ފުރަތަމަ ސަފްޙާ / ޚަބަރު / ފައިނަލުގައި ޔުވެންޓަސް އާއި ނަޕޯލީގެ ކުރިމަތިލުމެއް

ފައިނަލުގައި ޔުވެންޓަސް އާއި ނަޕޯލީގެ ކުރިމަތިލުމެއް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 14 ޖޫން 2020

ރޭ އަމިއްލަ ދަނޑުގައި 1-1 އިން އިންޓަ މިލާނާ އެއްވަރުކޮށް އިޓާލިއަން ކަޕްގެ ފައިނަލުގެ ދެ ވަނަ  ޖާގަ ނަޕޯލީން ހޯދައިފި އެވެ. ނަޕޯލީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗު 1-0 އިން ކާމިޔާބުކުރުމުން 2-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

މި ދެޓީމުގެ ފުރަތަމަ ލެގް ފެބްރުއަރީ 12 ވަނަ ދުވަހު މިލާންގެ ސެން ސީރޯ ސްޓޭޑިއަމްގައި ކުޅުނީ 60000 ސަޕޯޓަރުންގެ ކުރިމަތީ އެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން ދިގު ބްރޭކަކަށް ފަހު ރޭ ދެ ވަނަ ލެގް ކުޅުނީ އެހެން މެޗުތަކެކޭ އެއްގޮތަށް ސަޕޯޓަރުން ނުލަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ދެ ވަނަ މިނެޓުގައި ޖެހީ އިންޓަ މިލާންގެ ކްރިސްޓިއެން އެރިކްސެން އެވެ. މިއީ ކޯނަރަކުން އެރިކްސެން ސީދާ ގޯލަށް ވައްދާލި ބޯޅައެކެވެ. މިދިޔަ ޖެނުއަރީ މަހު އެރިކްސެން އިންޓަ އަށް ބަދަލުވީ އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާސް އިންނެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ލޮރެންޒޯ އިންސީނިއޭ ދިން ޕާހަކުން ނަޕޯލީ އަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު ޖަހައިދިނީ ޑްރިސް މާޓެންސް އެވެ.

ރޭގެ ގޯލާއެކު މާޓެސް ވެފައިވަނީ ނަޕޯލީގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއަށެވެ. ލަނޑު ލިސްޓުގެ އެއް ވަނަ 122 ގޯލާއެކު މާޓެންސް އަށް ލިބުނުއިރު ދެ ވަނައިގައި އޮތީ ކުރިން އެޓީމުގައި މޮޅު ކުޅުމެއް ދެއްކި ސްލޮވޭކިއާގެ މަރެކް ހަމްސިކް އެވެ. މާޓެންސް އަށް ވުރެ ހަތް ގޯލު ފަހަތުން ލިސްޓުގެ ތިން ވަނައިގައި އޮތީ ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ޑިއޭގޯ މަރަޑޯނާ އެވެ. ރަފައެލް ބެޓިނޭޒްގެ ކޯޗުކަމުގައި ނެދަލެންޑްސްގެ ޕީއެސްވީ އިން މާޓެންސް ނަޕޯލީ އަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ.

ނަޕޯލީ އަށް އިޓާލިއަން ކަޕް އެންމެ ފަހުން ކާމިޔާބުކުރެވުނީ 2014 ވަނަ އަހަރު އެވެ. ފަސް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ނަޕޯލީން ފައިނަލުގައި ޔުވެންޓަސްއާ ދެކޮޅަށް އިޓަލީގެ ރޯމްގައި ނުކުންނާނީ އަންނަ ބުދަ ދުވަހު އެވެ. ޔުވެންޓަސް ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ސެމީގެ ދެ ވަނަ ލެގްގައި އަމިއްލަ ދަނޑުގައި އޭސީ މިލާނާ 0-0 އިން އެއްވަރުކޮށް އަވޭ ގޯލުން ކުރި ހޯދައިގެންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!