ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އޮފީސް ލީގު 2025 ގެ ފައިނަލުގެ ޖާގަތައް ޕޮލިސް ކްލަބާއި ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން ހޯދައިފި އެވެ.
ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ރޭ ވަނީ ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާ ވާދަކޮށް ޕޮލިސް ކްލަބް މޮޅުވީ 0-1 އިންނެވެ. ވަރަށް ވާދަވެރިކޮށް ފެނުނު ދެވަނަ މެޗުގައި ވެމްކޯ އަތުން ސްޓެލްކޯ ފަހު ވަގުތު މޮޅުވީ 1-2 އިންނެވެ.
ޕޮލިހާއި ކަސްޓަމްސް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނެވެ. އެ ހާފުގައި ޕޮލިހަށް ޕެނަލްޓީއެއް ލިބި ބޭކާރުވި އެވެ. ކަސްޓަމްސްގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ދިން ޕެނަލްޓީ ފޮނުވާލީ ޕޮލިހުގެ ހުސައިން އަފްޚާނެވެ. އެކަމަކު އަފްޚާން ފޮނުވާލި ޕެނަލްޓީ ވަނީ ކަސްޓަމްސްގެ ގޯލްކީޕަރު އަހުމަދު މަނާފް މުހައްމަދު މަތަކޮށްފަ އެވެ.
ދެވަނަ ހާފުގައި ޕޮލިހުގެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު އަލީ (އައްމަޑޭ) އެވެ. ކަސްޓަމްސް ޓީމުގެ ހާފު މެދުން ލިބުނު ބޯޅަ އައްމަޑޭ ފޮނުވާލުމުން އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އައްމަޑޭ އެ ގޯލު ކާމިޔާބުކުރީ ކުޅެން އަރައި އޭނާ އަށް ލިބުނު ފުރަތަމަ ފުރުސަތުގަ އެވެ.
މެޗުގެ ފަހުކޮޅު ކަސްޓަމްސް އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނެވެ. އަދި، މެޗުގެ ފަހު ވަގުތު ކަސްޓަމްސްގެ މުމްތާޒް އަބްދުއްރަޝީދަށް ހުސް ގޯލަށް ޖަހަން ލިބުނު ފުރުސަތުގައި، ބޯޅައިގައި ލައްވާނުލުމުން ބޭކާރުވީ އެވެ. އޭގެފަހުން ޕޮލިހުން ވަނީ ވަރަށް ބޮޑަށް ސަމާލުވެ ތިބެ މެޗު ނިމެންދެން ލީޑުގައި ހިފަހައްޓައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިހުގެ އަބާން މުހައްމަދެވެ.

ސްޓެލްކޯގެ ކުޅުންތެރިން ސުދައިސް އުފުއްލާލައިގެން. މޮޅުވި ގޯލު ފަހު ވަގުތު ޖެހީ ސުދައިސް. ފޮޓޯ: އިމޭޖަސް.އެމްވީ
ސްޓެލްކޯ އިން ވެމްކޯ ބަލިކުރި މެޗުގައި ދެ ޓީމު ވެސް ފެނުނީ ވަރަށް އެއްވަރުކޮށެވެ. ވަރުގަދަ ސްކޮޑަކާ އެކު ނުކުތް ދެޓީމުގެ ކުރިމަތިލުމުގައި ފުރަތަމަ ގޯލު ޖެހީ ވެމްކޯ އިންނެވެ. ވެމްކޯގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުޅިބަލަން ތިބި މެޗުގައި އެޓީމުގެ ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައި މުހައްމަދު މިދުހަތެވެ. ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ދިން މޮޅު ޕާސް ހޯދުމަށް ފަހު މިދުހަތު ފޮނުވާލުމުން ގޯލުގެ މެދަށް ވަނީ ތިރިތިރިން ގޮހެވެ.
ވެމްކޯގެ ގޯލަށް ފަހު ސްޓެލްކޯ އިން ހަމަލާތައް ވަރުގަދަކުރި އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުން ނަތީޖާ ހަމަހަމަކުރި އެވެ. ހާފު މެދުން ލިބުނު ބޯޅަ ހިފައިގެން ގޮސް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން އެ ގޯލު ކާމިޔާބުކުރީ މުއާޒް އަލީ އެވެ.
ސްޓެލްކޯ ފައިނަލްގެ ޖާގަ ކަށަވަރުކުރީ މެޗުގެ ފަހުމިނެޓުގައި ޖެހި ގޯލުންނެވެ. އެޓީމުގެ ކެޕްޓަން މުހައްމަދު ވިލްފް ހުރަސްކޮށްލި ބޯޅަ، އޭރިޔާ ތެރޭ ހުހަށްހުރެ ވެއްޓިގެންފައި ގޯލަށް ވައްދާލީ ބެންޗުން ކުޅެން އެރި އަހުމަދު ސުދައިސް އަލީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސްޓެލްކޯގެ ވިލްފެވެ.
ޕޮލިހާއި ސްޓެލްކޯ ވާދަކުރާ ފައިނަލް މެޗު އޮންނާނީ މެއި 9 ވަނަ ދުވަހުގެ ރޭގަނޑު އެވެ.
ބިގް ގޭމް މޯލްޑިވްސް އިން އިންތިޒާމުކުރާ މުބާރާތުގައި 29 ޓީމަކުން ބައިވެރިވި އެވެ. މުބާރާތް ހުޅުވާލީ ސަރުކާރު އޮފީސް ތަކަށާއި ކުންފުނިތަކަށެވެ. ފުރަތަމަ މުބާރާތަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އޮފީސް ލީގު 2025 ގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.