ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން އިޓަލީ މޮޅުވެއްޖެ އެވެ. ރޭ އިޓަލީގެ ރޯމްގެ ސްޓޭޑިއަމްގައި އެޓީމު މެޗު ކާމިޔާބުކުރީ ތުރުކީއާ ވާދަކޮށް 3-0 އިންނެވެ.
ގްރޫޕް އޭގައި އިޓަލީ އާއި ތުރުކީގެ އިތުރުން ހިމެނެނީ ވޭލްސް އާއި ސްވިޒަލެންޑެވެ. މޮޅާ އެކު އިޓަލީ އިން މިވަނީ ޔޫރޯގެ ކުރިން އެޓީމުން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑާ އެކު ބޮޑު ހިތްހަމަޖެހުމެއް ހޯދައިފަ އެވެ. އެޓީމު އެންމެ ފަހުން މެޗަކުން ބަލިވީ 2018 ވަނަ އަހަރު އެވެ. އޭގެފަހުން ކުޅުނު 28 މެޗުން ބަލިނުވާއިރު މިއީ ބައިކޮޅަށް ގޯލެއް ވެސް ނުވަދެ އެޓީމުން ޖެހިޖެހިގެން ކާމިޔާބުކުރި ނުވަ ވަނަ މެޗެވެ.
މިރޭގެ މެޗު ފަށައިގެން އިޓަލީން ވަނީ މޮޅަށް ކުޅެ ތުރުކީގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެކަމަކު ފުރަތަމަ ހާފުގައި ތުރުކީން ވަނީ އިޓަލީގެ އެޓޭކްތައް ހުއްޓުވުމުގައި ކުރި ހޯދާފަ އެވެ. އިޓަލީން މެޗުގެ ނަތީޖާ އަނބުރާލީ މެޗުގެ ފަހު ހާފުގަ އެވެ. އެޓީމުގެ ފުރަތަމަ ލަނޑަކީ 53 ވަނަ މިނެޓުގައި ތުރުކީގެ މެރިހް ޑެމިރަލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޑޮމެނިކޯ ބެރާޑީ ހުރަސްކޮށްލި ބޯޅަ ގޯލަށް ވަނީ ޑެމިރަލްގެ މޭމަތީގައި ޖެހިފަ އެވެ. މި ލަނޑަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި މުބާރާތް ހުޅުވާ ގޯލު ބައިކޮޅަށް ވަން ފުރަތަމަ ފަހަރެވެ.
ގޯލަށް ފަހު އިޓަލީން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ހަމަލާތައް ވަރުގަދަކޮށްފަ އެވެ. އެޓީމުގެ ދެ ވަނަ ލަނޑު 66 ވަނަ މިނެޓުގައި ޗީރޯ އިމޯބިލޭ ޖެހިއިރު ފަހު ލަނޑު އިމޯބިލޭގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ ލޮރެންޒޯ އިންސީނިއޭ އެވެ.
24 ޓީމު ވާދަކުރާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ކުރިއަށް ދާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި މިއަދު ހަވީރު 6 ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރާނީ ވޭލްސް އާއި ސްވިޒަލެންޑެވެ. މިރޭ ދެން ކުޅޭނީ ގްރޫޕް ބީގެ ދެ މެޗެވެ. ރޭގަނޑު 9 ޖަހާއިރު ފަށާ މެޗުގައި ޑެންމާކާއި މުބާރާތުގައި އަލަށް ވާދަކުރާ ފިންލެންޑް ކުޅޭއިރު ދަންވަރު 12 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބެލްޖިއަމް އާއި ރަޝިއާ އެވެ.