ފުރަތަމަ ސަފްޙާ / ޚަބަރު / ސިންތެޓިކް ޓްރެކްގެ މަސައްކަތް ނައިބު ރައީސް ބައްލަވާލައްވައިފި

ސިންތެޓިކް ޓްރެކްގެ މަސައްކަތް ނައިބު ރައީސް ބައްލަވާލައްވައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 4 އޮކްޓޫބަރު 2020

މާލޭ އެކުވެނި ދުވާ ޓްރެކް ސިންތެޓިކް އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންދާ ސަރަހައްދަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހަވީރު ވަޑައިގެން މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފި އެވެ.

ފައިސަލް ނަސީމްއާ އެކު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އާއި ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ (އަޑުބަރޭ) ގެ މަސައްކަތް ކުރަމުން އަންނަ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ސަރުކާރުގެ އަމާޒަކީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޓްރެކްގެ ހުރިހާ މަސައްކަތެއް ނިންމާލުމެވެ.

މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ އެކުވެނި ދުވާ ޓްރެކް ތަރައްގީކޮށް ބޭނުންކުރަން ފެށީ 1996 ވަނަ އަހަރު އެވެ. 24 އަހަރު ފަހުން ދުވާ ޓްރެކް ޒަމާނީ ކުރުމުގެ މަސައްކަތް ފެށީ މި ސަރުކާރުންނެވެ. ޖޫން 22 ދުވަހު ފެށި މި މަސައްކަތް ނިމޭއިރު އެތަނުގައި އޮންނާނީ ޒަމާނީ ފެންވަރުގެ ސިންތެޓިކް ޓްރެކެވެ. އެ ޓްރެކުގައި މިހާރު ކުރަމުން އަންނަނީ ބިންގަނޑު އެއްވަރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރަނީ އާރުކޭއެލް ކުންފުނިންނެވެ. ކޮންކްރީޓް އެޅުމުގެ މަސައްކަތް މިދިޔަ މަހުގެ 17 ވަނަ ދުވަހު ފެށިއިރު އެ ކުންފުނީގެ އަމާޒަކީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާލުމެވެ. އެއަށްފަހު ޓްރެކުގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ކުރާނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްވެކް) އާއެވެ.

Vice President HE @FaisalNasym and Minister @AhmedMahloof visited Ekuveni Running Track and observed the work that is currently being undertaken for the installation of a synthetic track. pic.twitter.com/pfB6IeJgX1

— Ministry of Sports, Fitness and Recreation (@MoSFR_mv) October 4, 2020

މިނިސްޓަރު މަހުލޫފް މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ޓްރެކް ނިމުމުން ކްރިކެޓް، އެތުލެޓިކްސް އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ޓްރެކް މީގެކުރިން ބޭނުންކުރަމުން ދިޔަ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ.

ދުވާ ޓްރެކަކީ އާއްމުން ކަސްރަތު ކުރުމަށް ބޭނުންކުރާ ތަނެކެވެ. މީގެ އިތުރުން އެތަނުގައި ކްރިކެޓް ކުޅުމާއި، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އިވެންޓުތައް ވެސް މީގެ ކުރިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެހެންނަމަވެސް ޓްރެކުގައި ކަސްރަތުކުރުމާއި ދުވުމަށް ގޮންޖެހުންތަކެއް ކުރިމަތިވީ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރުން ވާރޭ ވެހުމުން އެތަނުގައި ފެންބޮޑުވާތީ އެވެ.

ޓްރެކަށް ޒަމާނީ ބަދަލެއް ގެނައުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު ކުޅިވަރުގެ ގިނަ ޕްރޮޖެކްޓްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ފުޓްސަލް ދަނޑުތަކާއި ޓާފް ފުޓްބޯޅަ ދަނޑުތައް ތަރައްގީކުރުން ހިމެނެ އެވެ. މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ ވަކި ކުޅިވަރަކަށް ނުބަލައި ހުރިހާ އެތުލީޓުންނަށް ފަސޭހަވާނޭހެން ކުޅިވަރުގެ ޕްރޮޖެކްޓްތައް މުޅި ރާއްޖޭގައި ހިންގުން ކަމަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!