މިދިޔަ މަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި އޭސީ މިލާނަށް ކުޅޭ ޒަލަޓަން އިބްރަހިމޮވިޗް އެ ބަލިން އެއްކޮށް ރަނގަޅުވެ އިޓާލިއަން ލީގުގައި އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗުގައި ފެންނާނެ ކަމަށް މިލާނުން ބުނެފި އެވެ.
ސްވިޑެންގެ 39 އަހަރުގެ ފޯވާޑަށް ކޮވިޑް ޖެހުނުކަން ޔަގީންވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. ޔޫއެފާ ޔޫރޮޕާ ލީގުގެ ކޮލިފައިން މެޗުގެ ކުރިން އޭރު ހެދި ޓެސްޓުތަކުން ޕޮޒިޓިވްވީ އިބްރަހިމޮވިޗް އެކަންޏެވެ. އޭނާ ނުލައި ކުޅުނު ކޮލިފައިން މެޗު ކާމިޔާބުކޮށް މިލާން މިހާރު ވަނީ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފަ އެވެ.
މިލާނުން ބުނީ ފަހުން ހެދި ދެ ޓެސްޓުން އިބްރަހިމޮވިޗްގެ ނަތީޖާ ނެގެޓިވް ވެފައިވާކަމަށެވެ. އަދި، މިލާނުގެ ހެލްތު އޮތޯރިޓީތަކުން އިބްރަހިމޮވިޗް ކޮވިޑުން ރަނގަޅުވެފައިވާކަން އަންގާފައިވާކަމަށް އެ ކްލަބުން ބުނެފައިވެ އެވެ.
ތަޖުރިބާކާރު ފޯވާޑަށް ކޮވިޑް ޖެހުމުން މިލާނުން މި ފަހުން ކުޅުނު ހަތަރު މެޗުގައި އިބްރަހިމޮވިޗް ކުޅެފައެއްނުވެ އެވެ. ބައިނަލްއަގްވާމީ މެޗުތަކަށް ފަހު އިޓާލިއަން ލީގުގެ ކުޅުން އަލުން ފަށާއިރު މި މަހުގެ 17 ވަނަ ދުވަހު މިލާން ނުކުންނާނީ ވާދަވެރި އިންޓަ މިލާނާ ދެކޮޅަށެވެ. އިބްރަހިމޮވިޗް ކޮވިޑުން ރަނގަޅުވުމުން މި މެޗުގައި އޭނާ ކުޅުމުގެ ފުރުސަތު ބޮޑެވެ.
ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން އިބްރަހިމޮވިޗް ވަނީ މި ސީޒަނުގައި އެ ކްލަބަށް ކުޅެދިން ދެ މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ޔޫރޮޕާ ލީގުގެ ކޮލިފައިންގައި ޝަމްރޮކް ރޯވާސް ކޮޅަށް ޖެހިއިރު އިބްރަހިމޮވިޗް ވަނީ އިޓާލިއަން ލީގުގައި ބޮލޯނިއާ އަތުން މިލާން މޮޅުވި މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ.