާހަގަކުރެވުނު އަށް ކުޅުންތެރިންނަށެވެ.

އަލެކްސަންޑަ އިސާކް (ސްވިޑެން)

ސްވިޑެން މުބާރާތުގެ ގްރޫޕް ސްޓޭޖުން އެއް ވަނަ ހޯދުމުގައި ޓީމުގެ މެދުތެރޭގައި އިސާކް ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މުބާރާތުގެ އޭނާގެ ފަރާތުން ގޯލެއް ނުފެނުނު ނަމަވެސް އެޓީމުން ލަނޑުތައް ޖަހަން ފުރުސަތުތައް އުފެއްދީ އިސާކްގެ ފުރިހަމަ ބައިވެރިވުން އޮވެގެންނެވެ.

އުމުރުން އެންމެ 21 އަހަރުގެ އިސާކް މިހާރު ކުޅެމުން އަންނަނީ ސްޕެއިންގެ ރެއާލް ސޮސިއެޑާޑް އަށެވެ. މިދިޔަ ސީޒަނުގައި އެޓީމަށް 17 ލަނޑު ޖަހައިދިނުމަށް ފަހު ޔޫރޯގައި ދެއްކި މޮޅު ކުޅުމާ އެކު އޭނާ އަށް ޔޫރަޕްގެ މަޝްހޫރު ކްލަބްތަކުން އަންނަނީ ފާރަލަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާ ގެންދަން ޗެލްސީން 59 މިލިއަން ޕައުންޑް ހުށަހަޅަން އޮތީ ތައްޔާރަށެވެ. މީގެ އިތުރުން އާސެނަލާއި ރެއާލް މެޑްރިޑް ވެސް މި ކުޅުންތެރިޔާ ހޯދަން މަސައްކަތްކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އިސާކް އަށް މަޝްހޫރު ކްލަބްތަކުން ފާރަލާއިރު ރެއާލް ސޮސިއެޑާޑާ އެކު އޭނާ ވަނީ އާ އެއްބަސްވުމެއްގައި ދާދިފަހުން ސޮއިކޮށްފަ އެވެ.

ރެނާޓޯ ސަންޗޭސް (ޕޯޗުގަލް)

ރޮނާލްޑޯ ރަން ބޫޓޫ ހޯދިޔަސް ޕޯޗުގަލް ޓީމުން މިފަހަރު ގިނަ ބަޔަކަށް އެންމެ އަޅައިގަތީ ރެނާޓޯ ސަންޗޭސް ދެއްކި މޮޅު ކުޅުމެވެ. 2016 ވަނަ އަހަރުގެ ޕޯޗުގަލުން ޔޫރޯ ކާމިޔާބުކުރިއިރު އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދައި މިދިޔަ ހަތަރު ވަރަކަށް އަހަރު ކްލަބް ލެވެލްގައި އޭނާގެ ވިދުން ފެނުނީ ފަނޑުކޮށެވެ. 2016 ގެ ޔޫރޯ އަށް ފަހު ބަޔާން މިއުނިކަށް ބަދަލުވެ އެ ކްލަބުގައި ރަނގަޅު ކުޅުމެއް ނުދެއްކޭތީ ރެނާޓޯ ސަންޗޭސް ވަނީ ލޯނު އުސޫލުން އޭރު އިނގިރޭސި ވިލާތުގެ ސްވާންސީ ސިޓީ އަށް ބަދަލުވެފަ އެވެ. އެކަމަކު މިފަހަރުގެ ޔޫރޯ އަށް ރެނާޓޯ ސަންޗޭސް ކުރިމަތިލީ ފްރެންޗް ކްލަބް ލިލްއާ އެކު ލީގު ކާމިޔާބުކުރުމަށް ފަހު އެވެ.

Successes and failures of Euro 2020: Germany is doing, Spain shines and Renato  Sanches shows his

ޔޫރޯގައި ރެނާޓޯ ސަންޗޭސް ޕޯޗުގަލްގެ މެދުތެރޭގައި ދެއްކި މޮޅު ކުޅުމަށް ގިނަ ކްލަބްތަކަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ރިޕޯޓުތައް ބުނާގޮތުން ރެނާޓޯ ސަންޗޭސް ގެންދަން އެންމެ ބޮޑަށް މަސައްކަތްކުރަނީ އިނގިރޭސި ކްލަބް ލިވަޕޫލުންނެވެ. އެ ކްލަބުން 27 މިލިއަން ޕައުންޑަށް އޭނާ ގެންދަން މަސައްކަތްކުރަނީ ދާދިފަހުން ލިވަޕޫލް ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ގިނީ ވައިނަލްޑަމްގެ ރީޕްލޭސްމަންޓަކަށެވެ.

