ފުރަތަމަ ސަފްޙާ / ޚަބަރު / ކުޅުންތެރިން ބޫޓަށް އަރައި ތައްޔާރަށް ތިބުމަށް މަހުލޫފް އަންގަވައިފި

ކުޅުންތެރިން ބޫޓަށް އަރައި ތައްޔާރަށް ތިބުމަށް މަހުލޫފް އަންގަވައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 7 ނޮވެމްބަރު 2020

ބޫޓަށް އަރައި ރަނގަޅަށް ނާޑުވާ ބާރުކޮށްގެން ތިއްބެވުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު އެދިވަޑައިގެންފި އެވެ. މަހްލޫފް މިގޮތަށް އެދިވަޑައިގަތީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

ޓްވީޓުގައި މަހުލޫފް ވިދާޅުވީ އިތުރު މައުލޫމާތު މިރޭ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން އާއްމުކުރައްވާނެ ކަމަށެވެ. އަދި ކަނުލާ އައްސަވައި ބަރާބަރަށް އަމަލުކުރެއްވުމަށް މަހްލޫފް އެދިވަޑައިގަތެވެ. ބޮޑަށް ބެލެވޭ ގޮތުގައި މަހްލޫފްގެ މި ޓްވީޓަކީ ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގައި ހުއްޓާލާފައިވާ ކުޅިވަރުތައް އަލުން ފެށުމުގެ އިޝާރާތަކެވެ. އެކަމަކު އޭގެ ތަފްސީލް އެނގޭނީ މިރޭ އެޗްޕީއޭ އިން އާއްމުކުރާ މައުލޫމާތުންނެވެ.

Bootah araa rangalhah naaduvaa baarukohgen thibbavaa.

Ithuru mauloomaathu mirey @HPA_MV inn aammu kuravvaane.

Kanulaa assavaathi adhi baraabarah amalu kuravvaathi.

— Ahmed Mahloof (@AhmedMahloof) November 7, 2020

މާޗް މަހު ރާއްޖެ ފުރަބަންދަކަށް ދިއުމާއެކު ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ވަނީ ހުއްޓާލައިފަ އެވެ. ގައުމީ ފެންވަރުގެ އެއްވެސް މުބާރާތެއް ނުބާއްވާތާ ގާތްގަނޑަކަށް ނުވަ ވަރަކަށް މަސް ވެފައިވާއިރު ކުޅުންތެރިން އަނބުރާ ދަނޑަށް އައުމަކީ ވަރަށް ބޮޑަށް އެދެމުން އަންނަ ކަމެކެވެ. އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ޓީމުތައް މިހާރު ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. އެއީ ފުޓްބޯޅަ ސީޒަން އަންނަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ފަށަން ހަމަޖެހިފައިވުމާ އެކު ރަނގަޅު ޕްރީ ސީޒަނެއް ހެދުމުގެ ގޮތުން ޓީމުތަކަށް ދިން ހާއްސަ ހުއްދައެކެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ ނިސްބަތް މިހާރު މަދުވެފައިވާއިރު އިތުރު ލުއިތައް ވަނީ ދީފަ އެވެ. އެހެންވެ މިރޭ ބާއްވާ ޕްރެސްގައި ކުޅިވަރު ކުޅުންތެރިންނަށް އަލުން ޕްރެކްޓިސް ފަށަން ނުވަތަ ދަނޑުތަކަށް ނުކުމެވޭ ގޮތަށް ހުއްދަ ދިނުމަކީ ދުރުގައިވާކަމެއް ނޫނެވެ. މަހްލޫފްގެ އުއްމީދީ ޓްވީޓުން ކުޅިވަރު ކުޅުންތެރިންނަށް މިހާރު ވަނީ އުއްމީދެއް ލިބިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!