ފުރަތަމަ ސަފްޙާ / ޚަބަރު / ވާދަވެރި ސެމީ ފައިނަލަކަށް ސްޓެލްކޯ އާއި ވެމްކޯ ތައްޔާރު

ވާދަވެރި ސެމީ ފައިނަލަކަށް ސްޓެލްކޯ އާއި ވެމްކޯ ތައްޔާރު

އެޑްމިން
އެޑްމިން
9 މަސް ކުރިން 5 މެއި 2025

މިހާރު ކުރިއަށްދާ އޮފީސް ލީގު ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިރޭ ކްލަބް ވެމްކޯ އާއި ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ވާދަކުރާއިރު މިއީ މި މުބާރާތުގައި ކުޅޭ އެންމެ ވާދަވެރި މެޗަށް ވާނެ އެވެ.

މި ދެޓީމް ވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައިވެސް ބައްދަލުކޮށްފަ އެވެ. އެ މެޗް 1-3 އިން ކާމިޔާބުކޮށްފައި ވަނީ ސްޓެލްކޯ އެވެ. ކްލަބް ވެމްކޯ އަކީ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް މިދިޔަ ދެ އަހަރުވެސް ކާމިޔާބްކުރި ޓީމެވެ. ވެމްކޯ އާއި ސްޓެލްކޯ ވަނީ މިދިޔަ އަހަރު އޮތް ކްލަބް މޯލްޑިވްސް ކަޕްގެ  ސެމީ ފައިނަލްގައިވެސް ބައްދަލުކޮށްފައެވެ. އެ މެޗް ވެމްކޯއިން ކާމިޔާބުކޮށްފައިވަނީ 2-3 އިން ސްޓެލްކޯގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އޮފީސް ލީގުގެ ސެމީ ފައިނަލާ ހަމައަށް ސްޓެލްކޯ އައިސްފައިވަނީ ކުއާޓާ ފައިނަލްގައި ފެނަކައާ ވާދަކޮށް 0-6 އިން މެޗް ކާމިޔާބުކޮށްގެންނެވެ. ވެމްކޯއިން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައިވަނީ ކުއާޓާ ފައިނަލްގައި ބީއެމްއެލްއާ ވާދަކޮށް ހަމަ އެ ނަތީޖާއިން މެޗް ކާމިޔާބުކޮށްގެންނެވެ. މުބާރާތުގައި މިހާތަނަށް ސްޓެލްކޯއިން ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާއިރު ވެމްކޯއަށް ހަމައެކަނި ނާކާމިޔާބުވީ ސްޓެލްކޯއާ ދެކޮޅަށް ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗެވެ.

އޮފީސް ލީގުގެ ސެމީ ފައިނަލްގައި މިރޭ ވެމްކޯއާ ދެކޮޅަށް ނުކުތުމުގެ ކުރިން “ފަހުމިނެޓް”އާ ވާހަކަދައްކަމުން ސްޓެލްކޯގެ ކޯޗް އުސްމާން ނަސީރު (އޮއިލޭ) ބުނެފައިވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗުގެ ނަތީޖާއަކީ މިރޭގެ މެޗަށް ނުކުންނައިރު މުހިންމު ނަތީޖާއެއް ނޫން ކަމަށެވެ.

” އެއީ މުޅިން ތަފާތު މެޗެއް. އެ މެޗާ މިރޭގެ މެޗާ އަޅާ ނުވެސް ކިޔޭނެ. އެއީ ގްރޫޕް ސްޓޭޖްގެ މެޗެއް. މީ ނޮކައުޓް މެޗެއް. އެރޭގެ މެޗުގަ އަހަރެމެންނަށް ކުރެވުނު މަސައްކަތް ރަގަޅުވެފަ ނަސީބުވެސް ރަގަޅުވެގެން އެ މެޗް އަހަރެމެންނަށް ކާމިޔާބުކުރެވުނީ.” ސްޓެލްކޯގެ ކޯޗު ބުންޏެވެ.

“މިހާ ހިސާބަށް އައިއިރު މެޗަކަށްވުރެ މެޗެއް ޓީމު ޓީމުގެ ކުޅުން ރަގަޅުވަމުން އައީ. އަހަރެމެންގެ ހުރިހާވެސް އުންމީދަކީ މިރޭގެ މެޗުވެސް ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދުން.” މިރޭގެ މެޗަށް ކުރާ އުންމީދު ހާމަކުރަމުން ސްޓެލްކޯގެ ކޯޗު އޮއިލޭ ބުނެފައިވެއެވެ.

އިދިކޮޅުން ނުކުންނަ ވެމްކޯ ޓީމާ ގުޅޭގޮތުން ވާހަކަދައްކަމުން ސްޓެލްކޯގެ ކޯޗް ބުނެފައިވަނީ ކުރީގެ މެޗުން ބަލިވިޔަސް ވެމްކޯއަކީ މޮޅު ޓީމެއް ކަމަށެވެ.

