ސަރުކާރުން ފުވައްމުލައް ސިޓީގައި ތަރައްގީކުރަމުން އަންނަ ޓާފް ފުޓްބޯޅަ ދަނޑުގެ ފުރަތަމަ ފިޔަވަހީގައި މަސައްކަތް ނިންމާލައިފި އެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނޭ ދަނޑު އެއްވަރުކުރުމާއި، ޓާފް އެޅުމުގެ މަސައްކަތް ނިންމާލާފައިވާކަން ހާމަކުރެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ.
ދައުރުވަމުންދާ ސޯޝަލް މީޑީއާގެ ފޮޓޯޓަކުން ފުވައްމުލަކު ދަނޑު އޮންނަ ސަރަހައްދު ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ގުދުރަތީ ރީތިކަން ލިބިފައިވާ މި ރަށުގައި ގާއިމްކުރި ފުޓްބޯޅަ ދަނޑުގައި ބާކީ ހުރި މަސައްކަތްތައް ކުރުމުގެ ހުއްދަ ކައުންސިލަށް ދެއްވާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މަހްލޫފް ވިދާޅުވީ ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ކައުންސިލަށް ދީފައިވާކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި ދަނޑުގައި ރަނގަޅު ލައިޓން ސިސްޓަމެއް ހަރުކުރެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ފުވައްމުލަކު ދަނޑުގައި ޓާފް އަޅާފައި. ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޓާފް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުން. – ފޮޓޯ: ޔޫތު މިނިސްޓްރީ
ސަރުކާރުން މިހާތަނަށް ވަނީ ފަސް ރަށެއްގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެއްކޮށް ނިންމާލައިފަ އެވެ. އެއީ ނ. ހޮޅުދޫ، ނ. ކެނދިކުޅުދޫ، ތ. ވިލުފުށި އަދި ފ. ނިލަންދޫ އަދި ރ. އަލިފުށީ ފުޓްބޯޅަ ދަނޑެވެ.
ކުޅިވަރުގެ ތަރައްގީއަށް ޔޫތު މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މިދިޔަ މަހުގެ ފަހުކޮޅު އެ މިނިސްޓްރީން ވަނީ އިތުރު 22 ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި ދަނޑުތަކުގެ ތެރެއިން 13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ. މި 13 ރަށް ވަނީ ފަސް ސަރަހައްދަކަށް ބަހާލާފަ އެވެ. ފުރަތަމަ ސަރަހައްދުގައި ހިމެނެނީ ށ. ފުނަދޫ އާއި ށ. ފޯކައިދޫ އަދި ށ. މިލަންދޫ އެވެ. ދެވަނަ ސަރަހައްދުގައި ހިމެނެނީ ނ. ކުޑަފަރި އަދި ނ. ވެލިދޫ އެވެ. ތިންވަނަ ސަރަހައްދުގައި ޅ. އޮޅުވެލިފުށްޓާއި ރ، ދުވާފަރު އަދި ރ. މާކުރަތު ހިމެނޭއިރު، ހަތަރުވަނަ ސަރަހައްދުގައި ހިމެނެނީ ކ. ގުޅި، ކ. ގުރައިދޫ އަދި ކ. މާފުށްޓެވެ.
ފަހުން ހަވާލުކުރި ނުވަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރާނީ މެލޭޝިއާގެ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމަންޓް ޕްރައިވެޓް ލިމިޓުންނެވެ. އެ ކުންފުނިން ޓާފް އަޅާނީ ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަމް، ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، މ. ދިއްގަރު، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި އަދި އައްޑޫ ސިޓީގެ ރަށެއްގެ ދަނޑެއްގަ އެވެ. އައްޑޫ ސިޓީ އިން ޓާފް އަޅާނެ ރަށެއް ކަނޑައެޅިގެންދާނީ ޓެންޑަރ ބޯޑާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް މިނިސްޓަރ މަޙުލޫފް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ޓާފް ދަނޑުތައް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާއިރު އަތޮޅުތެރޭގައި 20 ފުޓުބޯޅަ ދަނޑެއް އެޅުމަށް ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެފްއޭއެމްގެ މި ޕްރޮޖެކްޓުގެ ދަށުން ކޮރެއާގެ ސަކައިވިންގް ގްލޯބަލް އާއެކު މިދިޔަ އަހަރު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. ފުޓުބޯޅަ ދަނޑުތައް ތަރައްގީ ކުރުމަށް ފަހު ސަރުކާރާއި އެފްއޭއެމްގެ އަމާޒަކީ މިހާރު ފޯރި ކެނޑިފައިވާ ރާއްޖޭގެ ފުރަތަމަ ޑިވިޝަން ފުޓުބޯޅަ މުޅި ރާއްޖެއަށް ފުޅާ ކުރުމެވެ.