މިކެލް ޑަމްސްގާޑް (ޑެންމާކް)

އިޓަލީގެ ސަމްޕްޑޯރިއާ އަށް ކުޅޭ 21 އަހަރުގެ ފޯވާޑަށް ޑެންމާކްގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުމުގެ އަސްލަކަށް ވީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޑެންމާކްގެ ކެޕްޓަން ކްރިސްޓިއަން އެރިކްސެން އަށް ހާޓް ހެޓޭކެއް ޖެހި މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލުމެވެ. އެރިކްސެންގެ ފުރާނަ ކިރިޔާ ސަލާމަތްވިއިރު ލިބުނު ފުރުސަތުގެ ބޭނުން ޑަމްސްގާޑް ހިފީ މުބާރާތުގެ ތާރީހުގައި އޭނާގެ ނަން ލިޔެވޭނެހާ މޮޅަށެވެ. މުބާރާތުގައި ޑަމްސްގާޑް ދެ ގޯލު ޖެހިއިރު މިފަހަރުގެ މުބާރާތުގައި ހިލޭ ޖެހުމުން ގޯލު ޖެހި ހަމައެކަނި ކުޅުންތެރިއަކީ އޭނާ އެވެ. އެއީ ވެސް މުބާރާތުގެ ސެމީ ފައިނަލުގައި ވަރުގަދަ އިނގިރޭސީންނާ ދެކޮޅަށެވެ.

ސެމީ ފައިނަލުން ޑެންމާކް ހަނި ގޮތަކަށް ބަލިވެ ކެޓުމަށް ފަހު މީޑިއާގައި އެންމެ ބޮޑަށް ދެކެވުނީ ޑަމްސްގާޑްގެ ވާހަކަ އެވެ. ރިޕޯޓުތައް ބުނާގޮތުން ރެއާލް މެޑްރިޑުން 35 މިލިއަން ޕައުންޑަށް ޑަމްސްގާޑް އެޓީމަށް ގެންނަން ޝައުގުވެރިވެ އެވެ. ރެއާލްގެ އިތުރުން ލިވަޕޫލުން ވެސް ޑަމްސްގާޑަށް އަންނަނީ ފާރަލަމުންނެވެ.

ޕެޓްރިކް ޝިކް (ޗެކް ރިޕަބްލިކް)

މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޗެކް ރިޕަބްލިކް ޓީމުން އެންމެ ފާހަގަކުރެވުނީ 25 އަހަރުގެ ޝިކް އެވެ. އެޓީމު މުބާރާތުން ކެޓިއިރު ޝިކް ވަނީ ރަން ބޫޓު ހޯދި ރޮނާލްޑޯއާ ލަނޑުގެ ގޮތުން އެއްވަރުކޮށްފަ އެވެ. މި ދެކުޅުންތެރިން ފަސް ގޯލު ޖެހިއިރު ރޮނާލްޑޯ އަށް ރަން ބޫޓު ލިބުނީ އެސިސްޓަށް ބަލައިގެންނެވެ. މުބާރާތުގައި ޝިކް ޖެހި ފަސް ގޯލުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ ސްކޮޓްލެންޑް ކޮޅަށް ހާފު މެދުން ވައްދާލި ހިތްގައިމު ލަނޑެވެ.

Who is Patrik Schick? Euro 2020 star's career has been stifled by a phantom heart problem and Edin Dzeko

ޖަރުމަނުގެ ބަޔާން ލެވަކޫސަން ޓީމުގައި މިދިޔަ ސީޒަނުގައި ޝިކް ވަނީ 13 ގޯލު ޖަހައިފަ އެވެ. އޭނާ ގެންދަން އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅުކުރަނީ އިނގިރޭސި ކްލަބް ވެސްޓް ހޭމް ޔުނައިޓެޑުންނެވެ. ބެލެވޭ ގޮތުގައި ވެސްޓް ހޭމް އިން ޝިކްގެ ސޮއި ހޯދާނެ އެވެ. ވެސްޓް ހޭމްގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ތޯމަސް ސޫޗެކް އާއި ވްލަޑިމިރް ސޯފަލް އަކީ ޗެކްރި ޕަބްލިކަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

ޑެންޒަލް ޑަމްފްރީސް (ނެދަލެންޑްސް)

ޕީއެސްވީގެ ކެޕްޓަން ޑަމްފްރީސް އަކީ ނެދަލެންޑްސް ގަދަ 16 އަށް ކުރި ދަތުރުގައި ބޮޑު ހިއްސާއެއް އޮތް ކުޅުންތެރިއެކެވެ. ކަނާތު ފަޅިން ޑިފެންސިވް ވިންގެން ގޮތަށް ކުޅެ ޑަމްފްރީސް ވަނީ މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ލަނޑު ޖަހައިފަ އެވެ.

