މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް ކުލަބުގައި ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ޔުނައިޓެޑްގައި ހުރެގެން އޭނާއަށް އުފަލެއް ނެތްކަމަށް ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.
މި ސީޒަނުގައި މިހާތަނަށް ޕޮގްބާ ޔުނައިޓެޑްގެ ޖޯޒީގައި 11 މެޗު ކުޅެފައިވީ ނަމަވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ކުޅެފައިވަނީ އޭގެ ތެރެއިން އެންމެ ފަސް މެޗުގަ އެވެ. އެންމެ ފަހުން ލީގުގައި އެވަޓަން އާ ދެކޮޅަށް ކުޅެ 1-3 އިން ކުރި ހޯދި މެޗުގައިވެސް ޕޮގްބާ ކުޅެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެ މެޗުގައި އޭނާ ކުޅެން ނެރުނީ މެޗު ނިމެން އެންމެ އަށް މިނެޓަށް ވެފައި ވަނިކޮށެވެ. މިވަގުތު ޕޮގްބާ ހުރީ ފިންލެންޑާއި ޕޯޗްގަލްގެ އިތުރުން ސްވިޑަން އާ ދެކޮޅަށް ފްރާންސް ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް ތައްޔާރުވުމަށް ގައުމީ ޓީމާއި އެކު އެވެ.
“ޔުނައިޓެޑްގައި ޕޮގްބާއަށް ކުރިމަތިވެފައި އޮތް ހާލަތަކީ އޭނައަށް އުފަލުން ކުޅަބުގައި ހުރެވޭނެ ހާލަތެއް ނޫން. އޭނައަށް ކުޅެން ލިބޭ ވަގުތާއި، ކުޅުވާ ޕޮޒިޝަންތަކާއި، މިކަންކަމަކީ އޭނާއަށް އަސަރުކުރާނެ ކަންކަން.” ޕޮގްބާ އާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ފްރާންސްގެ ކޯޗް ޑެޝޯމްޕްސް ބުނެފައިވެ އެވެ. ފްރާންސްގެ
“މިވަގުތު އޭނަ އެހުރީ އޭނަގެ އެންމެ ރަގަޅު ފޯމަކު ނޫން. އޭނަ އަށް އެހުރީ މިފަހުން ކުރިމަތިވި އަނިޔާގެ މައްސަލަތަކާއި، ކޯވިޑް 19 ގެ ސަބަބުން ކުރިމަތިވި ހާލަތާ ގުޅިގެން އެކަންކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ. މިވަގުތު އޭނައަށް އެންމެ ބޮޑަށް ބޭނުންވަނީ އޭނަގެ އަސްލު ކުޅުން އަނބުރާ ގެނައުން. އަހަރެންނަކަށް އެއީ އެހާ ބޮޑު މައްސަލައެއް ނޫން. ކުލަބުގައި އޭނައަށް އުނދަގޫ ކަންތައްތަކެއް ތަޖުރިބާކުރަން ޖެހުނަސް ފްރާންސް ޓީމާއެކު އޭނަ ހުރީ ވަރަށް އުފަލުން.” ފްރާންސް އަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދިން ކޯޗް ޑެޝޯމްޕްސް ބުނެފައިވެ އެވެ.
އުމުރުން 27 އަހަރުގެ ޕޮގްބާ ޔުވެންޓަސް ގައި ހުރުމަށްފަހު ދެވަނަ ފަހަރަށް ޔުނައިޓެޑާ ގުޅުނީ 2016 ވަނަ އަހަރު އެވެ. 89 މިލިއަން ޕައުންޑަށް އެފަހަރު ޔުނައިޓެޑަށް ބަދަލުވި ޕޮގްބާގެ ފަރާތުން މިވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޔުނައިޓެޑުން އެންމެ ބޭނުންވި ކުޅުން ގިނަ މެޗުތަކުގައި ފެނިފައި ނުވާއިރު މިދިޔަ މަހުގެ ތެރޭގައި އޭނާ ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށް ބުނެފަ އެވެ. އޭގެ ފަހުން ހަމަ އެ މަހުގެ ތެރޭގައި ޔުނައިޓެޑުން ވަނީ ޕޮގްބާގެ ކޮންޓްރެކްޓްގައި އެއް އަހަރު އިތުރުކުރެވޭ ގޮތަށް އޮތް މާއްދާ ތަންފީޒުކޮށް 2022 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓްގެ މުއްދަތު އިތުރުކޮށްފަ އެވެ.