ފުރަތަމަ ސަފްޙާ / ޚަބަރު / ކޮލިޓީ ޑިފެންޑަރެއް ރަގަޅު އަގެއްގައި ލިބެން ހުރިއްޔާ މެސެޖްކޮށްލާ: ކްލޮޕް
ފަހުމިނެޓް

ކޮލިޓީ ޑިފެންޑަރެއް ރަގަޅު އަގެއްގައި ލިބެން ހުރިއްޔާ މެސެޖްކޮށްލާ: ކްލޮޕް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 29 ޖެނުއަރީ 2021

ޖެނުއަރީ މަހުގެ ޓްރާންސްފަރ ބާޒާރުގައި ލިވަޕޫލަށް ކުޅުންތެރިއަކު ގެންނަން އެއްވެސް ވަރަކަށް ކުރިން އުއްމީދުކޮށްފައި ނެތް ކަމަށާއި އެކަމަކު ލިވަޕޫލްގެ ޑިފެންސް ލައިނަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަތައް އިތުރުވުމާއެކު ދެވަނަ ވިސްނުމަކަށް މިހާރު ދާންޖެހިފައިވާ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލްގެ ޑިފެންސް ލައިނަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވީ އެ ޓީމުގެ އެންމެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކާއި  ޖޯ ގޯމެސް އަށް މިދިޔަ އަހަރުގެ ތެރޭގައި އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހުނު ހިސާބުން ފެށިގެންނެވެ. ރޭ ލިވަޕޫލުން ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ޑިފެންސް ލައިންގައި މިހާރު ކުޅެމުން އަންނަ ފަބީނިއޯއަށްވެސް ވަނީ އަނިޔާގެ ސަބަބުން ކުޅެވޭ ގޮތް ނުވެފަ އެވެ.

ލިވަޕޫލުގެ ކޯޗް ކްލޮޕްގެ ބޮލުގައި ރޭ އިތުރަން ރިއްސަން މެދުވެރިވި އެއް ސަބަބަކަށްވީ ޑިފެންސް ލައިންގައި ކެޕްޓަން ޖޯޑަން ހެންޑަސަން އާ އެއްކޮށް ރޭ ކުޅުނު ޖޮއެލް މަޓިޕް އަށް އަނިޔާވުމެވެ. މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކްލޮޕް ބުނެފައިވަނީ މަޓިޕްގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާ ސީރިއަސްކަމަށް ފެންނަ ކަމަށެވެ.

“އެކަށީގެންވާ އަގެއްގައި ލިވަޕޫލުން ބޭނުންވާ ފެންވަރުގެ ކޮލިޓީ ހުރި ސެންޓަރ ބެކެއް ލިބެން ހުރި ނަމަ އަހަރެންނަށް މެސެޖްކޮށްލާ.” ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއު އެއްގައި ކްލޮޕް ބުނެފައިވެ އެވެ.

“ކުޅުންތެރިން ގެނައުމަކީ އަހަރެމެން އަބަދުވެސް ވިސްނާ ކަމެއް. އެކަމަކު އޭގަ މުހިއްމީ ރަގަޅަށް އެކަން ކުރުން. އަހަރެމެންނަށް މިކުރަން ޖެހޭ ކަމަކީ ރަގަޅު ކުޅުންތެރިޔާ ހޯދުން. އަހަރެމެންގެ ޑިފެންސް ލައިނަށް މިހާރު ކުރިމަތިވެފައި މިއޮތް މައްސަލައަކީ ވަރަށް ބޮޑު މައްސަލަ އެއް. މީގަ މުހިއްމީ ޓީމަށް ބޮލެއް އިތުރުކުރުމެއް ނޫން. މިއީ ވަރަށް މަދުން ނޫނީ ދިމާ ނުވާ ފަދަ ހާލަތެއް. އަހަރެމެންނަށް މި ހާލަތުގައި ކުރެވެން އޮތީ ކޮން ކަމެއްތޯ މި އަންބަނީ ބަލަމުން.” 30 އަހަރަށް ފަހު އިނގިރޭސި ލީގުގެ ތަށި މިދިޔަ އަހަރު ލިވަޕޫލަށް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!