ޑަމްފްރީސް ދެއްކި ކުޅުމުން އޭނާ އަށް ކްލަބްތަކުން ޝައުގުވެރިވާނެކަން ކުރިން ވެސް އޮތީ ޔަގީންވެފަ އެވެ. އުމުރުން 25 އަހަރުގެ މި ކުޅުންތެރިޔާ ގެންދަން އެންމެ ބޮޑަށް ޝައުގުވެރިވަނީ އިނގިރޭސި ކްލަބް އެވަޓަން އިންނެވެ. ރިޕޯޓްތައް ބުނާގޮތުން އެވަޓަންގެ ކޯޗުކަމާ ދާދިފަހުން ހަވާލުވި ރަފައެލް ބެޓިނޭޒް އަކީ ޑަމްފްރީސް އަށް ވަރަށް ގަޔާވާ ކޯޗެކެވެ.

މެނުއެލް ލޮކަޓެލީ (އިޓަލީ)

ޗެމްޕިއަން އިޓަލީގެ މާކޯ ވެރާޓީ އަނިޔާގައި ހުރުމުން ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި އެތަން ފޫބެއްދީ 23 އަހަރުގެ ލޮކަޓެލީ އެވެ. އޭނާ އަށް ލިބުނު ފުރުސަތު ބޭނުން ވަރަށް ފުރިހަމަކޮށް ހިފައި ލޮކަޓެލީ ވަނީ މުބާރާތުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. އެކަމަކު ވެރާޓީ ފިޓްވުމުން ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު ލޮކަޓެލީ އަށް ފުރުސަތު ލިބުނީ ބެންޗުންނެވެ.

Euro 2020: Sassuolo's help in the rise of Manuel Locatelli | Football News  - Hindustan Times

2019 ވަނަ އަހަރުން ފެށިގެން އިޓަލީގެ ސަސޮލޫ އަށް ކުޅެމުން އަންނަ ލޮކަޓެލީ ހޯދުމަށް އާސެނަލް އާއި ޔުވެންޓަސް އިން މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެ އެވެ. ޔޫރޯގައި ދެއްކި މޮޅު ކުޅުމާ އެކު އާ ސީޒަން ފެށުމުގެ ކުރިން ލޮކަޓެލީ ކްލަބް ބަދަލުކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ރޮބިން ގޮސެންސް (ޖަރުމަނު)

ޖަރުމަނަށް ތައްޓާ ހަމައަށް ނުދެވުނަސް އެޓީމުގެ ގޮސެންސް ވަނީ ޓީމުގެ ވާތް ފަޅިން ވިންގް ބެކެއްގެ ގޮތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ދެ ވަނަ ބުރުގައި އިންގްލެންޑް އަތުން ބަލިވެ ޖަރުމަނު ކެޓި މުބާރާތުގައި ގޮސެންސް ވަނީ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ކޮޅަށް ލަނޑު ޖަހައި އިތުރު ދެ ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ.

މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގައި އެޓަލާންޓާ އަށް ގޮސެންސް ވަނީ 12 ގޯލު ޖަހައިދީފަ އެވެ. 27 އަހަރުގެ މި ކުޅުންތެރިޔާ ގެންދަން އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އިނގިރޭސި ކްލަބް ލެސްޓާ ސިޓީ އެވެ.

ޕެޑްރީ (ސްޕެއިން)

އެންމެ 18 އަހަރުގެ ޕެޑްރީ އަކީ ސްޕެއިނުން ސެމީ ފައިނަލަށް ކުރި ދަތުރުގައި އެޓީމުގެ މެދުތެރޭގެ އިންޖީނެވެ. އެހާ ޒުވާން އުމުރުގައި ޕްރެޝަރެއް ނެތި ޕެޑްރީ މުބާރާތުގައި ދެއްކި ކުޅުމާ އެކު ޔޫރޯގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ވެސް ލިބުނީ އޭނާ އަށެވެ. މިދިޔަ ސީޒަނުގައި ބާސެލޯނާގެ ޓީމުން ފުރުސަތު ލިބެން ފަށައި ޔޫރޯ ނިމުނުއިރު ކްލަބާއި ގައުމަށް ޕެޑްރީ ވަނީ މިދިޔަ ސީޒަނުގައި 52 މެޗު ކުޅެފަ އެވެ. އަނެއްކޮޅުން ދާދި އަވަހަށް ފަށާ ޓޯކިޔޯ އޮލިމްޕިކްސްގެ ޓީމުގައި ވެސް ޕެޑްރީ ވަނީ ހިމަނައިފަ އެވެ.

Pedri's maturity can 'carry' Spain

ޕެޑްރީގެ ރިލީޒްކްލޯސްގެ ގޮތުގައި 340 މިލިއަން ޕައުންޑް ކަނޑައަޅާފައިވާއިރު އޭނާ ބާސެލޯނާ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ޔަގީނުން ވެސް ނެތެވެ. އެކަމަކު މި ޒުވާން ކުޅުންތެރިޔާގެ ފެންވަރު ދަނޑުމަތީގައި ސާބިތުކޮށްދިންލެއް މޮޅުކަމުން މި ލިސްޓަށް އެރީ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!