ފުރަތަމަ ސަފްޙާ / ޚަބަރު / އިބްރަހިމޮވިޗް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިބްރަހިމޮވިޗް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 24 ސެޕްޓެމްބަރު 2020

އޭސީ މިލާނަށް ކުޅޭ ސްވިޑެންގެ 38 އަހަރުގެ ފޯވާޑް، ޒަލަޓަން އިބްރަހިމޮވިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އިބްރަހިމޮވިޗަށް ކޮވިޑް ޖެހިފައިވާކަން އޭނާގެ ކްލަބް މިލާނުން ހާމަކުރީ މިއަދު އެވެ

މިލާނުން ހެދި ކޮވިޑް ޓެސްޓްތަކުގެ ތެރެއިން ޕޮޒިޓިވްވީ އިބްރަހިމޮވިޗް އެކަންޏެވެ. އިތުރު އެއްވެސް ކުޅުންތެރިއަކު އަދި ކޯޗިން ސްޓާފެއް ވެސް ޕޮޒިޓިވް ނުވާކަމަށް މިލާނުން ވަނީ ބުނެފަ އެވެ. މިލާނުން ބުނީ ކޮވިޑަށް ޕޮޒިޓިވް ވުމާއެކު އިބްރަހިމޮވިޗް ކަރަންޓީނުގައި މުއްދަތެއް ހޭދަކުރަން ޖެހޭނެކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން އިބްރަހިމޮވިޗް މިހާރު ވަނީ ސެލްފް އައިސޮލޭޓްވެފަ އެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ބައްޔަށް ޕޮޒިޓިވްވުމާއެކު މިލާނުން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހު ކުޅޭ މެޗުތަކުން އިބްރަހިމޮވިޗް ނުފެންނާނެ އެވެ. މިލާނުން ކޮވިޑް ޓެސްޓް ހެދީ ޔޫއެފާ ޔޫރޮޕާ ލީގުގެ ކޮލިފައިންގައި މިރޭ ކުޅެން އޮތް މެޗުގެ ކުރިންނެވެ.

އިޓަލީގެ އާ ސީޒަން ފަށައިގެން މިހާރު ކުރިއަށްދާއިރު އިބްރަހިމޮވިޗް ވަނީ މި ސީޒަނުގައި އެ ކްލަބަށް ކުޅެދިން ދެ މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ޔޫރޮޕާ ލީގުގެ ކޮލިފައިންގައި ޝަމްރޮކް ރޯވާސް ކޮޅަށް ޖެހިއިރު އިބްރަހިމޮވިޗް ވަނީ އިޓާލިއަން ލީގުގައި ބޮލޯނިއާ އަތުން މިލާން މޮޅުވި މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ.

އިބްރަހިމޮވިޗަކީ މަޖާޒީ ގޮތެއްގައި ދޭ އިންޓަވިއުތަކާއެކު މުޅި ދުނިޔޭގައި މަގްބޫލު ކުޅުންތެރިއެކެވެ. ލީގުގައި ބޮލޯނިއާ ކޮޅަށް ދެ ލަނޑު ޖެހުމަށް ފަހު އޭނާ ބުނީ މިހާރުގެ އުމުރަކީ 20 އަހަރު ނަމަ މެޗުގައި އިތުރު ދެ ލަނޑު ޖަހާނެ ކަމަށެވެ. އަދި، މި ސީޒަނުގައި މިލާނުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފި ނަމަ ކާމިޔާބީ ހޯދޭނެ ކަމަށާއި އަމާޒަކީ މިދިޔަ ސީޒަނަށް ވުރެ ރަނގަޅަށް މި ސީޒަން ނިންމާލުން ކަމަށް އެ މެޗަށް ފަހު އިބްރަހިމޮވިޗް ބުނެފައިވެ އެވެ. ރަނގަޅު ފޯމެއްގައި ހުއްޓައި އިބްރަހިމޮވިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވުމަކީ މިލާނަށް ލިބޭނެ ބޮޑު ގެއްލުމެކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!