“ކުރީ މެޗްގަ ބަލިވެފަ އޮތީމަ އަޅުގަނޑު މި ބަލަނީ އެކަމަށް ބޭސްކޮށްގެންނޭ އެ ޓީމު އަންނާނީ. އެހެންވީމަ ކުރިއަށްވުރެވެސް ވަރުގަދަކޮށް އެ ޓީމު ފެންނާނެ ކަމަށް މި އުންމީދުކުރަނީ. ދެން ވެމްކޯ ޓީމަކީ ހުރިހާ ދިމާލެއްވެސް ވަރުގަދަ އަދި ބެންޗުން އަރަންވެސް ވަރަށް ރަގަޅު ކުޅުންތެރިން ތިބި ޓީމެއް. އެކަމަކު ކުރީ މެޗުގަހެން ރަގަޅަށް މަސައްކަތްކޮށްފިއްޔާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މެޗު ކާމިޔާބު ކުރެވެނޭ،” ކޯޗް އޮއިލޭ ބުންޏެވެ.

ސްޓެލްކޯގެ މުއާޒް ކުއާޓާ ފައިނަލް މެޗުގައި ބޯޅަ ފޮނުވާލަނީ. މިރޭ ސެމީގައި އެޓީމު ނުކުންނާނީ ވެމްކޯއާ ދެކޮޅަށް. ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް ވެމްކޯގެ ކޯޗު އަހްމަދު ތޯހާ ބުނެފައިވަނީ ގްރޫޕް ސްޓޭޖްގައި ސްޓެލްކޯއާ ދެކޮޅަށް ކުޅުނުއިރު ޓީމު އޮތް ހާލަތަށްވުރެ މިހާރު ހުރިހާ ގޮތަކުންވެސް ޓީމުގެ ހާލަތު ރަގަޅުކަމަށެވެ.

“ކުރީ މެޗުގެ ނަތީޖާ އެގޮތަށް އެ ނުކުތީ އެހާ ބޮޑަށް ޓީމު ތައްޔާރު ނުވެ އޮތީމަ. ވެމްކޯގަ ގިނައިން ތިބީ ވަރަށް އެކްސްޕީރިއަންސް މަދު ކުޅުންތެރިންތަކެއް. އަނެއްކޮޅުން އޭރު ކޯޗަށް ކުޅުންތެރިން ރަގަޅަށް ދަސްވެސް ނުވޭ. އެހެންވީމަ އެ މެޗުގަ ވިން އަކަށްވުރެ ބޮޑަށް އަޅުގަނޑު މަސައްކަތްކުރީ ކުޅުންތެރިން ދަސްކުރަން.” ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ވެމްކޯއަށް ކާމިޔާބުކޮށްދިން ތަޖުރިބާކާރު ކޯޗު ބުންޏެވެ.

އޮފީސް ލީގުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން އެންމެ ފަހުން ބޭއްވި ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 އަށް ދަތުރުކުރި އެއްވެސް ޓީމެއްގައި ހިމެނުނު ކުޅުންތެރިއަކަށް މި މުބާރާތުގައި ކުޅުމުގެ ފުރުސަތެއް ނުލިބެއެވެ. އެހެންވެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ވެމްކޯ އާއި ސްޓެލްކޯއިން ވެސް މުބާރާތަށް ނެރުނީ އެންމެ ފަހުގެ ކްލަބް މޯލްޑިވްސްގައި ނުކުޅޭ ކުޅުންތެރިންނެވެ. އެހާލަތުގައިވެސް މުބާރާތުގައި އެންމެ ވަރުގަދަކޮށް ފެންނަ ޓީމުތަކުގެ ތެރޭގައި ވެމްކޯ އާއި ސްޓެލްކޯ ހިމެނެ އެވެ.

މިރޭގެ މެޗަށް ވެމްކޯއިން ނުކުންނައިރު ސަމާލުކަން ދޭންޖެހޭ ކަންކަން ވަރަށް ރަގަޅަށް އެނގޭ ކަމަށާއި މެޗުން މޮޅުވެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ކޯޗު ތޯހާ ބުންޏެވެ.

“ސްޓެލްކޯ އަކީ މޮޅު ކުޅުންތެރިން ތިބި ޓީމެއް ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 އަށްވެސް ދެވޭ ވަރުގެ ޓީމެއް އެމީހުންގެ އޮތީ. އެހެންވިޔަސް އެ ޓީމުގެ ކުޅުންތެރިން ހުއްޓުވާނެ ގޮތް އަޅުގަނޑުމެންގެ ކުޅުންތެރިންނަށް މިހާރު އެނގޭނެ. ކޯޗެއްގެ ގޮތުން އަޅުގަނޑަށް ލިބިފަ ހުރި ތަޖުރިބާގެ ބޭނުން ހިފައިގެން މިރޭގެ މެޗުން މޮޅުވެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް.” މެޗުގެ ކުރިން “ފަހުމިނެޓް” އާ ވާހަކަދައްކަމުން ވެމްކޯގެ ކޯޗު ބުނެފައިވެއެވެ.

ސްޓެލްކޯ އާއި ވެމްކޯ ވާދަކުރާ ފޯރިގަދަ ސެމީ މެޗު ފަށާނީ މިރޭ 10:30 ގައި ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގަ އެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އޮފީސް ލީގު އިންތިޒާމުކުރަނީ ބިގް ގޭމް މޯލްޑިވްސް އިންނެވެ. މިއަހަރުގެ މުބާރާތުގައި 29 ޓީމު ބައިވެރިވިއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!