ފުރަތަމަ ސަފްޙާ / ޚަބަރު / އުނދަގޫ އިމްތިހާނަކަށްފަހު އިޓަލީ ކުއާޓާ ފައިނަލަށް

އުނދަގޫ އިމްތިހާނަކަށްފަހު އިޓަލީ ކުއާޓާ ފައިނަލަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 27 ޖޫން 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގައި އޮސްޓްެރިއާ އާ ދެކޮޅަށް ކުޅުނު މެޗް  ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން އިޓަލީ ޖާގަ ހޯދައިފި އެވެ.  ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ އޮސްޓްރިއާ އާ ވާދަކޮށް އިޓަލީން ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅުމަށްފަހު 1-2 އިންނެވެ.

ގްރޫޕް އޭ ގެ އެއްވަނަ ޓީމްގެ ގޮތުގައި އިޓާލީ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދި އިރު ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗް ގައިވެސް މާ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ނުޖެހުނު ނަމަވެސް ރޭގެ މެޗް އިޓަލީއަށްވީ އުނދަގޫ އިމްތިހާނަކަށެވެ. މެޗްގެ 90 މިނެޓް ލަނޑެއް ނުޖެހި ދެ ޓީމަށް ނިންމާލަން ޖެހުނު އިރު އެ ވަގުތުގެ ތެރޭގައި އިޓަލީއަށް މެޗް ނުގެއްލުނީ ހަމަ ކިރިޔާ އެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން އޮސްޓްރިއާގެ ފޯވާޑް މާކޯ އަނޮޓޮވިޗް އިޓަލީގެ ގޯލަށް ބޯޅަ ވައްދާވެސްލި އެވެ. އެކަމަކު ޗައިނީޒް ސުޕަ ލީގުގައި ކުޅެމުން އަންނަ ފޯވާޑް ވައްދާލި ބޯޅަ ލަނޑަކަށް ނުވީ ވީއޭއާރުން އޮފްސައިޑް ކަމަށް ނިންމުމުންނެވެ.

މުބާރާތުގެ ނޮކައުޓް ސްޓޭޖްގައި އަލަށް ވާދަކުރި އޮސްޓްރިއާ އިން ރޭގެ މެޗްގެ ފުރިހަމަ ވަގުތުގައި އިޓަލީ ހުއްޓުވަން ހިތްވަރު ގަދަ ކުޅުމެއް ދެއްކި ނަމަވެސް އިތުރު ވަގުތުގެ ދެ ހާފު ކުޅެންފަށައިގެން ފުރަތަމަ ޖެހި ދެ ގޯލް ކާމިޔާބުކުރީ އިޓަލީންނެވެ.  އިޓަލީގެ ފުރަތަމަ ލަނޑު މެޗްގެ 95 ވަނަ މިނެޓްގައި ޔުވެންޓަސް އަށް ކުޅެމުން އަންނަ ފޯވާޑް ފެޑެރީކޯ ކިއޭސާ ކާމިޔާބުކުރި އިރު އޭގެ ދިހަ މިނެޓް ފަހުން އިޓަލީއަށް ލީޑް ފުޅާކޮށްދިނީ މަތެއޯ ޕެސީނާ އެވެ. އޮސްޓްރިއާ އިން މެޗްގައި ޖެހި ހަމައެކަނި ލަނޑު  އިިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ސާސާ ކަލަޒިޗެވެ. މިއީ މި މުބާރާތުގައި އިޓަލީ ކޮޅަށް ވަތް ފުރަތަމަ ގޯލެވެ. އަދި، މިއީ އިޓަލީ އެންމެ ފަހުން ކުޅުނު 12 މެޗްގައި ވެސް ބައިކޮޅަށް ވަތް ހަމައެކަނި ގޯލެވެ.

މިއީ އިޓަލީން ބަލި ނުވެ ޖެހިޖެހިގެން ހަމަކުރި 31 ވަނަ މެޗެވެ. މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗް ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިޓަލީން ރޭ މި ހެދީ ގައުމީ ރެކޯޑެކެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ނަސީބު ނުލިބުނު އިޓަލީއަށް ކުއާޓާ ފައިނަލްގައި  ވާދަކުރަން ޖެހޭނީ ގަދަ 16 ގައި ބެލްޖިއަމްއާ ޕޯޗްގަލް ވާދަކޮށްގެން މޮޅުވާ ބަޔަކާ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!