ފުރަތަމަ ސަފްޙާ / ޚަބަރު / އިބްރަހިމޮވިޗް މިލާނުގައި އިތުރު އަހަރަކު މަޑުކުރަން ނިންމައިފި

އިބްރަހިމޮވިޗް މިލާނުގައި އިތުރު އަހަރަކު މަޑުކުރަން ނިންމައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 1 ސެޕްޓެމްބަރު 2020

އޭސީ މިލާނަށް ކުޅެމުން އަންނަ 38 އަހަރުގެ ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް އެ ކްލަބުގައި އިތުރު އަހަރަކު މަޑުކުރަން ނިންމައިފި އެވެ.

އާ އެއްބަސްވުމާއެކު ސްވިޑެންގެ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އިބްރަހިމޮވިޗް ކުރިއަށް އޮތް ސީޒަނުގައި އެ ކްލަބުން ފެންނާނެ އެވެ. ކުރިން މިލާނުގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު ދެ ވަނަ ފަހަރަށް އޭނާ އެ ކްލަބާ ގުޅުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. މިލާނަށް ބަދަލުވުމުގެ ކުރިން އިބްރަހިމޮވިޗް ކުޅުނީ އެމެރިކާ ލީގުގެ އެލްއޭ ގެލަކްސީއަށެވެ. އެމެރިކާ ލީގުގައި ހޭދަކުރި 18 މަސްދުވަސްތެރޭ އޭނާ ވަނީ އެލްއޭ ގެލަކްސީ އަށް 53 ލަނޑު ޖަހައިދީފަ އެވެ.

މިލާނަށް މީގެ ކުރިން އިބްރަހިމޮވިޗް ކުޅުނީ 2010 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. ފުރަތަމަ އަހަރު ލޯނު އުސޫލުން އެ ކްލަބަށް ބަދަލުވުމަށް ފަހު އޭނާ ވަނީ ފަހުން ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިލާނުގައި ހޭދަކުރި ދެ އަހަރުގެ ތެރޭގައި އިބްރާހިމޮވިޗް ވަނީ 85 މެޗުގައި 56 ލަނޑު ޖަހައި ދެ ސީޒަނުގައި ވެސް އިޓަލީ ލީގު ކާމިޔާބުކޮށްފަ އެވެ. އެއަށް ފަހު އޭނާ ވަނީ ފްރާންސްގެ ޕީއެސްޖީ އާއި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެފަ އެވެ. މިލާނުގެ އިތުރުން އެ ކްލަބާ ވާދަވެރި އިންޓަ މިލާނާއި ޔުވެންޓަސްގެ އިތުރުން ބާސެލޯނާ އަށް ވެސް އިބްރަހިމޮވިޗް ވަނީ ކުޅެފަ އެވެ.

ޑިސެމްބަރު މަހު މިލާނަށް ބަދަލުވުމަށް ފަހު ހުރިހާ މުބާރާތެއްގައި އެ ކްލަބަށް އޭނާ ވަނީ 11 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ލީގުގައި ކުޅުނު 18 މެޗުގައި އިބްރަހިމޮވިޗް 10 ލަނޑު ޖެހި އެވެ.

މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުން މިލާނަށް ލިބުނީ ހަ ވަނަ އެވެ. އެހެންވެ އެޓީމަށް ވަނީ ކުރިއަށް އޮތް ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގުގެ ދެ ވަނަ ކޮލިފައިން ބުރުން ފުރުސަތު ލިބިފަ އެވެ. ކޮލިފައިންގައި މިލާން ނުކުންނާނީ އަޔަލެންޑުގެ ޝަމްރޮކް ރޯވާސްއާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!