އިޓަލީއާ އެކު ޔޫރޯ ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޗެލްސީގެ ޖޯޖީނިއޯ ގެންދަން ޔުވެންޓަސް އިން ޝައުގުވެރިކަން ފާޅުކޮށްފި ކަމަށް އޭނާގެ އޭޖެންޓް ޔާއޯ ސަންތޯސް ބުނެފި އެވެ.
ބްރެޒިލަށް އުފަންވި ނަމަވެސް އިޓަލީގެ ގައުމީ ޓީމަށް ކުޅެމުން އަންނަ 29 އަހަރުގެ ޖޯޖީނިއޯ ވަނީ މިފަހަރުގެ ޔޫރޯގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޗެލްސީއާ އެކު މިދިޔަ ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް އިޓަލީއާ އެކު ޔޫރޯ ޗެމްޕިއަންކަން ހޯދުމުން އޭނާއަކީ މިއަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާނެ ކުޅުންތެރިއެއްކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.
“ޔުވެންޓަސް އިން ޝައުގުވެރިކަން ފާޅުކުރިކަމުގެ ޔަގީންކަން އަހަރެން ދެން. 29 އަހަރުގައި ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގައި ޖޯޖީނިއޯ އަށް މޮޅު ކުޅުމެއް ދެއްކޭނެ” ޔުވެންޓަސް އިން ޝައުގުވެރިކަން ފާޅުކުރިކަމުގެ ޔަގީންކަންދެމުން އޭނާގެ އޭޖެންޓް ބުންޏެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޖޯޖީނިއޯ އަށް އަންނަ ހުށަހެޅުމަށް ބަލައި އޭނާ ޗެލްސީ ދޫކޮށްލުމުގެ ކުޑަ ފުރުސަތެއް އެބައޮތެވެ. ޗެލްސީއާ އެކު ޖޯޖީނިއޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރު އެވެ.
“އެއްބަސްވުމުގައި އަދި ބާކީ ދެ އަހަރު އެބައޮތް. އެކަމުގައި ގޮތް ނިންމާނީ ކްލަބުން. ވޯލްޑް ކްލަބް ޗެމްޕިއަންޝިޕާ ޔޫރަޕިއަން ސުޕަ ކަޕް އަދި އޮންނާނެ. ބޮޑު ކްލަބަކުން ސީރިއަސް ކޮށް ހުށަހެޅުން އައިސްފިނަމަ އިވަލުއޭޓް ކުރާނަން. މިވަގުތަށް ބަލާއިރު ޖޯޖީނިއޯ އަންނަ ސީޒަނުގައި ފެންނާނީ ޗެލްސީން” ނަޕޯލީން ޗެލްސީ އަށް ބަދަލުވި މިޑްފީލްޑްރާ ގުޅޭގޮތުން އޭޖެންޓުން ބުންޏެވެ.
މިފަހަރުގެ ޔޫރޯ އިޓަލީ ކާމިޔާބުކުރިއިރު އެޓީމުގެ މެދުތެރޭގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ ޖޯޖީނިއޯ އެވެ. މޮޅު ކުޅުމާ އެކު ޔޫއެފާއިން ހޮވި އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ޖޯޖީނިއޯ ވަނީ ހިމެނިފަ އެވެ. އިޓަލީ ސެމީ ފައިނަލްގައި ސްޕެއިން ބަލިކުރީ ޖޯޖީނިއޯ ވައްދާލި މޮޅު ޕެނަލްޓީންނެވެ. އެކަމަކު ފައިނަލް މެޗުގައި އިންގްލެންޑް ކޮޅަށް ޖޯޖީނިއޯ ޖެހި ޕެނަލްޓީ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.