އއ. ތޮއްޑޫގައި ހިންގަމުން އަންނަ ރިދަން ސްޕޯޓްސް އެކަޑަމީން ކުރިއަށްގެންދާ ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގެ މިއަހަރުގެ މުބާރާތް މިއަދު ފަށައިފި އެވެ.
އަހަރުގެ ދެ ދުވަސްވަރަކަށް ބަހާލައިގެން ކުރިއަށްގެންދާ ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގެ މިއަހަރުގެ މުބާރާތުގެ ފުރަތަމަ ބައިގެ ގޮތުގައި މިއަދު ފަށާފައިވަނީ 14 އަހަރުން ދަށުގެ ކެޓަގަރީ އާއި 17 އަހަރުން ދަށުގެ ކެޓަގަރީ އެވެ. 14 އަހަރުން ދަށުގެ ކެޓަގަރީގައި މިފަހަރު ހަތް އެކަޑަމީ އަކުން ބައިވެރިވެފައިވާއިރު 17 އަހަރުން ދަށުގެ ކެޓަގަރީގައި ބައިވެރިވެފައިވަނީ ހަ އެކަޑަމީ އަކުންނެވެ.
މި މުބާރާތުގެ 14 އަހަރުން ދަށުގެ ކެޓަގަރީގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު 17 އަހަރުން ދަށުގެ ކެޓަގަރީގެ މެޗުތައް ކުރިއަށްގެންދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ރަގަޅު ނަތީޖާ ހޯދާ ހަތަރު ޓީމު ސެމީ ފައިނަލްގައި ވާދަކުރާ ގޮތަށެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ 14 އަހަރުން ދަށުގެ ކެޓަގަރީގެ ގްރޫޕް އޭ ގައި ހިމެނެނީ އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ ސަޑޭ ސްޕޯޓްސް އެކަޑަމީ އާއި ޔުނައިޓެޑް ވިކްޓަރީގެ އިތުރުން ރަސްދޫ ފުޓްބޯޅް އެކަޑަމީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑަމީ (އެފްއެފްއެފްއޭ) އާއި ސްރީލަންކާގެ ޖެޓްލައިނާސް އެކަޑަމީ އަދި ނައިފަރަށް ނިސްބަތްވާ އެޕެކްސް ސްޕޯޓްސް ކްލަބާއގެ އިތުރުން ރިދަން ސްޕޯޓްސް އެކަޑަމީ އެވެ.
https://fahuminet.com/tournaments/ridhan-academy-u14-championship-2026
މުބާރާތުގެ ފުރަތަމަ ދުވަހު ޖުމްލަ ހަ މެޗު ކުޅެފައިވާއިރު 14 އަހަރުން ދަށުގެ ކެޓަގަރީއިން ތިން މެޗު ވަނީ މިއަދު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި މިއަދު ހެނދުނު އެފްއެފްއެފްއޭ އާއި އެޕެކްސް ބައްދަލުކޮށްފައިވާއިރު އެ މެޗު 1-8 އިން ކާމިޔާބުކޮށްފައިވަނީ އެފްއެފްއެފްއޭ އެވެ. ދެވަނަ މެޗުގައި މިއަދު ހަވީރު ސަޑޭ ސްޕޯޓްސް އެކަޑަމީ އާއި ޔުނައިޓެޑް ވިކްޓަރީ ވާދަކޮށް 0-1 އިން މެޗު ކާމިޔާބުކޮށްފައިވަނީ ސަޑޭ ސްޕޯޓްސް އިންނެވެ. މިއަދު ކުޅުނު 14 އަހަރުން ދަށުގެ ކެޓަގަރީގެ ފަހު މެޗުގައި އެފްއެފްއެފްއޭ އާއި ޖެޓްލައިނާސް ވާދަކޮށްފައިވާއިރު އެ މެޗު 1-3 އިން ކާމިޔާބުކޮށްފައިވަނީ އެފްއެފްއެފްއޭ އެވެ.
https://fahuminet.com/tournaments/ridhan-academy-u17-championship-2026
މުބާރާތުގެ 17 އަހަރުން ދަށުގެ ކެޓަގަރީގައި މިއަދު ކުޅުނު ތިން މެޗުވެސް ކުޅެފައިވަނީ ހެނދުނު އެވެ. ފުރަތަމަ މެޗުގައި އުކުޅަސް ފުޓްބޯލް އެކަޑަމީގެ މައްޗަށް 1-2 އިން ޔުނައިޓެޑް ވިކްޓަރީ ކުރި ހޯދިއިރު ރިދަން ސްޕޯޓްސް އެކަޑަމީ އާއި އެފްއެފްއެފްއޭ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި ކެޓަގަރީގައި މިއަދު ކުޅުނު ފަހު މެޗު ޖެޓްލައިނާސްއާ ވާދަކޮށް 0-6 އިން މާފުށި ނިއު ސްޓާސް އެކަޑަމީން ވަނީ ކާމިޔާބުކޮށްފަ އެވެ.
މި މަހުގެ 24 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި މާދަމާވެސް ހަ މެޗު ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.