ފުރަތަމަ ސަފްޙާ / ޚަބަރު / ރެފްރީ ކަށިގަނޑު ގޮއްވިލެއް މަދުކަމުން ކޮލޮޕަށް އުނދަގޫވެއްޖެ
ފަހުމިނެޓް

ރެފްރީ ކަށިގަނޑު ގޮއްވިލެއް މަދުކަމުން ކޮލޮޕަށް އުނދަގޫވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 26 ނޮވެމްބަރު 2020

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެޓަލާންޓާ އަތުން 0-2 އިން ބަލިވި މެޗަކީ ވަރަށް އުނދަގޫވި މެޗެއް ކަމަށާއި، މެޗުގައި ރެފްރީ ގިނައިން ކަށިގަނޑު ގޮއްވާފައި ނުވުމަކީ މެޗު އިތުރަށް އުނދަގޫވި ކަމެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ލެސްޓަރ ސިޓީއާ ދެކޮޅަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިވަޕޫލްގެ ފަރާތުން ރޭ ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. ލެސްޓަރ ސިޓީގެ މައްޗަށް 0-3 އިން ކުރި ހޯދި މެޗުގައި ނުކުތް ލިވަޕޫލް ޓީމަށް ބަދަލުތަކެއް ގެނެސްގެން ރޭ އެޓަލާންޓާ އާ ދެކޮޅަށް ނުކުތް ލިވަ ޓީމަށް މެޗުގައި އެޓަލާންޓާގެ ގޯލާ އަމާޒުކޮށް އެންމެ ހަމަކާއެއް ވެސް ފޮނުވާލެވިފަ އެއް ނުވެ އެވެ. މިއީ މިދިޔަ 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗެއްގައި އެންމެ ފަހަރަކުވެސް ތަޖުރިބާކުރަންޖެހުނު ކަމެއް ނޫނެވެ.

“ރޭގަ އަހަރެމެންވީ ހަމަ ރަގަޅު ބައްޔެއް. އެއީ އުނދަގޫ މެޗެއް. މެޗުގައި ރެފްރީ އެހާ ގިނައިން ކަށިގަނޑު ގޮއްވާފައެއް ވެސް ނުވޭ. އެއީ މެޗު ދެ ޓީމަށްވެސް އިތުރަށް އުނދަގޫވި ކަމެއް. މެޗު ކުރިއަށް ދިޔައީ ވަރަށް ބާރުބޮޑުކޮށް. އެގޮތަށް ކުރިއަށްދާއިރު ބްރޭކް ބޭނުންވާނެ.” މެޗަށް ފަހު ވާހަކަ ދައްކަމުން ކްލޮޕް ބުންޏެވެ.

“އާންމުކޮށް ފުރަތަމަ ހާފު ނިމޭއިރު ކުޅުންތެރިން ތިބޭނީ ހަމައަކަށް އެޅިފަ. އެކަމަކު ދުވަސްކޮޅެއް ވަންދެން މިކަހަލަ މެޗެއް ނުކުޅެ ތިބޭ ކުޅުންތެރިންނަށް އުނދަގުލާ ކުރިމަތިވާނެ. އަހަރެމެންނަށް ރޭ ކޮންމެއަކަސް މޮޅުވެވޭނެ ގޮތެއް ނުހޯދުނު.” ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި މިދިޔަ އަހަރު ލިވަޕޫލަށް ހޯދައިދިން ކްލޮޕް ބުންޏެވެ.

ރޭގެ މެޗުގައި ލިވަޕޫލަށް ލަނޑެއް ކާމިޔާބުކުރަން އެންމެ ރަގަޅު ފުރުސަތެއް ލިބުނީ ކޯވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން ލެސްޓަރ އާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި ނުކުޅެވުނު މިސްރުގެ ފޯވާޑް ސަލާހަށެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފުގައި އެޓަލާންޓާގެ ގޯލަށް ސަލާހް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

“އަހަރެމެންނަށް ލަނޑެއް ކާމިޔާބުކުރެވިދާނެ ބައެއް ވަގުތުތައް މެޗުގައި އައި. އެކަމަކު އެހާ ރަގަޅު ފުރުސަތެއް ނުލިބޭ. އެގޮތަށް އެހެން ޓީމުތަކަށްވެސް ދިމާވާނެ. އެކަމަކު އަހަރެމެންނަށް މިރޭ އޮތް އުފާވެރި ހަބަރަކީ އިތުރު އަނިޔާގެ މައްސަލައެއް ކުރިމަތި ނުވާކަން. އަހަރެމެން އަނެއްކާވެސް ދާނީ ކުރިއަށް.” ކްލޮޕް އިތުރަށް ބުނެފައިވެ އެވެ.

ރޭގެ މެޗުން ލިވަޕޫލް ބަލިވި ނަމަވެސް އެ ޓީމު ޗެމްޕިއަންސް ލީގުގައި އަދިވބެސް އޮތީ ގްރޫޕްގެ އެއްވަނައިގަ އެވެ. ދެވަނަ ބުރަށް ކޮލިފައި ވުމަށްޓަކައި އެ ޓީމަށް ބޭނުންވަނީ ކުރިއަށް އޮތް ދެ މެޗުން ތިން ޕޮއިންޓެވެ. ލިވަޕޫލަށް ގްރޫޕް ސްޓޭޖްގައި ދެން ކުޅެން އޮތް ދެ މެޗަކީ ނެދަލޭންޑްސްގެ އަޔަކްސް އެމްސްޓެޑަމްއާ ދެކޮޅަށް އެންފީލްޑްގައި ކުޅެންޖެހޭ މެޗާއި، ރަށުން ބޭރުގައި ޑެންމާކްގެ މިޖިލާންޑް އާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!