ފުރަތަމަ ސަފްޙާ / ޚަބަރު / ލަންކާ އާއި އެއްވަރުވެ، ރާއްޖެ ނޭވާހޮޅިއަށް

ލަންކާ އާއި އެއްވަރުވެ، ރާއްޖެ ނޭވާހޮޅިއަށް

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 7 ސެޕްޓެމްބަރު 2018

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕް 2018 ގެ ގްރޫޕް ބީ ގައި، ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުން މުބާރާތް އެއްފަހަރު ކާމިޔާބު ކޮށްފައިވާ ސްރީލަންކާ އާ އެއްވަރުވެ، ސެމީފައިނަލަށް ދިއުމަށް ކުރަމުން އައި އުއްމީދު ކުޑަވެއްޖެއެވެ.

ބަންގްލަދޭޝްގެ ބަންގްބަންދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން ރާއްޖެ ލަންކާއާއި އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗުން ރާއްޖެ ލަންކާ އާއި އެއްވަރުވުމުގެ އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ އިންޑިއާއަށެވެ. އެއީ މި ގްރޫޕްގައި ރާއްޖެ އާއި ލަންކާގެ އިތުރުން ދެން ހިމެނޭ އިންޑިއާ ވަނީ ގްރޫޕްގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ލަންކާ ބަލިކޮށްފައެވެ. އެހެންކަމުން، އިންޑިއާއަށް ސެމީފައިނަލުގެ ޖާގަ ކަށަވަރުވީއެވެ.

ރާއްޖެ ޤައުމީ ޓީމް ފުރަތަމަ އެގާރަ (ފޮޓޯ: މޯލްޑިވްސް ނޭޝަނަލް ފުޓްބޯލް ޓީމް ފޭސްބުކް ޕޭޖް)

ރާއްޖެ ސެމީ ފައިނަލުން ޖާގައެއް ހޯދަން ބޭނުންވާނަމަ ޖެހޭނީ އިންޑިއާ އަތުން މޮޅުވަން ނުވަތަ އެއްވަރު ވާށެވެ. ނުވަތަ، ދެ ލަނޑުގެ ތަފާތަކުން ބަލިނުވެ ފަރުޖައްސާށެވެ. ރާއްޖެ ދެލަނޑުގެ ތަފާތަކުން ބަލިވާނަމަ ޖެހޭނީ ގޯލެއް ކާމިޔާބުކުރުމަށްފަހު ބަލިވާށެވެ. އޭރުން ރާއްޖެއަށް ޖެހިގޯލުން ލަންކާއަށް ވުރެއް ކުރި ލިބޭނެއެވެ. ލަންކާގެ ދެމެޗު ނިމިގެންދިޔައިރު އެޓީމަށްވެސް ގޯލެއް ކާމިޔާބެއް ނުކުރެވެއެވެ. ރާއްޖެއަށް ލަނޑެއް ނުޖެހި ދެގޯލަށްވުރެއް އިތުރަށް އެންމެ ގޯލެއްގެ ތަފާތުން ބަލިވިޔަސް މުބާރާތުން ކެޓީއެވެ. މި މުބާރާތުގައި ދެޓީމު ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ ބަލާނީ ދެޓީމު ބައްދަލުކުރި މެޗުގެ ނަތީޖާއަށެވެ. އެއަށްފަހު ފައިދާ ގޯލަށެވެ. ދެން، ޖެހިގޯލަށެވެ.

އަލީ އަޝްފާޤު (ދަގަނޑޭ) އާ ނުލައި މި މުބާރާތަށް ނުކުތް ރާއްޖެ ޓީމަށް މިއަދުގެ މެޗުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ އެންމެ ރަނގަޅު ހަމަލާ ފެނިގެންދިޔައީ އަލީ ފާސިރު (ސެންޓޭ) ގެ ފަރާތުންނެވެ. ޕެނަލްޓީ އޭރިޔާ ކުޑަތަންކޮޅެއް ބޭރުން އޭނާ ފޮނުވާލި ހިލޭޖެހުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ސެންޓޭގެ މިހިލޭޖެހުމުގެ ކުރިން ހަސަން ނާއިޒް ނަގައިދިން ކޯނަރު އިބްރާހީމް ވަހީދު ބޮލުން ޖެހުމުން ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފައެވެ.

ލަންކާއިން ފުރަތަމަ ހާފުގައި ގޯލެއް ކާމިޔާބުކުރިނަމަވެސް ލައިންސްމަން ވަނީ އެ ލަނޑު އޮފްސައިޑް ކަމަށް ދިދަ ނަގާފައެވެ. ނަމަވެސް، މެޗުގެ ރީޕްލޭ ބެލުމުން އެއީ އޮންސައިޑް ގޯލެއްކަން ރީއްޗަށް ފެނެއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ލަންކާއިން ވަނީ ރާއްޖޭގެ ޑިފެންސަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި ލަންކާގެ އަސިކުރް ރަޙްމާން އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ރާއްޖޭގެ ކީޕަރު މުޙައްމަދު ފައިސަލް މަތަކުރިއިރު، އޭގެ ދެތިން މިނެޓުފަހުން ލަންކާގެ އެހެން ކުޅުންތެރިއެއް ފޮނުވާލި ބޯޅަވެސް ފައިސަލް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.

ރާއްޖެ ޓީމުގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް (މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި)

މެޗުގެ ފަހުވަގުތުކޮޅު ތެރޭގައި ލަންކާއިން ވަނީ ލަނޑެއް ކާމިޔާބުކުރަން ވަރަށް މަސައްކަތްކޮށްފައެވެ. އެގޮތުން އެޓީމުގެ އަސޭލާ މަދުޝަން އާއި ކަވިންދު އިޝާން ފޮނުވާލި ހަމަލާތައްވެސް ރާއްޖޭގެ ގޯލްކީޕަރު ފައިސަލް ވަނީ މަތަކޮށްފައެވެ. މެޗުގެ ފަހު ފަސްމިނެޓު ތެރޭގައި ރާއްޖޭގެ ރިހާމް އަބްދުލްޤަނީ ލަނޑެއް ކާމިޔާބު ކުރިނަމަވެސް، މިލަނޑަކީވެސް އޮފްސައިޑް މަޤާމެއްގައި ހުރެ ކާމިޔާބުކުރި ލަނޑެއްކަމަށް ރެފްރީ ވަނީ ނިންމާފައެވެ.

އަންނަ އާދީއްތަ ދުވަހު ގްރޫޕް ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާ އާދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރުއެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!