ޕެނަލްޓީ ޖަހައިގެން އިންގްލެންޑް ބަލިކޮށް އިޓަލީ އިން ޔޫއެފާ ޔޫރޯ ޗެމްޕިއަންޝިޕް ދެ ވަނަ ފަހަރަށް ކާމިޔާބުކޮށްފި އެވެ.
އިޓަލީ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު 1-1 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 3-2 އިން ކުރި ހޯދައިގެންނެވެ.
އިޓަލީން މީގެ ކުރިން ޔޫރޯ ކާމިޔާބުކުރީ 1968 ވަނަ އަހަރު އެވެ. މިއީ އިންގްލެންޑް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އެގައުމަށް ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ލިބިފައިވާ ހަމައެކަނި ކާމިޔާބީއަކީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ.
އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި އެގައުމުގެ އެތައް ހާސް ސަޕޯޓަރުންނެއް ކުރިމަތީ ކުޅުނު މެޗުގެ ދެ ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގައިފަ އެވެ. ކިއެރަން ޓްރިޕިއޭ ނަގައިދިން ހުރަހަކުން 1 މިނެޓާއި 57 ސިކުންތުގައި އެޓީމަށް ލަނޑު ޖަހައިދިނީ ޑިފެންޑަރު ލޫކް ޝޯ އެވެ. މިއީ ޔޫރޯގެ ފައިނަލެއްގައި ޖެހި އެންމެ އަވަސް ލަނޑެވެ. އަނެއްކޮޅުން މިއީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ޝޯ އިންގްލެންޑް ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މެޗުގެ ފުރަތަމަ ހާފުގައި އިޓަލީގެ އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ފެޑެރިކޯ ކިއޭސާ އެވެ. އޭރިޔާ ބޭރުން ކިއޭސާ ފޮނުވާލި ބާރު ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ.
މެޗުގެ 67 ވަނަ މިނެޓުގައި އިޓަލީން ނެގި ކޯނަރެއްގައި އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ލިއޮނާޑޯ ބޮނޫޗީ އެވެ. މާކޯ ވެރާޓީ ބޮލުން ޖެހި ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ބޮނޫޗީ ވަނީ ފަސޭހައިން ގޯލަށް ވައްދާލައިފަ އެވެ. އުމުރުން 34 އަހަރުގެ ބޮނޫޗީ ވެފައިވަނީ ޔޫރޯ ފައިނަލެއްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.
މެޗުގެ އިތުރު ވަގުތުގެ ދެ ހާފު ވެސް އެއްވަރުވުމުން ޖެހި ޕެނަލްޓީގައި އިންގްލެންޑަށް ވައްދާލެވުނީ ހެރީ ކޭން އާއި ހެރީ މެގުއާ ޖެހި ދެ ޕެނަލްޓީ އެވެ. ޕެނަލްޓީ އަށް މެޗުގެ ފަހު މިނެޓުގައި އެރުވި މާކަސް ރަޝްފާޑް އާއި ޖޭޑަން ސަންޗޯ ޖެހި ދެ ޕެނަލްޓީ އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރުމާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. އިޓަލީން ޗެމްޕިއަންކަން ކަށަވަރުކުރީ އިންގްލެންޑްގެ ބުކަޔޯ ސަކާ ޖެހި ޕެނަލްޓީ ޑޮނަރުމާ މަތަކުރުމުންނެވެ. މެޗުގައި އިޓަލީގެ ޕަސް ޕެނަލްޓީގެ ތެރެއިން ޑޮމެނިކޯ ބެރާޑީ އާއި ބޮނޫޗީ އާއި ފެޑެރިކޯ ބާނަޑޭސްކީ ޖެހި ޕެނަލްޓީތައް ވަނީ ވައްދާލައިފަ އެވެ. އެޓީމަށް ވައްދާނުލެވުނީ އަންދްރޭ ބެލޮއްޓީ އާއި ޖޯޖީނިއޯ ޖެހި ދެ ޕެނަލްޓީ އެވެ.
ރޮބާޓޯ މަންޗީނީގެ ކޯޗުކަމުގައި އިޓަލީން ޗެމްޕިއަންކަން މި ހޯދީ މެޗަކުން ބަލި ނުވެ އެވެ. އެޓީމު އެންމެ ފަހުން މެޗަކުން ބަލިވެފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭގެފަހުން ބަލިނުވެ އެޓީމުން ވަނީ 34 މެޗު ހަމަކޮށްފަ އެވެ. އިޓަލީގެ ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ އުހަށް މި އެރީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން ކުރިމަތި އަޑިގަނޑަށް ފަހު އެވެ. ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުމުން މަންޗީނީ އިޓަލީގެ ކޯޗުކަމާ ހަވާލުވެ މުޅި ޓީމަށް ވަނީ ދިރުން ގެނެސްދީފަ އެވެ.
މިފަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިޓަލީގެ ގޯލު ބެލެހެއްޓި ޑޮނަރުމާ އެވެ. އިޓަލީ ޗެމްޕިއަންކަން ހޯދުމުގައި ޑޮނަރުމާ ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު އޭނާ އަކީ މިވަގުތު އެއްވެސް ކްލަބަކަށް ނިސްބަތްވާ ކުޅުންތެރިއެއް ނޫނެވެ. އެންމެ ފަހުން ޑޮނަރުމާ ކުޅުނީ އިޓަލީގެ އޭސީ މިލާނަށެވެ.