ފުރަތަމަ ސަފްޙާ / ޚަބަރު / ފްރާންސް ގައުމީ ޓީމުން ލިބުނު ފުރުސަތު ދޫކޮށްލިން: ޕިޔަނިޗް

ފްރާންސް ގައުމީ ޓީމުން ލިބުނު ފުރުސަތު ދޫކޮށްލިން: ޕިޔަނިޗް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 10 ނޮވެމްބަރު 2020

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުނުކަމަށާއި، އެކަމަކު އުފަން ގައުމަށް ކުޅެން ބޭނުންވެފައިހުރިވަރުން ފްރާންސަށް ނޫނެނޭ ބުނިކަމަށް ބޮޒްނިއާ އާއި ބާސެލޯނާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ބުނެފި އެވެ.

ޕިޔަނިޗް ބުނީ ބޮޒްނިއާ ގައުމީ ޓީމަށް ނުކުޅެ ފްރާންސަށް ކުޅެން އެއްބަސްވުން ވާނީ އޭނާގެ ހިތަށް ކެތްނުވާނެ ކަމެއް ކަމަށެވެ. ބޮޒްނިއާގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ ޓަޒްލާ އަށް އުފަންވި ޕިޔަނިޗް ވަނީ ބޮޒްނިއާގައި ހިނގި ހަނގުރާމައާއި ގުޅިގެން އާއިލާއާ އެކު ލަގްޒެމްބާގަށް ބަދަލުވެފަ އެވެ. ލަގްޒެމްބާގްގައި ފުޓްބޯޅަ ކުޅެން ފަށާއި ޕިޔަނިޗް ވަނީ އެގައުމުގެ 17 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ. ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ޕިޔަނިޗް ފެށީ 2007 ވަނަ އަހަރު ފްރާންސްގެ މެޓްސް އިންނެވެ. އޭގެފަހުން 2008 ވަނަ އަހަރު ލިޔޯން އިން ވަނީ އޭނާގެ ސޮއި ހޯދައިފަ އެވެ.

ލިޔޯނަށް ކުޅުމަށް ފަހު ރޯމާގައި މޮޅު ކުޅުމެއް ދައްކައި ޕިޔަނިޗް ވަނީ 2016 ވަނަ އަހަރު އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވެފަ އެވެ. 30 އަހަރުގެ މިޑްފީލްޑަރު ބާސެލޯނާ އަށް ބަދަލުވީ މި ސީޒަނުގަ އެވެ.

ޕިޔަނިކް ބުނީ ފްރާންސް ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ދިނީ ލިޔޯނަށް ކުޅުނު ދުވަސްވަރު އޭރު ފްރާންސްގެ ކޯޗު ރޭމޮންޑް ޑޮމެނެކް ކަމަށެވެ. ޑޮމެނެކް ފްރާންސް ޓީމުގެ ކޯޗުކަން އަދާކުރީ 2004 އިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ހަމައަށެވެ.

“އަހަރެންނަށް ފްރާންސްގެ ކޯޗު ގުޅިއިރު ނިންމައިފިން ބޮޒްނިއާ އަށް ކުޅެން. ފްރާންސުން ފުރުސަތު ދިނީތީ އަހަރެން ޝުކުރުވެރިވަން. އެކަމަކު އަހަރެން ބޭނުންވީ ހަގީގަތާ އެއްގޮތަށް ގައުމީ ޓީމު ތަމްސީލުކުރަން” ޕިޔަނިޗް ބުންޏެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ފުޓްބޯޅަ ޓީމުތަކުގައި ސީދާ އެގައުމަށް އުފަން ނޫން ކުޅުންތެރިން އަބަދުވެސް ކުޅެ އެވެ. ފްރާންސަކީ ވެސް އަލްޖީރިއާގެ ދަރިފަސްކޮޅަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ހިމެނެމުން އަންނަ ޓީމެކެވެ.

“އޭރު ފްރާންސް ޓީމުން ފުރުސަތު ހޯދުމަކީ އަހަރެންނަށް ވިސްނުނު ގޮތުގައި ވަރަށް އުނދަގޫ ކަމެއް. އަނެއްކޮޅުން އުފަން ގައުމު ދޫކޮށްލުމަކީ ހިތަށް ކެއްވާނެ ކަމެއްވެސް ނޫން. އޭރު ބޮޒްނިއާގެ ރައްޔިތުން ދިޔައީ އަހަރެން ފްރާންސްގައި ކުޅޭތަން ބަލަމުން” ބޮޒްނިއާގެ ގައުމީ ޓީމަށް 95 މެޗު ކުޅެދީ 15 ލަނޑު ޖަހާފައިވާ ޕިޔަނިޗް ބުންޏެވެ.

ބައިނަލްއަގްވާމީ މެޗުތައް ކުޅުމަށް ޕިޔަނިޗް މިހާރު ވަނީ ބޮޒްނިއާގެ ޓީމާ ގުޅިފަ އެވެ. ކުރިއަށް އޮތް ހަފްތާ ބޮޒްނިއާ އިން ތިން މެޗެއް ކުޅޭއިރު އެންމެ ފުރަތަމަ ކުޅޭނީ އިރާނާ ދެކޮޅަށް ރަހްމަތްތެރިކަމުގެ މެޗެކެވެ. އޭގެފަހުން ޔޫއެފާ ނޭޝަންސް ލީގުގައި ނެދަލެންޑްސް އާއި އިޓަލީއާ ދެކޮޅަށް ނުކުންނާނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!