ފުރަތަމަ ސަފްޙާ / ޚަބަރު / އެއީ ހާލަންޑް، އެ ކަޓުވާލީ ބްރެޒިލް
އެއީ ހާލަންޑް، އެ ކަޓުވާލީ ބްރެޒިލް

އެއީ ހާލަންޑް، އެ ކަޓުވާލީ ބްރެޒިލް

ފަހުމިނެޓް
ފަހުމިނެޓް
18 ގަޑިއިރު ކުރިން 6 ޖުލައި 2026

ވޯލްޑް ކަޕްގެ ގަދަ 16 ގައި ބްރެޒިލާއި ނޯވޭ ރޭ ވާދަކުރި މެޗުގައި ގޯލް އޭރިއާގެ ތެރެއިން ނޯވޭގެ ފޯވާޑް އާލިން ހާލަންޑަށް ލިބުނީ އެންމެ ހަތަރު ބޯޅަ އެވެ. އެކަމަކު މެޗުގެ 79 ވަނަ މިނެޓްގައި ބްރެޒިލްގެ ގޯލް ނޯވޭއިން ހުޅުވާލި ލަނޑު އުމުރުން 25 އަހަރުގެ ހާލަންޑް ޖެހީ އޭގެ ތެރެއިން އެއް ބޯޅައިގެ ބޭނުން ހިފައިގެންނެވެ.

އޭގެ 11 މިނެޓް ފަހުން ނޯވޭގެ ދެވަނަ ލަނޑު ހާލަންޑް ކާމިޔާބުކުރީ އޭރިޔާގެ ބޭރުން ލިބުނު ބޯޅައެއް ތިރިތިރިން ޣޯލަށް އަމާޒުކޮށްލައިގެންނެވެ. ހާލަންޑަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ނުރައްކާތެރި ފޯވާޑްކަން ސާބިތުކޮށްދޭން އެ ލަނޑު އެކަނި ވެސް ފުދެ އެވެ. ރޭގެ މެޗުގައި ހާލަންޑް ބްރެޒިލް ކޮޅަށް ވައްދާލި ދެ ލަނޑާއެކު އޭނާ މި ވޯލްޑް ކަޕްގައި ޖެހި ގޯލްގެ އަދަދު ހަތަކަށް އަރައި ލަނޑު ލިސްޓްގެ އެންމެ ކުރީގައި އޮތް އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ފްރާންސްގެ ކިލިއަން އެމްބާޕޭއާ އެއްވަރުވީ އެވެ.

"ވަރަށް ގިނައިން މީހުން ކުރާ ސުވާލެއް، ހާލަންޑްގެ ފައިގަ ޖެހުނީ ކިތައް ބޯޅަތޯ؟ ލަނޑެއް ޖަހާކަށް އޭނައަށް މާ ގިނަ ބޯޅަތަކެއް ބޭނުމެއް ނުވޭ." އައިޓީވީ ގައި ވާހަކަ ދައްކަމުން އިންގްލެންޑްގެ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އިއާން ރައިޓް ބުނެފައިވެ އެވެ.

ހާލަންޑްގެ ގޯލްތަކާއެކު ނޯވޭ އިން ރޭ ބްރެޒިލްގެ މައްޗަށް ހޯދި ކާމިޔާބާއެކު އެ ޓީމު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިއީ 1998 ވަނަ އަހަރުގެ ފަހުން މުޅިން އަލަށް ވޯލްޑް ކަޕްގައި ވާދަކުރާ ނޯވޭއަށް އަދި މިހާތަނަށް ހޯދިފައި ނެތް ކާމިޔާބެކެވެ.

ކުއާޓާ ފައިނަލްގައި ނޯވޭ ވާދަކުރަންޖެހޭނީ ގަދަ 16 ގައި މެކްސިކޯގެ މައްޗަށް ކުރި ހޯދި އިންގްލެންޑާ އެވެ. މިއީ ނޯވޭއިން ކުއާޓާ ފައިނަލްގައި ވާދަކުރާ ފުރަތަމަ ފަހަރު ކަމަށް ވިޔަސް ހާލަންޑާއެކު އެ ޓީމަށް މި މުބާރާތުގައި ކިތަންމެ ދުރަކަށްވެސް ދެވިދާނެ ކަމަށް މިހާރު އެ ޓީމުގެ ކުޅުންތެރިން ގަބޫލުކުރާނެ އެވެ.

