ރޭ ނިމުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އިޓަލީގެ ޒުވާން ގޯލްކީޕަރު ޖިއަންލިއިޖީ ޑޮނަރޫމާ އަށް ލިބިއްޖެ އެވެ.
ހިލޭ ޓްރާންސްފާއެއްގެ ދަށުން އަންނަ ސީޒަނަށް އިޓަލީގެ އޭސީ މިލާނުން ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވާގޮތަށް ހަމަޖެހިފައިވާ އުމުރުން 22 އަހަރުގެ ޑޮނަރޫމާ ވަނީ ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗްގައި ކުރިއަށްދިޔަ ޕެނަލްޓީ ޝޫޓްއައުޓްގައި އިންގްލެންޑުން ޖެހި ދެ ޕެނަލްޓީއެއް މަތަކޮށްފަ އެވެ. ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި އިޓަލީ އަށް އިންގްލެންޑްގެ މައްޗަށް ކުރި ހޯދައި 1968 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލުމަށް އިޓަލީއަށް އެންމެ ބޮޑަށް މަގުފަހިވީ ޑޮނަރޫމާގެ ފަރާތުން ޕެނަލްޓީ ޝޫޓްއައުޓްގައި ފެނުނު ހިތްވަރެވެ.
ރޭގެ ޕެނަލްޓީ ޝޫޓް އައުޓްގައި ޑޮނަރޫމާއަށްވުރެ ހަގު އިންގްލެންޑްގެ ދެ ކުޅުންތެރިން ކަމަށްވާ ޖޭޑަން ސަންޗޯ އާއި ބުކަޔޯ ސަކާ ޖެހި ޕެނަލްޓީ އޭނާ ދިފާއުކޮށްފައިވާއިރު ޑޮނަރޫމާ ވެފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ދެވަނަ ގޯލްކީޕަރަށެވެ. މި ޝަރަފް ދެން ލިބުނު ހަމައެކަނި ގޯލްކީޕަރަކީ ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު 1992 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ޑެންމާކްގެ ލެޖެންޑް ޕީޓާ ޝުމައިކަލް އެވެ.
މިފަހަރުގެ މުބާރާތުގައި ޑޮނަރޫމާ 719 މިނެޓް ކުޅެފައިވާ އިރު އޭނާގެ ކޮޅަށް ވަދެފައިވަނީ ހަތަރު ގޯލެވެ. ތިން މެޗެއްގައި އޭނާ ވަނީ ބައިކޮޅަށް ގޯލެއް ވަނަ ނުދީ ހިފަހައްޓައިފަ އެވެ. ޑޮނަރޫމާ އިޓަލީގެ ގައުމީ ޓީމްގެ ގޯލް ބެލެހެއްޓުމާަ ހަވާލުވީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕަށް އިޓަލީ ކޮލިފައިނުވި ހިސާބުން ފެށިގެންނެވެ. އެހިސާބާ ޖެހެންދެން އިޓަލީގެ ގޯލް ގިނަ އަހަރުތަކެއް ވަންދެން ބަލަހައްޓަމުން އައީ ޖިއަން ލުއިޖީ ބުފޮން އެވެ.
“އަހަރެމްން މި މުބާރާތުގައި މޮޅަށް ކުޅެފި. އަހަރެމެން އެއްވެސް އިރެއްގައި ހިތްވަރު އެލުވައެއް ނުލަން. އަހަރެމެން މި ކާމިޔާބާ ހަމައަށް އައީ ސުމަކުން ފަށައިގެން. މިއީ ވަރަށް މޮޅު ޓީމެއް. މިއީ އަހަރެމެންނަށް ހައްގު ކާމިޔާބެއް.” މެޗަށްފަހު ވާހަކަދައްކަމުން ޑޮނަރޫމާ ބުނެފައިވެ އެވެ.
މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ސްޕެއިންގެ މިޑްފީލްޑަރު ޕެޑްރީ އެވެ. މި މުބާރާތުގެ ކުރިން އެންމެ ހަތަރު މެޗް ސްޕެއިންގެ ގައުމީ ޓީމަށް ކުޅެދީފައިވާ އުމުރުން 18 އަހަރުގެ ޕެޑްރީ ވަނީ ޔޫރޯގައި ސްޕެއިން އިން ކުޅުނު ހުރިހާ މެޗެއްގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. އޭނާ އަށް ގެއްލިފައިވަނީ ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ސުވިޒަލެންޑް އަތުން ސްޕެއިން މޮޅުވި މެޗްގެ ފަހު މިނެޓް އެކަންޏެވެ.
މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަންބޫޓް ލިބުނީ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށްވެސް ނާދެވުނު ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. މުބާރާތުގައި ރޮނާލްޑޯ ކުޅުނު ހަތަރު މެޗްގައި ފަސް ގޯލް ކާމިޔާބުކުރި އިރު ޗެކް ރިޕަބްލިކްގެ ފޯވާޑް ޕެޓްރިކް ޝިކްވެސް ވަނީ އެ އަދަދަށް ގޯލްޖަހައިފަ އެވެ. އެކަމަކު ރަން ބޫޓް ހޯދުމުގެ ރޭހުގައި ރޮނާލްޑޯ އަށް ކުރި ލިބުނީ އޭނާ އިތުރު އެއް ގޯލް ޖަހަން މަގުފަހިކޮށްދީފައިވުމުންނެވެ.