"ހާލަންޑް އެވަނީ ނޯވޭ އަށް ކޮންމެ ހިސާބަކަށްވެސް މިހާރު ދެވިދާނެކަމުގެ އުންމީދު މުޅި ގައުމަށް ދީފަ." ބީބީސީ ގައި ވާހަކަދައްކަމުން އިންގްލެންޑްގެ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ވޭން ރޫނީ ބުނެފައިވެ އެވެ.

ހާލަންޑް ވަނީ ކްލަބްގައާއި ގައުމީ ޓީމަށް އެތައް ގޯލެއް ކާމިޔާބުކޮށް ކިތަންމެ ރެކޯޑެއް ވަނީ ހަދައިފަ އެވެ. މި ވޯލްޑް ކަޕް ފެށުމާ ހަމަޔަށް ހާލަންޑްގެ ސީވީއިން ހަމައެކަނި މަދުވެފައި އޮތީ ވޯލްޑް ކަޕްގައި ގޯލް ޖެހުމެވެ. އެކަމަކު މި ވޯލްޑް ކަޕްގައި ހާލަންޑް އެ ސާބިތުކޮށްދިނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައިވެސް އޭނާއަށް ގޯލް ޖެހުމަކީ ފަސޭހަ ކަމެއް ކަމެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ހާލަންޑް ކުޅުނު ކޮންމެ މެޗެއްގައި އޭނާ ވަނީ ގޯލް ޖަހައިފަ އެވެ. ގްރޫޕް ސްޓޭޖްގައި އިރާގް އަދި  ސެނެގާލް ކޮޅަށް ދެ ގޯލް ހާލަންޑް ޖެހި އިރު ގަދަ 32 ގައި އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ހާލަންޑް ވަނީ ގޯލެއް ޖަހައިފަ އެވެ. ގްރޫޕް ސްޓޭޖްގައި ނޯވޭއިން ފްރާންސް އާ ވާދަކުރި މެޗުގައި ހާލަންޑް ކުޅެފަ އެވެއް ނުވެ އެވެ.

ހާލަންޑް ވަނީ މިހާތަނަށް އޭނާ ގައުމީ ޓީމަށް ކުޅުނު  54 މެޗުގައި 62 ގޯލް ޖަހައިފަ އެވެ. މި ތަފާސް ހިސާބުން އެންމެ ހިތްގައިމު އެއް ކަމަކީ އޭގެ ތެރެއިން ޕެނަލްޓީން ޖަހާފައިވަނީ އެންމެ އަށް ލަނޑު ކަމަށް ވުމެވެ.  

ހާލަންޑް ވަނީ އެންމެ ފަހުން އޭނާ ގައުމީ ޓީމަށް ކުޅުނު 14 މެޗުގައިވެސް ގޯލް ޖަހައިފަ އެވެ. އެ 14 މެޗުގައި އޭނާ ޖެހި ގޯލްގެ އަދަދު 27 އަށް އަރާއިރު އޭނާއަށް އެންމެ ފަހުން ގޯލެއް ނުޖެހި އޮތީ ކޮން މެޗެއްގައިތޯ ބަލަން ފަހަތަށް އެނބުރިލާއިރު ފެންނަން އޮތީ  2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ނޭޝަންސް ލީގުގައި އޮސްޓްރިއާއާ ދެކޮޅަށް ނޯވޭ ކުޅުނު މެޗެވެ.

ރޭގެ މެޗުގެ ބޮޑު ބައިގައި ހާލަންޑް ގެއްލިފައި ހުއްޓަސް އޭނާއަށް ލިބުނު މަދު ފުރުސަތުތަކުގެ ބޭނުންކޮށްގެން ކާމިޔާބުކުރި ދެ ލަނޑާއެކު 2002 ވަނަ އަހަރުގެ ފަހުން އަލުން ވޯލްޑް ކަޕް އުފުލާލަން ބްރެޒިލުން ކުރަމުން އައި އުންމީދު އަނެއްކާވެސް ފެނަށްވީ އެވެ. މިދިޔަ ފަސް ވޯލްޑް ކަޕްގައިވެސް ކަން ވީހެން މިފަހަރުވެސް ބްރެޒިލްގެ އުންމީދުތަކަށް ހުރަސް މި އެޅީ ޔޫރަޕްގެ ގައުމަކުންނެވެ.

.

 

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings